ޚަބަރު

ޕާޓީއެއްތެރޭގައި ބާއްވާ އެންމެ ބޮޑު އިންތިޚާބަށް ޕީއެންސީން ހުޅުވާލައިފި


  • އިންތިޚާބުގައި 2095 މަޤާމަށް މީހުން ހޮވާނެ

  • އިންތިޚާބު އޮންނާނީ އަންނަ މަހު 19 ގައި

ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީން ބޭއްވުމަށް ނިންމާފައިވާ އެޕާޓީގެ އެތެރޭގެ އިންތިޚާބު ވާނީ، މިހާތަނަށް ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ ބޮޑު ޕާޓީގެ އެތެރޭގެ އިންތިޚާބަށްކަމަށް އެޕާޓިގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރުން އިބްރާހީމް ފަލާޙު ވިދާޅުވެއްޖެއެވެ.

ފަލާޙު މިހެން ވިދާޅުވީ ޕީއެންސީގެ އިންތިޚާބީ ކޮމިޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީއެންސީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާޙު ވިދާޅުވީ ޕީއެންސީގެ އެތެރޭގެ އިންތިޚާބުގައި އެކި ރަށްރަށުގެ ސްޓިއަރިން ކޮމިޓީތަކުގެ މެންބަރުންނާއި ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުން ހޮވާނެ ކަމަށެވެ. އެގޮތުން ޖުމްލަ ދެދާހަށްވުރެ ގިނަ މަޤާމަށް މެންބަރުން ޢައްޔަންކުރައްވާނެކަމަށްވެސް ފަލާޙް ވިދާޅުވިއެވެ. އަދި މިއީ ސިޔާސީ ޕާޓީއަކުން ބާއްވާ ޕާޓީގެ އެތެރޭގެ އެންމެ ބޮޑު އިންތިޚާބަށް ވާނެކަމަށްވެސް ޕީޖީ ލީޑަރު ވިދާޅުވިއެވެ.

"އިންތިޚާބު ބާއްވާއިރު އަޅުގަނޑުމެންގެ އަމާޒަކީ ނޮވެންބަރުމަހުގެ ނިޔަލަށް އެންމެ ބޮޑު ޕާޓީއަށް ޕީއެންސީ ހެދުން, 75000 މެންބަރުންނާއެކު. މި އިންތިޚާބުގައި ޖުމްލަ 2095 މަޤާމަށް މެންބަރުން ހޮވާނެ. މިހާރުވެސް ދަފްތަރުގައި ތިބި މީހުން ހިމެނޭހެން 50000 މެންބަރުން ހަމަވާވަރަށް މެންބަރޝިޕް ފޯމު އެބަހުރި." ފަލާޙު ވިދާޅުވިއެވެ.

މެންބަރުން އިންތިޚާބުކުރާ މަޤާމުތައް:

• ދާއިރާގެ ރައީސުން
• ދާއިރާގެ ނައިބު ރައީސުން
• ރަށްރަށުގެ ޒުވާނުންގެ ޙަރަކާތުގެ ރައީސުން
• ރަށްރަށުގެ އަންހެނުންގެ ޙަރަކާތުގެ ރައީސުން
• ސްޓިރިއަން ކޮމިޓީތަކުގެ މެންބަރުން

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޕީއެންސީގެ އިންތިޚާބީ ކޮމިޓީގެ މެންބަރު އަދި ޞިއްޙީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ ޕީއެންސީގެ އެތެރޭގެ އިންތިޚާބު އޮންނާނީ އަންނަ މަހުގެ 19 ވަނަ ދުވަހު ކަމަށެވެ.

ވަޒީރު ވިދާޅުވީ އިންތިޚާބަށް ކުރިމަތިލުމަށް މިހާރު ހުޅުވާލާފައިވާ ކަމަށާއި، މިމަހުގެ 30 ވަނަ ދުވަހު އިރުއޮއްސި 6 ޖެހުމުގެ ކުރިން ފޯމު ހުށައަޅަންޖެހޭނެކަމަށެވެ.

ވަޒީރު ވިދާޅުވީ އިންތިޚާބުގައި ދާއިރާތަކުގެ ގޮތުގައި ބަލާނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުކޮށްފައިވާ ދާއިރާތަކަށް ކަމަށެވެ. އަދި މި ދާއިރާތަކުގެ ތެރެއިން މިހާރު ޕީއެންސީގެ މަޖިލިސް މެންބަރުން ތިބި ދާއިރާތަކުގެ ރައީސުންނަށް ވާނީ އެ މެންބަރުން ކަމަށާއި، އެ ދާއިރާތަކުގެ ރައީސުން ހޮވުމަށް އިންތިޚާބެއް ނޯންނާނެ ކަމަށެވެ. ނަމަވެސް ޕީއެންސީގެ މެންބަރުން މަޖިލީހުގައި ނުތިބޭ ދާއިރާތަކަށް، ދާއިރާތަކުގެ ރައީސުން އިންތިޚާބުކުރާނެ ކަމަށް ޚަލީލް ވިދާޅުވިއެވެ. އަދި ހުރިހާ ދާއިރާއަކަށްވެސް ނައިބު ރައީސުން އިންތިޚާބުކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"ދާއިރާތަކުގެ ރައީސްކަމަށް ކުރިމަތިލާ މީހުން، މިހާރު ޕާޓީގެ ދަފްތަރުގައި ނުހިމެނޭ 50 މެންބަރޝިޕް ފޯމު ހުށައަޅަންޖެހޭނެ. އަދި ނައިބު ރައީސްކަމަށް ކުރިމަތިލާ މީހުން އައު 25 މެމްބަރޝިޕް ފޯމު ހުށައަޅަންޖެހޭނެ." ވަޒީރު ވިދާޅުވިއެވެ.


ޕީއެންސީގެ އިންތިޚާބީ ކޮމިޓީގެ މެންބަރު އަދި ޞިއްޙީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ ކޮންމެ ރަށެއްގައިވެސް ސްޓިއަރިން ކޮމިޓީތަކަށް މެންބަރުން ހޮވާނެ ކަމަށެވެ. އެގޮތުން ރަށެއްގައި 3000 މީހުން އާބާދީގައި ހަމަނުވާނަމަ، އެ ރަށެއްގައި ސްޓިއަރިން ކޮމިޓީއަށް އިންތިޚާބުކުރާނީ 7 މެންބަރުން ކަމަށާއި 3000 މީހުންނަށްވުރެ އާބާދީ ބޮޑުނަމަ 9 މެންބަރުން އިންތިޚާބުކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ޕީއެންސީން މަޢުލޫމާތުދޭ ގޮތުގައި އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓު އަންނަ މަހުގެ 4 ވަނަ ދުވަހު ޢާންމުކޮށް ޝަކުވާއަށް ހުޅުވާލާނެއެވެ. އަދި ޝަކުވާއަށް ހުޅުވާލުމަށްފަހު އަންނަ މަހުގެ 8 ގައި ވޯޓުލެވޭ މީހުންގެ ފައިނަލް ލިސްޓު ޢާންމު ކުރާނެކަމަށް ޕީއެންސީން ބުންޏެވެ. އެޕާޓީގެ އެތެރޭގެ އިންތިޚާބު އަންނަ މަހު 19 ގައި ބޭއްވުމަށްފަހު ރަސްމީ ނަތީޖާ އިޢުލާންކުރުން އޮންނާނީ އެ މަހު 24 ގައި ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީއެންސީން ބުންޏެވެ.