ޚަބަރު

ބީއެމްއެލްއިން ގްރެޖުއޭޓް އިންޓަރންޝިޕް ޕްރޮގްރާމަށް ހުޅުވާލައިފި


  • މިއީ މަތީ ތައުލީމު ނިންމާ ދަރިވަރުންނަށް ކުރިއަށްގެންދާ ޕްރޮގްރާމެއް

  • 6،000 ރުފިޔާގެ މުސާރަ ލިބޭނެ

ބޭންކް އޮފް މޯލްޑިވްސް އިން މިއަހަރުގެ ގްރެޖުއޭޓް އިންޓަރންޝިޕް ޕްރޮގްރާމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމަކީ ރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކުން ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް އެއްއަހަރުގެ މުއްދަތަކަށް ބޭންކް އޮފް މޯލްޑިވްސްއިން ހިންގާ ޕްރޮގްރާމެއްކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

މި އިންޓާންޝިޕް ޕްރޮގްރާމް މެދުވެރިކޮށް ދަރިވަރުންނާއި ދަސްވެނިންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ލިބުމުގެ އިތުރުން ބީއެމްއެލް ނުވަތަ މާލީ ދާއިރާގެ އެހެން އިދާރާއަކުން ދާއިމީ ވަޒީފާއެއް ހޯދުމަށް ފުރުޞަތުވެސް ލިބިގެންދެއެވެ.

އިންޓާންޝިޕް މުއްދަތުގައި ބައިވެރިންނަށް ދެވޭ ތަޖުރިބާ އާއި ހުނަރު އިތުރުކުރުމަށް ބައިވެރިންނަށް ބޭންކުގެ އެކިއެކި ބިޒްނަސް ޔުނިޓްތަކާއި ޑިޕާޓްމަންޓްތަކާއި ބްރާންޗްތަކުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

މި ޕްރޮގްރާމްގެ ދަށުން ބައިވެރިންނަށް ކޮންމެ މަހަކު 6،000 ރުފިޔާގެ މުސާރަ އަދި ރަމަޟާން މަހުގެ ބޯނަސް އިތުރުން ޕެއިޑް ލީވް ލިބޭނެކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ. އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވާން ބޭނުން ފަރާތްތަކުން މިމަހުގެ 17 ވަނަ ދުވަހުގެ ކުރިން https://careers.bankofmaldives.com.mv އޮންލައިންކޮށް ހުށަހެޅޭނެއެވެ.