ޚަބަރު

އިޤްތިޞާދަށް ދިމާވީ ވަގުތީ ހާލަތެއް، އައިއެމްއެފްގެ އެހީ ހޯދަން ޖެހޭނެކަމަކަށް ނުބެލެވޭ: ޚާރިޖީ ވަޒީރު


  • ވަޒީރު މިހެން ވިދާޅުވީ ލަންކާގައި ހުންނަވާ

  • އިޤްތިޞާދު ރަނގަޅުކުރުމަށް ސަރުކާރުން ދަނީ ފިޔަވަޅުތައް އަޅުއްވަމުން

ދިވެހިރާއްޖޭގެ އިޤްތިޞާދަށް މިވަގުތު ދިމާވެފައިވާ ހާލަތަކީ ވަގުތީ ހާލަތެއްކަމަށާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް، އައި.އެމް.އެފްގެ އެހީ ހޯދަންޖެހޭ ހިސާބަށް ރާއްޖޭގެ އިޤްތިޞާދީ ހާލަތު ދަށްނުވާކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ޚާރިޖީ ވަޒީރު މިހެން ވިދާޅުވީ، އަވަށްޓެރި ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބައެއް މީޑިއާތަކާ ވާހަކަފުޅުދައްކަވަމުންނެވެ.

ޚާރިޖީ ވަޒީރު މޫސާ ޒަމީރުގެ މި ދަތުރުފުޅަކީ މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤާއެކު ލަންކާގެ ބައެއް ބޭންކްތަކާއި އަދި އިސްފަރާތްތަކާއި ބައްދަލުކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ވަޒީރު ޒަމީރު ވިދާޅުވީ، ރާއްޖެއަށް ކުރިމަތިވާ ކަންކަމުގައި ވަރަށް ޚާއްސަ އިސްކަމެއް ދީގެން އެހީތެރިވާ ބައިނަލްއަޤްވާމީ ބައިވެރިން އެބަތިބި ކަމަށެވެ. ނަމަވެސް ރާއްޖޭގެ އިޤްތިޞާދަށް ދިމާވެފައިވާ ހާލަތަކީ ވަގުތީ ހާލަތެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މިއީ އައިއެމްއެފްއާ އެކު މަސައްކަތް ފަށަންވީ ވަގުތު ކަމަކަށް. އަޅުގަނޑުމެންނަށް ކުރިމަތިވެފައި މި އޮތީ ވަގުތީ މައްސަލައެއް. އެއީ ރިޒާވްއަށް އައި ދަށްވުމާ ގުޅިގެން." ވަޒީރު ވިދާޅުވިއެވެ.

ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، ޓެކުހުގެ ނިޒާމަށް ގެންނަ ބަދަލުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޚަރަދު ކުޑަކޮށް ރިޕޯމްކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތާއެކު ލިކުއިޑިޓީ އިތުރުވާނެ ކަމަށެވެ. ވަޒީރު ވަނީ ޗައިނާއާއި އިންޑިއާއާއެކު އޮތް ގުޅުމަށްވެސް އަލިއަޅުވާލައްވާފައެވެ. ވަޒީރު ވިދާޅުވީ، މި 2 ޤައުމާއެކުވެސް މިހާރު ރާއްޖެއިން އޮތީ ވަރަށް ގާތް ވަރުގަދަ ގުޅުމެއްކަމަށެވެ.

ދައުލަތުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބޭނުން ކުރެވޭ ރިޒާވް 61 މިލިޔަން ޑޮލަރަށް އިތުރު ކުރެވިފައިވާ ކަމަށް މަރުކަޒީ ބޭންކް އެމް.އެމް.އޭގެ ތަފާސްހިސާބުތަކުން ވަނީ ދައްކާފައެވެ.

އެމް.އެމް.އޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، އޯގަސްޓް މަހު ރަސްމީ ރިޒާވް ވަނީ އިތުރުވެފައެވެ. އެގޮތުން ބޭނުންކުރެވޭ ރިޒާވުގައި ޖުލައި މަހުގެ ނިޔަލަށް ހުރީ 45 މިލިޔަން ޑޮލަރުކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ. ނަމަވެސް މިއަދަދު މިދިޔަ މަހު 61.22 މިލިޔަން ޑޮލަރަށް އިތުރުވެފައިވެއެވެ. މިއީ ޖުލައި މަހާއި އަޅާބަލާއިރު 36 އިންސައްތައިގެ ކުރިއެރުމެކެވެ.