ޚަބަރު

އަމާޒަކީ މާލެ ސަރަޙައްދުގެ ފެނާ ނަރުދަމާ ޚިދުމަތުގެ ރައްކާތެރިކަން ކަށަވަރުކުރުން: ވަޒީރު ޑރ. މުއްޠަލިބް


  • ފެން ރައްކާކުރާ އިތުރު ސްޓޯރޭޖްތަކާއެކު ފެން ފޯރުކޮށްދިނުމަށް ފަސޭހަވާނެ

  • މިހާރުވެސް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް 24000 ޓަނުގެ ފެން ބޭނުންވޭ

އަމާޒަކީ މާލެ ސަރަޙައްދުގެ ފެނާ ނަރުދަމާ ޚިދުމަތުގެ ރައްކާތެރިކަން ރައްކާތެރިކަން ކަށަވަރުކުރުންކަމަށް އިމާރަތް ކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމްޑަބްލިޔުއެސްސީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލޭގައި ބަހައްޓާ 10ހާސް ޓަނުގެ ފެން ރައްކާކުރެވޭ ތާނގީގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައެވެ.

މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ކޮންމެ ދުވަހަކަށް ބޭނުންވާ ފެނުގެ މިންވަރަކީ ބޮޑު އަދަދެއްކަން ފާހަގަކުރައްވާ ވަޒީރު މުއްޠަލިބް ވިދާޅުވީ މިހާރުވެސް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް 24000 ޓަނުގެ ފެން ބޭނުންވާކަމަށެވެ. އަދި ހުޅުމާލޭއަށް 12000 ޓަނުގެ ފެން އާންމުކޮށް ބޭނުންވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން ސަރުކާރުގެ އަމާޒަކީ އެމްޑަބްލިޔުެސްސީއަށް ދޭންޖެހޭ އެހީތެރިކަންދީގެން މާލެ ސަރަޙައްދުގެ ފެނާ ނަރުދަމާގެ ޚިދުމަތް އެކަށީގެން ވާގޮތުގައި ފޯރުކޮށްދިނުމަށް ކުރަންޖެހޭ ކަންކަން ކުރުންކަމަށެވެ.

"ބޮޑެތި އިމާރާތްތައް އެޅުމެއް ނޫން މުހިއްމީ. ރައްޔިތުންނަށް ފޯރުކޮށްދެ އަސާސީ ޚިދުމަތްތައް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުން މުހިއްމީ. ސަރުކާރުން މަސައްކަތް ކުރާނީ ރައްޔިތުންނަށް ފޯރުކޮށްދެން ޖެހޭ އަސާސީ ޚިދުމަތް ރަނގަޅަށް ފޯރުކޮށްދިނުމަށް ދޭން ޖެހޭ ވަޞީލަތްތައް ފޯރުކޮށްދީ ރައްކާތެރިކަން ކަށަވަރުކުރުން" އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.

މާލޭގެ މިބުމުގެ ދަތިކަމުގެ ބޮޑުކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ 2018 ވަނަ އަހަރު ސިނަމާލެ ބްރިޖް ހުޅުވިއިރު މާލެއާ ހުޅުމާލޭއަ ދެމެދު ފެން ފޯރުކޯށްދިނުމަށް ހޮޅިއެއް އަޅާފައިވާކަމަށެވެ. ނަމަވެސް ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި އެ ހޮޅި މެދުވެރިކޮށް ފެން ފޯރުކޮށްދިނުމުގެ ކަންކަމަށް އޭރުގެ ސަރުކާރުން ސަމާލުކަން ދީފައި ނެތްކަމަށެވެ.

އެހެންނަމަވެސް މިހާރު މާލެ އާއި ހުޅުމާލެއާ ދެމެދު ބްރިޖް މެދުވެރިކޮށް ފެން ފޯރުކޮށްދިނުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ފަށާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އޭގެ ސަބަބުން ފެނަށްޖެހުންފަދަ ކަމެއް ދިމާވިނަމަވެސް ފެން ފޯރުކޮށްދިނުމާއި މެދުނުކެނޑި ފެން ރައްކާކުރާ އިތުރު ސްޓޯރޭޖްތަކާއެކު އިތުރަށް އެނިޒާމު ވަރުގަދަވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.