އިންޑިއާގެ ޗެންނާއީގައި ކުރިއަށްދިޔަ ހަތަރުވަނަ ސައުތު އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުން ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމުން ލޯ މެޑެލް ހޯދުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.
ހަތަރުވަނަ ސައުތު އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ ހަތަރެއް ގުނަ 100 މީޓަރު ރިލޭ އިވެންޓުން ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމުން ވަނީ ލޯ މެޑެލް ހޯދާފައެވެ. އެކަމަށް މަރުޙަބާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގަިއ ކުރެއްވި ޕޯސްޓެއްގައި ވަނީ ދިވެހި ޒުވާނުން ދެއްކި ހުނަރާއި ހިތްވަރަށް ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ ދިވެހި ޒުވާން ޓީމަށް ސާބަސް ދެއްވާފައެވެ.
— Dr Mohamed Muizzu (@MMuizzu) September 13, 2024
ޗެންނާއީގެ ޖަވާހަރުލާލް ނެހްރޫ ސްޓޭޑިއަމްގައި ކުރިއަށްދިޔަ މި މުބާރާތުގައި ރާއްޖޭގެ ފިރިހެން ޓީމުން ވަނީ 100 މީޓަރު ރިލޭ 41.98 ސިކުންތުން ނިންމާފައެވެ. ރާއްޖޭގެ ރިލޭ ޓީމުގައި ހިމެނުނީ ހުސެއިން ޒީކް ސުއާދާއި، އިބްރާހީމް ނާހިލް ނިޒާރާއި، ޒުއިޒް މުޙައްމަދު ސުއާދު އަދި މުޙައްމަދު މިންހާލް ޝާމިންއެވެ.
މީގެ އިތުރުން އަންހެނުންގެ 100 މީޓަރު ރިލޭ އިވެންޓުން ރާއްޖެ ލޯ މެޑެލް ހޯދާފައިވަނީ 48.04 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި ޓީމުގައި ހިމެނުނު ދުވުންތެރިންނަކީ ހައްވާ މުޒްނާ ފާއިޒާއި، އަހުނާ ނިޒާރާއި، ޒިވާ މޫސާ ޝަފީއު އަދި މަރިޔަމް ރޫޔާ އަލީއެވެ.
މި ފަހަރުގެ މުބާރާތުގައި ރާއްޖެއިން ދެ މެޑެލް ހާސިލުކުރިއިރު، މީގެ ކުރިން ބޭއްވި ދެކުނު އޭޝިއާގެ ޖޫނިއާ އެތުލެޓިކްސް ތިން މުބާރާތުގައި ވާދަކޮށް ރާއްޖެއިން ވަނީ ފަސް މެޑެލް ހާސިލުކޮށްފައެވެ. އެއީ ސްރީ ލަންކާ ކޮލަމްބޯގައި 2007 އަދި 2018 ވަނަ އަހަރު ބޭއްވި މުބާރާތްތަކާއި، 2013 ވަނަ އަހަރު އިންޑިއާގެ ރާންޗީގައި ބޭއްވި މުބާރާތުންނެވެ.