މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން އޮފީހުގެ އައު އިމާރާތުގެ ބިންގާ އަޅައިފިއެވެ.
އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލްއާއި އެ ކޯޕަރޭޝަންގެ އިސްވެރިންނެވެ.
ޙައްޖު ކޯޕަރޭޝަންގެ އައު އިމާރާތް އަޅަނީ ހުޅުމާލޭ އަމީން އެވެނިއު ކުރިމަތިން އޮންނަ ހުސް ބިމުގައެވެ. 5000އަކަފޫޓުގެ މި ބިމުގައި ޙައްޖު ކޯޕަރޭޝަންގެ އިމާރަތް އެޅުމަށް ހަވާލުކޮށްފައިވަނީ "މެޑްޓެކް މޯލްޑިވްސް"އަށެވެ. މި މަސައްކަތް ކުރުމަށް "މެޑްޓެކް" އަށް ހަވާލުކޮށްފައިވަނީ 18 މަސްދުވަހުން ނިންމާގޮތަށެވެ.
ޙައްޖު ކޯޕަރޭޝަންގެ އައު އިމާރާތުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި އެކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވީ އެ މަޝްރޫޢު ކުރިއަށްގެންދިޔުމަށް މެޑްޓެކްއާ ކުރިން ހަވާލުކޮށްފައި އޮތީ 86 މިލިޔަން ރުފިޔާއަށްކަމަށެވެ. ނަމަވެސް އެ އެއީ ބޮޑު އަގެއްކަމުން އެކުންފުންޏާ މަޝްވަރާކުރުމަށްފަހު މަޝްރޫޢުގެ އަގު 79 މިލިޔަން ރުފިޔާއަށް ކުޑަކޮށްފައިވާކަމަށް ޝަކީލް ވިދާޅުވިއެވެ. ޝަކީލް ވިދާޅުވީ މި މަޝްރޫޢުއަކީ އެ ކޯޕަރޭޝަން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މަސައްކަތެއްކަމަށެވެ.
"ރައީސް އެދިވަޑައިގަތީ ހައްޖު ކޯޕަރޭޝަން ކޮޅަށްޖެހުމަށް. އެހެންކަމުން މިއީ މިއީ ޙައްޖު ކޯޕަރޭޝަން ކޮޅަށް ޖެހުމުގެ ފުރތަމަ މަސައްކަތް. މަދު ދުވަސްކޮޅެއްގެ ތެރޭގައި ބޮޑެތުި މަސައްކަތްތައް އިޢުލާންކުރާނެ." ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވިއެވެ.
ޙައްޖު ކޯޕަރޭޝަންގެ އައު އިމާރާތް ފަރުމާކުރާނީ 9 ފަންގިފިލާއަށެވެ. މި އިމާރާތުގެ މަސައްކަތް ނިމުމާއެކު ހައްޖު ކޯޕަރޭޝަންގެ އޮފީސް ހުޅުމާލެއަށް ބަދަލުކުރާ ގޮތަށް ވަނީ ނިންމާފައެވެ. އަދި އެ އިމާރާތުގެ ބައެއް ފަންގިފިލާތައް އޮފީސް ޖާގައިގެގޮތުގައި ކުއްޔައްދީގެން ކުންފުންޏަށް އާމްދަނީ ހޯދުމަށް ވަނީ ނިންމާފައެވެ.
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަކީ 2013 ވަނަ އަހަރު ރަޢީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފައްދަވާފައިވާ ސައްތައިން ސައްތަ ދިވެހި ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. ނަމަވެސް މިވީ މުއްދަތުގެ ތެރޭގައި ޙައްޖު ކޯޕަރޭޝަންގެ ހިންގަމުން އަންނަނީ އެކި އިމާރާތްތައް ކުއްޔަށް ހިފައިގެންނެވެ. ނަމަވެސް މިހާރު އެ ކުންފުނީގެ އަމާޒު ހުރީ ރިއަލްއެސްޓޭޓްގެ ވިޔަފާރިއަށް ވަދެ ކުންފުނީގެ ފައިދާ އިތުރުކޮށް ކޮޅަށް ޖެހުމަށެވެ.