ޚަބަރު

އޮގަސްޓް މަހު ދައުލަތައް ލިބުނު އާމްދަނީ 2 ބިލިޔަން ރުފިޔާއާ ގާތަށް


  • އާމްދަނީގެ 53.3 އިންސައްތަ ޖީއެސްޓީ ހިއްސާކުރޭ

  • ޑޮލަރު އާމްދަނީ 62.82 މިލިޔަނަށް އަރާ

އޮގަސްޓް މަހު ދައުލަތަށް ލިބުނު އާމްދަނީ 2 ބިލިޔަން ރުފިޔާއާ ގާތްކޮށް، އަންދާޒާކުރި މިންވަރަށްވުރެ 34.5 އިންސައްތަ އިތުރުވެފައިވާކަމަށް މީރާއިން ހާމަކޮށްފިއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އޮގަސްޓް މަހު މީރާގެ އާމްދަނީގެ ގޮތުގައި ޖުމްލަ 1.98 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މީގެ ތެރޭގައި ޑޮލަރުން 62.82 މިލިއަން ޑޮލަރު ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރު މިމުއްދަތާއި އަޅާބަލާއިރު 24 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި މިއީ މީރާއިން މިދިޔަ މަހު ލިބޭނެކަމަށް އަންދާޒާ ކުރި އާމްދަނީއަށް ވުރެ 34.5 އިންސައްތައި ކުރިއެރުމެއްކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

ދައުލަތުގެ އާމްދަނީއަށް އިތުރުވެފައިވާއިރު މީގެ އެންމެ ބޮޑު އަދަދެއް ހިއްސާކުރަނީ، މުދަލާއި އާންމު ޚިދުމަތުން ނަގާ ޓެކުހައަށެވެ. އެގޮތުން އާމްދަނީގެ 53.3 އިންސައްތަ ޖީއެސްޓީ ހިއްސާކުރާއިރު، އެއީ 1.06 ބިލިޔަން ރުފިޔާއެވެ. ދެން އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ އަމްދަނީން ނަގާ ޓެކުހުންނެވެ. އެގޮތުން އޮގަސްޓު މަހު އެކަނިވެސް އާމްދަނީން ނަގާ ޓެކުހުން 472.66 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. އެއީ ޖުމްލަ އާމްދަނީ 23.9 އިންސައްތައެވެ.

މިދިޔަ އަހަރުގެ އޮގަސްޓުމަހާއި އަޅާބަލާއިރު، މިއަހަރުގެ އޮގަސްޓުމަހު ދައުލަތައް ލިބުނު އާމްދަނީ އިތުރުވެފައިވާ ސަބަބުތަކުގެ ތެރޭގައި ފަރުދުން ނޫން ފަރާތްތަކުން ނަގާ ޓެކުހާއި، ކުންފުނިތަކުގެ އާމްދަނީން ނަގާ ޓެކުހުގެ އިތުރުން ގްރީން ޓެކްސް އަދި ޖީއެސްޓީ އިތުރުވުން މީރާއިން ފާހަގަކުރެއެވެ.

މީގެ އިތުރުން އޮގަސްޓް ލިބުނު ޖުމްލަ އާމްދަނީ އިތުރުވި ސަބަބުތަކުގެ ތެރޭގައި ދައުލަތައް ލިބިފައިވާ ކެޕިޓަލް ގެއިންސް ވިތު ހޯލްޑިން ޓެކުހާއި، ފަރުދުން-ނޫން ފަރާތްތަކާއި، ވިޔަފާރިތަކުން ސުންގަޑި ހަމަވުމުގެ ފަހުން ބަލައިގަނެފައިވާ ޖީއެސްޓީ ހިމެނޭކަން މީރާއިން ފާހަގަކުރެއެވެ.

މިރާއިން ވިދާޅުވި ގޮތުގައި އަންދާޒާ ކުރިވަރަށްވުރެ އާމްދަނީ އިތުރުވީވެސް މި ސަބަބުތަކާއެކުގައެވެ. މީގެ އިތުރުން ސުންގަޑި ހަމަވުމަށް ފަހު ރިސޯޓު ކުލިވެސް ބަލައިގަނެފައިވާކަން އެއިދާރައިން ފާހަގަކުރެއެވެ.

ދައުލަތަށް ލިބުނު އަމްދަނީ އިތުރުވެފައިވާއިރު، މިދިޔަ އަހަރު ޖުލައި މަހު ރާއްޖެއައި ފަތުރުވެރިންގެ އަދަދަށް ވުރެ މިއަހަރުގެ ޖުލައި މަހު އައި ފަތުވެރިންގެ އަދަދު އިތުރުކަމަށް މީރާއިން ވިދާޅުވެއެވެ. އެގޮތުން މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު ފަތުރުވެރިން އައި އަދަދު ނިސްބަތުން 15 އިންސައްތަ އިތުރެވެ. މީގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާޢަތުން ލިބުނު އާމްދަނީ އިތުރުވެފައިވާކަމަށް މީރާއިން މައުލޫމާތު ދެއެވެ.