ޚަބަރު

ރައީސްގެ އިރުޝާދާ އެއްގޮތަށް ޓްރެފިކް ގަވާއިދުތަކާއި ޤާނޫނު ތަންފީޒުކުރުން ހަރުދަނާކުރާނަން: ވަޒީރު އަމީން


  • ބާރު ސްޕީޑުގައި އުޅަނދު ދުއްވުމުގެ މައްސަލަ ޙައްލުކުރަން ފިޔަވަޅުތައް އަޅުއްވާނެކަމަށް ވިދާޅުވި

  • މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރެއްވުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާކަން ފާހަގަކުރެއްވި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާ އެއްގޮތަށް ޓްރެފިކް ގަވާއިދުތަކާއި، ޤާނޫނު ތަންފީޒުކުރުން ހަރުދަނާކޮށް މިހާރުން މިހާރަށް ކުރަންޖެހޭ ކަންކަން ކުރައްވަމުން ގެންދަވާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ދެއްވައިިފިއެވެ.

ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވުމާގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ދަތުރުފަތުރާބެހޭ ވަޒީރު މުޙައްމަދު އަމީން ވަނީ، މި ޙާދިސާގައި ނިޔާވި ޒުވާނާގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާ، ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރައްވާފައެވެ.

ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި އިރުޝާދާ އެއްގޮތަށް މަގުތަކަކީ ރައްކާތެރި އަމާން ތަނަކަށް ހެދުމަށްޓަކާ ނުރައްކާތެރި ގޮތްގޮތަށް އުޅަނދު ދުއްވުމުގެ މައްސަލަ ޙައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒީ އިދާރާތަކާގުޅިގެން އަޅުއްވާނެކަމަށެވެ. އަދި ޓްރެފިކް ގަވާއިދުތަކާއި ޤާނޫނު ތަންފީޒުކުރުން ހަރުދަނާކޮށް، މިހާރުން މިހާރަށް ކުރަންޖެހޭ ކަންކަން ކުރަމުން ގެންދާނެކަމުގެ ޔަޤީންކަން އަރުވާކަމަށް ވަޒީރު ވިދާޅުވިއެވެ.


ދަތުރުފަތުރާބެހޭ ވަޒީރުގެ ޕޯސްޓުގައި މަގުތަކަކީ އެންމެނަށް ރައްކާތެރި އަމާންތަނަކަށް ހެދުމަށް އެންމެން އެކުގައި މަސައްކަތްކުރެއްވުމަށް އާންމުންގެ ކިބައިން ވަނީ އިލްތިމާސްކުރައްވާފައެވެ.

ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއްގައި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި ޒުވަނަކު ނިޔާވުމާއި ގުޅިގެން ރާއްޖޭގެ އެއްވެސް ރަށެއްގައި، އެއްވެސް ވަގުތަކު ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ޤާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އެކަންކަން ތަންފީޒުކުރަން ފަށަން ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އަންގަވާފައެވެ.