ޚަބަރު

އެގްރޯނެޓް އިންޑަސްޓްރިއަލް ފްރީޒޯނުގެ ދަށަށް ބަދަލުކޮށް، ދަނޑުވެރިކަން އިތުރަށް ފުޅާކުރަނީ


  • މި ޒޯން ތަރައްޤީކުރަނީ އުތުރު ތިލަފަޅުގައި

  • މިއީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހިންގާ މަޝްރޫޢެއް

  • މި މަޝްރޫޢާއެކު 800 އެއްހާ ވަޒީފާ އުފެދިގެންދާނެ

އެގްރޯނެޓްގެ މަސައްކަތްތައް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީޒޯންގެ ދަށަށް ބަދަލުކުރުމުން ދަނޑުވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކުރުމަށް މަގުފަހިވެގެންދާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ، އުތުރު ތިލަފަޅުގައި ސަރުކާރުން ޤާއިމުކުރާ ދަނޑުވެރިކަމުގެ އިޤްތިޞާދީ ސަރަޙައްދު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް މިއަހަރު ފަހުކޮޅު ފެށުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މިކަމުގައި އެގްރޯނެޓްގެ ދައުރުވެސް މުހިންމުވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި ތަން ތަރައްޤީކުރުމުގެ މަސައްކަތްކުރަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީޒޯން ކުންފުނީގެ ފަރާތުން ޗައިނާގެ ހާބަރ އިންޖިނިއަރިންގް ކޮމްޕެނީ ލިމިޓެޑާއި ޙަވާލުކޮށްގެންނެވެ. އެކަމުގެ އެއްބަސްވުމުގައި އެކުންފުންޏާއެކު ސޮއިކޮށްފައިވަނީ މިއަހަރުގެ މާރިޗުމަހުގެ 28 ވަނަ ދުވަހުއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، އުތުރުތިލަފަޅުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ އެގްރިކަލްޗަރ އިކޮނޮމިކް ޒޯން ނުވަތަ ދަނޑުވެރިކަމުގެ އިޤްތިޞާދީ ސަރަޙައްދު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފެށޭނެކަމަށެވެ. މިއީ ގާތްގަނޑަކަށް 250 މިލިޔަން އެމެރިކާ ޑޮލަރުގެ ބޮޑު މަޝްރޫޢެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ދަނޑުވެރިކަމުގެ އިޤްތިޞާދީ ސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާއިރު، ދަނޑުވެރިކަމުގެ މަސައްކަތްތަކަށް ޚާއްސަކޮށްގެން 2020 ވަނަ އަހަރު އުފެއްދި އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑް، އެގްރޯނެޓްގެ މަސައްކަތްތައް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީޒޯން ކުންފުނީގެ ބައެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެކުންފުނި މިހާތަނަށް ހިންގަމުން ގޮސްފައިވަނީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޮމްޕެނީގެ ދަށުންނެވެ.

ވަޒީރު ވިދާޅުވީ، މާލޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ އުތުރާއި ދެކުނުގައިވެސް ދަނޑުވެރިކަމުގެ ޚާއްސަ ޒޯންތަކެއް ތަރައްޤީކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ. އަދި މިގޮތަށް ހަމަޖެއްސުމުން ދަނޑުވެރިކަމަކީ އާމްދަނީ ލިބޭ ސިނާޢަތެއްގެ ގޮތުގައި ހެދުމަށް މަގުފަހިވެގެންދާނެކަމަށެވެ.

"ރިސޯސް އެކި އެކި ކުންފުނިތަކަށް ބެހިގެން ނުދާނެގޮތަށް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް މަސައްކަތެއްގޮތަށް ދަނޑުވެރިންނަށްވެސް ތަރުކާރީއާ މޭވާ އުފައްދާ ބޭފުޅުންނަށްވެސް އެންމެ ނަފާވެރިކަން ބޮޑުވާނީ މި ދެ ކުންފުނި ސީނަޖައިޒްކޮށްގެން. އެހެންވީމަ އެގްރޯނެޓް ހިމެނިގެން މިދަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީޒޯން ކުންފުނީގެ މަސައްކަތެއްގެ ގޮތުގައި. އެހެންވީމަ ކުރިންނެތް ފަސޭހައެއް މިކަމުގެ ސަބަބުން ވެގެންދާނެ." ވަޒީރު ވިދާޅުވިއެވެ.

އުތުރު ތިލަފަޅުގައި ތަރައްޤީކުރާ ދަނޑުވެރިކަމުގެ އިޤްތިޞާދީ ޒޯނަކީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް، އިޤްތިޞާދަށް ފައިދާވާ ސިނާޢަތެއްގެ ގޮތުގައި ދަނޑުވެރިކަން ކުރިއަރުވަން ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބިޔަ މަޝްރޫޢުގެ ގޮތުގައި ސަރުކާރުން ފާހަގަކުރައްވައެވެ.

އުތުރު ތިލަފަޅުގައި ޤާއިމްކުރާ ދަނޑުވެރިކަމުގެ އިޤްތިޞާދީ ސަރަހައްދުގައި ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ 15 ވަރަކަށް ބާވަތުގެ ތަރުކާރީ އާއި މޭވާ ހައްދައި ބާޒާރަށް ނެރޭނެކަމަށް އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މި މަޝްރޫޢާގުޅޭ މުހިންމު މަސައްކަތްތަކެއް ރާއްޖޭން ބޭރުގައިވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ވެލީގެ ފެންވަރާއި އަވިދޭ މިންވަރު ބެލުމުގެ ދިރާސާތައް ބައިނަލްއަޤްވާމީ ފެންވަރުގެ ލެބޯޓްރީއެއްގައި ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ.

މި މަޝްރޫޢާއެކު 800 އެއްހާ ވަޒީފާގެ ފުރުޞަތު ހުޅުވިގެންދާނެ ކަމަށާއި ރާއްޖޭގައި އެ ބާވަތްތައް އުފައްދަން ފެށުމުން އިމްޕޯޓަށް ބަރޯސާވުން ކުޑަވެ، ކާބޯތަކެތީގެ އަގުތައް ދަށްވެގެންދާނެކަން އިޤްތިސާދީ ތަރައްޤީއާ ބެހޭ ވަޒީރު ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢުގެ ދަށުން އުތުރު ތިލަފަޅުގެ ބިން ހިއްކުމާއި، ޕްރައިމަރީ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމާއި، ދަނޑުވެރިކަމުގެ އިންޑަސްޓްރިއަލް ޕާކް ތަރައްޤީކުރުމާއި، ފަސިންޖަރުންނާއި މުދާ އުފުލުމުގެ ޓަރމިނަލްތައް ޤާއިމުކުރުމާއި، މިނޫންވެސް ގުޅުންހުރި ޢުމްރާނީ ވަސީލަތްތައް މި ސަރަޙައްދުގައި ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.