ޚަބަރު

އިސްރާއީލު ޕާސްޕޯޓު މަނާކުރުމުގެ މަސައްކަތް ފެށޭ ދައުރުގައި ބާރަށް ކުރިއަށްދާނެ: ތަރުޖަމާނު


  • ޕާސްޕޯޓް ބޭންކުރަން މަޖިލީހަށް ވަނީ އިޞްލާހު ހުށައަޅާފައި

އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެނުވެވޭ ގޮތަށް ހެދުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ފެށޭ ދައުރުގައި ބާރަށް ކުރިއަށްދާނެކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މި ސަރުކާރަކީ ފަލަސްތީނުގެ މިނިވަންކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރާ އެއް ސަރުކާރު ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ފަލަސްތީނުގެ ރައްޔިތުންގެ ޙައްގުގައި އެކި ޕްލެޓްފޯމްތަކުގައި އެމަނިކުފާނުގެ ޚިޔާލު ފާޅުކުރައްވަމުން ގެންދަވާ ކަމަށްވެސް ހީނާ ވިދާޅުވިއެވެ.

މި ސަރުކާރުން ފަލަސްތީނާ ދޭތެރޭގައި ގެންގުޅުއްވާ ސްޓޭންޑަށް ބަދަލެއް ނާންނަކަމުގެ ޔަޤީންކަންވެސް ހީނާ ވަނީ ދެއްވާފައެވެ.

"ފަލަސްތީނަކީ އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުން ދިރިއުޅެމުން އަންނަ ޤައުމެއް. އެހެންކަމުން ފަލަސްތީނާ ދޭތެރޭގައި އަޅުގަނޑުމެންގެ އޮތް ސްޓޭންޑެއް ބަދަލެއް ނުވޭ. މިހާރު ރައްޔިތުންގެ މަޖިލިސް މިއޮތީ ޗުއްޓީގައި. އިރާދަކުރެއްވިއްޔާ ޗުއްޓީއަށްފަހު މަޖިލިސް ފެށިގެންދާއިރު މި މަސައްކަތްތައް (އިސްރާއީލުގެ ޕާސްޕޯޓް ބޭން ކުރުމުގެ މަސައްކަތް) ވަރަށް ބާރަށް ކުރިއަށްދާނެ،" ތަރުޖަމާނު ވިދާޅުވިއެވެ.

އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެ ވަނުން މަނާކުރުމަށް ހުށަހެޅުއްވި ބިލު މަޖިލީހުން ބަލައިގަނެ، ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގައި އަންނަނީ ދިރާސާކުރަމުންނެވެ.

މިކަމާ ގުޅޭގޮތުން ބަންޑާރަ ނައިބު އަލްއުސްތާޛް އަޙްމަދު އުޝާމް ވިދާޅުވެފައިވަނީ، މިހާރު ބިލު ހުށައަޅާފައި އޮތް ގޮތުން އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުމުގެ މައްސަލައަށް މުޅިއެކު ހައްލެއް ލިބޭނެކަމަށް ޤަބޫލުނުކުރައްވާކަމަށެވެ. އަދި އެ ބިލަށް އިތުރު އިސްލާހުތަކެއް ގެންނަންޖެހޭކަމަށްވެސް ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވިއެވެ. އެ އިޞްލާހުތައް ކޮމިޓީ މަރުހަލާގައި ގެނައުމަށް މަސައްކަތްކުރަމުން އަންނަކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މި ޕްރެސްކޮންފަރެންސްގައި ތަރުޖަމާނު ވިދާޅުވީ ފަލަސްތީނަށް އެހީވުމަށް ސަރުކާރުގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދިޔަ ޓެލެތޯނުން ލިބުނު ފައިސާ މިހާރު އަންރުވާ އެކައުންޓަށް ޖަމާކުރެވިފައިވާ ކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާ ކުރުމަށް ސަރުކާރުން ނިންމި މަސް ދަޅު ކޭސްތަކުގެ ފުރަތަމަ ޝިޕްމަންޓް މި މަހުގެ 15 ވަނަ ދުވަހު ފުރުވާލުމަށް ތައްޔާރުވެފައިވާ ކަމަށްވެސް ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ ފުރަތަމަ ޝިޕްމަންޓުގައި 7800 ކޭސް ފޮނުވާނެ ކަމަށާއި، ފަލަސްތީނުގެ ރައްޔިތުންނާ އެތަކެތި ހަވާލުކުރެވޭނެކަމަށް ބެލެވެނީ 40 ދުވަހުގެ ފަހުންކަމަށެވެ. މަސްދަޅު ކޭސްތައް ހަވާލުކުރުމަށް ނިންމާފައިވަނީ އިޖިޕްޝަން ރެޑްކްރެސެންޓު މެދުވެރިކޮށް ފަލަސްތީނުގެ ރެޑްކްރެސެންޓް ސޮސައިޓީއާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވިއެވެ.