ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ކާރެއް ބްރިޖު ސޯލާ ޕެނަލްތަކުގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ކާރު ދުއްވި މީހާގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، ބްރިޖު ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލްނުވެ ގޮސް ސޯލަ ޕެނަލްތައް ހަރުކޮށްފައި ހުރި ހޮޅިދަނޑިތަކުގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މައުލޫމާތު މިމަހުގެ 21 ވީ ހުކުރު ދުވަހުގެ ހެނދުނު 8:42 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި ހޮޅިދަނޑިތަކުގައި ޖެހި ކާރު ވަނީ ފުރުޅާލާފައެވެ. މި ހާދިސާ ހިނގި ވަގުތު ކާރުގައި ތިބީ ކާރު ދުއްވި މިޔްނިކް / ބ.ކަމަދޫ، ހަސަން ރިފާއު ( 40އ) އާއި 13 އަހަރުގެ ކުޑަ ކުއްޖެއްކަމަށް ފުލުހުން ވިދާޅުވިއެވެ. ހަސަން ރިފާއުއާއި ކުޑަކުއްޖާއަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ. ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.
މި އެކްސިޑެންޓުގައި ކާރުވަނީ ބޭނުންކުރެވޭ ވަރަށް ހަލާކުވެފައެވެ. ފުލުހުން ވިދާޅުވީ، މައްސަލައިގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށްފަހު ކާރުގެ ބައިތައް މިހާރު ވެރިފަރާތާއި ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ކާރު ދުއްވި ހަސަން ރިފާއުގެ ޑްރައިވިންގ ލައިސަންސް ހިފަހައްޓާފައިވާ ކަމަށެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަހުގީގު ކުރައްވަމުންނެވެ.