ޚަބަރު

ކަނޑުއޮތްގިރީގެ މަސް ކާރުޚާނާ ފެލިވަރަށް ބަދަލުކޮށް އަންނަ މަހު އޮޕަރޭޝަނަށް ގެނެވޭނެ: މިފްކޯ


  • ކަނޑުއޮތްގިރި އެމްއެންޑީއެފްގެ ދަށަށް ބަދަލުކުރީ ކެބިނެޓްގެ ނިންމެވުމަކުން

ކަނޑުއޮތްގިރީގެ މަސް ކާރުޚާނާ ފެލިވަރަށް ބަދަލުކޮށް، އަންނަ މަހު އޮޕަރޭޝަނަށް ގެންނަން ނިންމާފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯއިން ވިދާޅުވެއްޖެއެވެ. ކ.ކަނޑުއޮތްގިރި ފިޝް ވިލެޖު އެމްއެންޑީއެފަށް ދިނުމަށް ކެބިނެޓުގެ މަޝްވަރާއިން ނިންމީ އޮގަސްޓް މަހުއެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯއިން ވިދާޅުވީ ކަނޑުއޮތްގިރީގެ މަސް ކާރުޚާނާ ފެލިވަރަށް ބަދަލުކުރުމުގެ މަސައްކަތް ފަސްވަރަކަށް ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށާއި މި މަހު ފަހުކޮޅު ނުވަތަ އަންނަ މަހު ކުރީކޮޅުގައި އެތަން ބޭނުންކުރަން ފަށާނެ ކަމަށެވެ.

މިފްކޯއިން ވިދާޅުވީ އެތަނުގެ ބާކީ ހުރި ޕްރޮޑަކްޝަނަށް ބޭނުންވާ ސާމާނު އެ ރަށުން ބޭލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، އޭގެ ތެރޭގައި ހެވީ ޑިއުޓީ އިކުއިޕްމެންޓް ހިމެނޭތީ ލޭންޑިން ކްރާފްޓާއި ކްރޭން ބޭނުންކޮށްގެން ކުރިއަށް ގެންދަން ޖެހޭ މަސައްކަތަކަށްވުމުން ލަސްކަމެއް އައިސްދާނެކަމަށެވެ. އަދި މި މަހުގެ 15 ގެ ކުރިން އެތަން ހުސްކުރަން ޖެހޭތީ އިތުރު މުއްދަތެއް ހޯދުމަށް އެމްއެންޑީއެފްއާއެކު މަޝްވަރާ ކުރަމުންދާކަމަށްވެސް އެކުންފުނިން ވިދާޅުވިއެވެ.


ޖުމްލަ 4 ހެކްޓަރުގެ ކަނޑުއޮތްގިރިއަކީ މިވަގުތު މިފްކޯއިން އުފައްދާ ލައިފްސްޓައިލް ޕްރޮޑަކްޓްތަކުގެ މައިހަބެވެ. އޭގެ ތެރޭގައި ރެޑީ މޭޑް ނުވަތަ ތާޒާކަމާއެކު ވަގުތުން ގަނެގެން ކެވޭ ގިނަ ބާވަތްތަކުގެ އުފެއްދުންތައް ހިމެނެއެވެ. އަދި އެ ފެސިލިޓީން މަސްވެރިންނަށްވެސް އައީ ޚިދުމަތް ދެމުންނެވެ. އޭގެ ތެރޭގައި ކަޅުބިލަމަހާއި ކަންނެލި މަސް ކިރުމާއި، މަސް ބަންދުކުރުމާއި، ލައިފްސްޓައިލް ޕްރޮޑަކްޓްތައް އުފެއްދުމުގެ އިތުރުން މަސްވެރިންނަށް އައީ އައިސް ދޫކުރަމުންނެވެ. ކަނޑުމަހާއި ކަންނެލި މަހުގެ ލޮއިންސް ބަންދުކުރުމުގެ މަސައްކަތްވެސް ކުރަމުން އައީ ކަނޑުއޮތްގިރީގައެވެ.

ކަނޑުއޮތްގިރި ފެސިލިޓީއަށް ސައުދީ ފަންޑުގެ އިތުރުން އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކު (އައިއެސްޑީބީ) ގެ ފަންޑުގެ ދަށުން 8 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް ޕްލޭންކުރެވިފައިވާއިރު، އެ އިންވެސްޓްމެންޓް ކުރިއަށް ގެންދަން ހުޅުމާލެއިން ބިމެއް ހަމަޖެހިގެން ދިއުމަކީ ޚާއްސަ އަހައްމިއްޔަތުކަމެއް ދީގެން ކުރަންޖެހިފައިވާ މަސައްކަތެއްކަމަށް މިފްކޯއިންދެކެއެވެ.

މަސްވެރިންނަށް ބޭނުންވާ ޖާގަ ހުޅުމާލެ ބަނދަރު ސަރަހައްދުން ހޯދުމަށް އެޗްޑީސީއާއެކު ސަރުކާރުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާއިގުޅިގެން މިފްކޯއިން ވިދާޅުވީ އަދި ހުޅުމާލެއިން ވަކި ބިމެއް ހަމަނުޖެހުނުނަމަވެސް އެކަމުގައި ރަނގަޅު މަޝްވަރާތަކެއް ފިޝަރީޒް މިނިސްޓްރީ ހިމެނޭ ގޮތަށް އެޗްޑީސީއާ ކުރަމުން އަންނަ ކަމަށެވެ. އަދި ކަނޑުއޮތްގިރީގެ ބަދަލުގައި ހުޅުމާލެއިން ރަނގަޅު ގޮތެއް ހޯދޭނެކަމުގެ އުންމީދު އެބައޮތްކަމަށްވެސް މިފްކޯއިން ވިދާޅުވިއެވެ.