ޚަބަރު

ޤައުމީ ޔުނިވަރސިޓީން ބާއްވާ ފޮތް މައުރަޒު ހުޅުވައިފި


  • މިފަހަރު 28 ސްޓޯލް ހުންނާނެ

  • މައުރަޒު އޮންނާނީ މިމަހު 12 އިން 14 އަށް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ބާއްވާ ފޮތް މައުރަޒު ހުޅުވައިފިއެވެ.

ފޮތް މައުރަޒު ހުޅުވައިދެއްވީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ނަޒީރެވެ.

ޤައުމީ ޔުނިވަރސިޓީގެ ފޮތް މައުރަޒާ ބެހޭގޮތުން މަޢުލޫމާތު ދެއްވަމުން އެ ޔުނިވަރސިޓީގެ އެސިސްޓެންޓް ޑިރެކްޓަރ އައިމިނަތު ޝާހީ ވިދާޅުވީ ޤައުމީ ޔުނިވަރސިޓީން ފޮތް މައުރަޒެއް ބޭއްވުމުގެ މަޤުޞަދަކީ ދިވެހި ފޮތް ލިޔުންތެރިންނަށާއި ދިވެހި ފޮތްތަކަށް މާކެޓު ހޯދައިދީ، ފޮތް ވިއްކޭނެ ފަހި ފުރުޞަތުތަކެއް ހޯދައިދިނުން ކަމަށެވެ.

"މިއީ ޤައުމީ ޔުނިވަރސިޓީން މިހާތަނަށް ބާއްވާ 4 ވަނަ ފޮތް މައުރަޒު. އެއް އަހަރަކަށްވުރެ އަނެއް އަހަރު އިތުރަށް ގިނަ ފަރާތްތަކުން ބައިވެރިވާންކަން ފާހަގަކޮށްލެވޭ." އައިމިނަތު ޝާހީ ވިދާޅުވިއެވެ.

ޝާހީ ވިދާޅުވީ މިފަހަރުގެ މައުރަޒުގައި 28 ސްޓޯލެއް ހިމެނޭ ކަމަށެވެ. މީގެ ތެރޭގައި ޤައުމީ ޔުނިވަރސިޓީގެ ސްޓޯލަކާއި ޔުނިވަރސިޓީގެ ސްޓޫޑެންޓް ޔޫނިއަންގެ ސްޓޯލެއް ހިމެނެއެވެ.

މިފަހަރުގެ ފޮތް މައުރަޒުގައިވެސް ކުޑަކުދިން ޝައުގުވެރިވާފަދަ ވާހަކަތަކާއި އެންމެ ތުއްތު ކުދިންނަށް ޚާއްސަ ވާހަކަ ފޮތްތަކާއި ބޮޑެތި މީހުންނަށް ޚާއްސަ ވާހަކަ ފޮތްތަކުގެ އިތުރުން މަޢުލޫމާތު ލިބޭ ފޮތްތަކާއި ތާރީޚީ ފޮތްތައް ހިމެނެއެވެ. އަދި މިއީ ޢާންމުކޮށް ހުޅުވާލެވިގެން ކުރިއަށްދާ މައުރަޒެއްކަމަށް އޭނާ ވިދާޅުވިއެވެ.

މިފަހަރުގެ މައުރަޒު އޮތީ މިމަހުގެ 12 އިން 14 އަށް ރަށްދެބައި ހިނގުމުގައި ހުންނަ ޔުނިވަރސިޓީގެ މައި ކެމްޕަހުގައެވެ. މައުރަޒު ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހަކު ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.

ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ފޮތް މައުރަޒެއް ފުރަތަމަ ފަހަރަށް ބޭއްވީ 2020 ވަނަ އަހަރުއެވެ.