ޚަބަރު

ބަހްރެއިން އަތުން ޖަޕާނަށް ތަފާތު ބޮޑު މޮޅެއް


2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕުގެ ކޮލިފައިންގައި އިއްޔެ ބަހްރެއިނާ ދެކޮޅަށް ކުޅުނު މެޗު 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޖަޕާނުން ކާމިޔާބުކޮށްފިއެވެ.

ބަހްރޭނުގެ ރިފާގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 37 ވަނަ މިނިޓުގައި ޖަޕާނަށް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ފެނޫޑަށް ކުޅެމުންދާ އަޔާސީ އުއޭޑާގެ ފަރާތުންނެވެ. އަދި ދެވަނަ ހާފްގެ ކުޅުން ފެށުނުތާ ދެވަނަ މިނިޓުގައި އޭނާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.

ޖަޕާނުން މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ 61 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ހިޑެމާސާ މޮރީޓާ އެވެ. އަދި އޭގެ ތިން މިނިޓް ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފަ އެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ނުވަ މިނިޓަށް ވެފައިވަނިކޮށް ކޮކީ އޮގާވާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 5-0 އަށް ބަދަލުކޮށްފަ އެވެ.

މި މެޗުން މޮޅުވުމާއެކު ޖަޕާނުން ވަނީ ކޮލިފައިންގެ ގްރޫޕް ސީގައި މިހާތަނަށް ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް ހަ ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނަ ހޯދާފަ އެވެ. އަދި މި ދެ މެޗުގައި ޖަޕާނުން ވަނީ 12 ގޯލު ޖަހާފަ އެވެ.

މި ގްރޫޕުގައި އިއްޔެ ރަށުން ބޭރުގައި އިންޑޮނޭޝިއާ އާއި ދެކޮޅަށް އޮސްޓްރޭލިއާ ކުޅުނު މެޗު ނިމިފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ދެ ޓީމު އެއްވަރުވެގެންނެވެ. ކޮލިފައިންގެ ފުރަތަމަ މެޗުގައި އޮސްޓްރޭލިއާ ވަނީ ބަހްރޭން އަތުން 1-0 ގެ ނަތީޖާއަކުން އަމިއްލަ ގައުމުގައި ބަލިވެފަ އެވެ.

ގްރޫޕް ސީ ގައި ރޭ ސައުދި އަރަބިއްޔާ އާއި ދެކޮޅަށް އަމިއްލަ ދަނޑުގައި ޗައިނާ ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ސައުދި އަރަބިއްޔާ އެވެ.