ޚަބަރު

ޗިލީއާ ދެކޮޅަށް އާޖެންޓީނާ ނުކުންނައިރު އަނިޔާގެ މައްސަލަ


2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕުގެ ކޮލިފައިންގައި ޗިލީއާ ދެކޮޅަށް ނިކުންނައިރު، އާޖެންޓީނާއަށް ވަނީ އަނިޔާގެ މައްސަލަ ކުރިމަތިވެފައެވެ.

ބޮއިނިސް އައިރިސްގެ މޮނިއުމެންޓަލް ސްޓޭޑިއަމްގައި މާދަމާރޭ ކުޅޭ މި މެޗަށް އާޖެންޓީނާ ނިކުންނައިރު އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ އަށް ނުކުޅެވޭނެ އެވެ. މެސީ އަށް އަނިޔާ ވެފައިވަނީ ކޯޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ކޮލަމްބިއާ އާއި ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗަށްފަހު މެސީ އަދި އެއްވެސް މެޗެއް ކުޅެފައެއް ނުވެއެވެ.

މީގެ އިތުރުން ފާއިތުވެދިޔަ ދުވަސްތަކުގައި އާޖެންޓީނާ އަށް މުހިންމު ލަނޑުތަކެއް ޖަހައިދީފައިވާ އެންހަލް ޑިމާރިޔާ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައިވާތީ އޭނާ ވެސް މި މެޗުގައި ނުފެންނާނެ އެވެ. އާޖެންޓީނާގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނެފައިވާ ގޮތުގައި ޑިމާރިއާ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައިވާތީ މި މެޗުގައި އޭނާއަށް ވަދާއީ ޚާއްސަ ކަންތައްތަކެއް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އާޖެންޓީނާގެ ޑިފެންޑަރު ލިސަންދްރޯ މާޓިނޭޒް ބުނެފައިވަނީ މެސީ އާއި ޑިމާރިއާ މި މެޗުގައި ނުފެނުނު ނަމަވެސް އެތަން ފޫބެއްދޭނެކަމާއި ޓީމުގެ ކުޅުންތެރިން ތައްޔާރުވަމުންދަނީ އެކަމަށް ވިސްނައިގެން ކަމަށެވެ.

ޗލީއާ ދެކޮޅަށް ކުޅުމަށްފަހު، އެންމެ ފަހުގެ ޗެމްޕިއަން އަދި ޖެހިޖެހިގެން ދެ ފަހަރު މަތިން ކޯޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކޮށްފައިވާ އާޖެންޓީނާ ކޮލިފައިންގައި ދެން ނިކުންނާނީ ކޮލަމްބިއާއާ ދެކޮޅަށެވެ. ކޮލިފައިންގައި އާޖެންޓީނާ މިވަގުތު އޮތީ 15 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ.