ޚަބަރު

ޔޫކްރެއިނަށް ކުރިން ހަތިޔާރު ފޯރުކޮށްދޭން ފެށި ނަމަ ހަނގުރާމައަށް ހުރަސް އެޅުނީސް: ސްޓޮލްޓެންބަރގް


ޔޫކްރެއިންގެ އަސްކަރީ އަދި ދިފާޢީ ބާރުވެރިކަން ހަރުދަނާ ކުރުމަށް އެ ޤައުމަށް ހަތިޔާރު ފޯރު ކޮށްދިނުމުގެ މަސައްކަތް ނޭޓޯން ކުރިން ފެށި ނަމަ, ރަޝިޔާއިން ޔޫކްރެއިނާ ދެކޮޅަށް ހަނގުރާމަ ފެށުމަށް ހުރަސް އެޅޭނެ ކަމުގައި ނޭޓޯގެ ވެރިޔާ ޔެންސް ސްޓޮލްޓެންބަރގް ވިދާޅުވެއްޖެއެވެ. ދައުރު ހަމަވެ, ނޭޓޯގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުން ވަކިވެ ވަޑައިގަންނަވާ ސްޓޮލްޓެންބަރގް އެ މޭރުމުން ވާހަކަ ދައްކަވާފައި ވަނީ ޖަރުމަނުވިލާތުގެ ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައެވެ.

"މިއަދު އަޅުގަނޑުމެން [ނޭޓޯން ޔޫކްރެއިނަށް] ހަތިޔާރު ފޯރުކޮށްދެމުން މި ދަނީ ހަނގުރާމަ ކުރަން. ކުރިން ހަތިޔާރު ފޯރުކޮށްދޭން ފެށި ނަމަ ހަނގުރާމައަށް ހުރަސް އެޅުނީސް،" ސްޓޮލްޓެންބަރގް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ, ހަނގުރާމަ ފެށުމުގެ ކުރިން ވެެސް ޔޫކްރެއިނުން ހަތިޔާރު ހޯދަން ނޭޓޯގެ ކިބައިން އެތަކެއް ފަހަރަކު އެދިފައިވާ ކަމުގައެވެ. ނަމަވެސް, އެއިރު ނޭޓޯން ޔޫކްރެއިނަށް ހަތިޔާރު ފޯރު ކޮށްދޭން ފަށާފައި ނުވަނީ, ރަޝިޔާއާ ދެމެދު އޮތް މަސްރަޙު އިތުރަށް ހޫނުވެ, ނުތަނަވަސް ކަން ބޮޑުވިޔަ ނުދިނުމުގެ ގޮތުން ކަމުގައެވެ.

2022ވަނަ އަަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރެއިނަށް ޙަމަލާދީ ހަނގުރާމަ ފެށުމާ ގުޅިގެން, ނޭޓޯން ވަނީ ޔޫކްރެއިންގެ ދިފާޢުގައި ތެދުވެފައެވެ. ޔޫކްރެއިނަކީ ނޭޓޯގެ މެންބަރު ޤައުމެއް ނޫނެވެ. ނަމަވެސް, ނޭޓޯން ވަނީ އެ ޤައުމަށް އެކި ބާވަތްތަކުގެ ނުރައްކާތެރި ހަތިޔާރު ފޯރުކޮށްދޭން ފަށާފައެވެ. ޔޫކްރެއިނަށް އެންމެ ގިނަ ޢަދަދެއްގެ ހަތިޔާރު ފޮނުވަމުން ދަނީ އެމެރިކާއިންނެވެ.

ނޯވޭގެ ބޮޑުވަޒީރު ކަމުގެ މަޤާމު ވެސް ކުރިން ފުރުއްވާފައިވާ ސްޓޮލްޓެންބަރގް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމާ ހަވާލުވެ ވަޑައިގަތީ 2014ވަނަ އަހަރުއެވެ. ކުރިއަށް އޮތް އޮކްޓޫބަރު މަހު ދައުރު ހަމަވެ, އޭނާ އެ މަޤާމުން ވަކިވެ ވަޑައިގަންނަވާނެއެވެ. އޭނާގެ ބަދަލުގައި އެ މަޤާމާ ދެން ހަވާލުވެ ވަޑައިގަންނަވާނީ ނެދަރލެންޑްސްގެ ކުރީގެ ބޮޑުވަޒީރު މާކް ރުތޭއެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުވަން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ސްޓޮލްޓެންބަރގް ވިދާޅުވީ, ދެން ހަނގުރާމަ ހުއްޓުވޭނީ މަޝްވަރާގެ މޭޒުން ކަމުގައެވެ. "މި ހަނގުރާމައަށް ނިމުމެއް ގެންނަން ކޮންމެ ވެސް ހިސާބަކުން ރަޝިޔާއާ މަޝްވަރާތައް ފަށަން ޖެހޭނެ. ނަމަވެސް, އެ ކަން ބިނާ ވާނީ ޔޫކްރެއިންގެ ބާރުވެރިކަމަށް،" އޭނާ ވިދާޅުވިއެވެ.

ނޭޓޯގެ ވެރިޔާގެ މަޤާމުގެ ދައުރު ހަމަވުމުން މިޔުނިކް ސެކިޔުރިޓީ ކޮންފަރެންސްގެ ވެރިޔާގެ މަޤާމާ ސްޓޮލްޓެންބަރގް ހަވާލުވެ ވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ. ނަމަވެސް, ޖަރުމަނުވިލާތުގެ ނޫހަކަށް ދެއްވި ބަސްދީގަތުމުގައި އޭނާ އެ ކަން ކަށަވަރު ކޮށްދެއްވާފައެއް ނުވެއެވެ. އެ މަޤާމުގައި މި ވަގުތު ހުންނެވީ ޖަރުމަނުވިލާތުގެ ޚާރިޖީ ދާއިރާގެ މާހިރެއް ކަމުގައިވާ ކްރިސްޓޮފް ހޮއިސްގުންއެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ތެރެއިން ޔޫކްރެއިނުންގެ ބިމުން 18 އިންސައްތަ ސަރަޙައްދަކަށް ރަޝިޔާގެ ސިފައިން ވަނީ އަތްގަދަ ކޮށްފައެވެ. އޭގެ ތެރޭގައި އިރުމަތީ ދޮންބާސްގެ މައި ދެ ސަރަޙައްދު ކަމުގައިވާ ލުހާންސްކާއި ދޮންޏެސްކުގެ ގިނަ ރަށްތަކެއް ހިމެނެއެވެ. އަދި, ދެކުނުގައި އޮތް ޒަޕޮރީޜިޔާގެ ބޮޑު ސަރަޙައްދެއް ހިމެނެއެވެ. ޔޫކްރެއިންގެ އެންމެ ދެކުނުން އޮތް ކްރައިމިޔާ ވެސް 2014ވަނަ އަހަރަށް ފަހު އޮތީ ރަޝިޔާގެ ބާރުގެ ދަށުގައެވެ.

ރަޝިޔާއަށް އޮތް ޕްރެޝަރު އިތުރު ކުރުމުގެ ގޮތުން ޔޫކްރެއިނުން ވެސް ވަނީ ރަޝިޔާގެ ހުޅަނގުގައި އޮތް ކޫރްސްކް ސަރަޙައްދަށް ސިފައިން ފޮނުވައި, ބައެއް ސަރަޙައްދުތަކަށް އަތްގަދަ ކޮށްފައެވެ. ކޫރްސްކުގެ 100އެއްހާ އަވަށް ހިމެނޭ ގޮތުން 1,200 އަކަ ކިލޯމީޓަރުގެ ސަރަޙައްދަކަށް އަތްގަދަ ކޮށްފައިވާނެ ކަމުގައި ޔޫކްރެއިނުން ބުންޏެވެ. ނަމަވެސް, އެ ސަރަޙައްދަށް އަރައިގަނެފައިވާ ޔޫކްރެއިންގެ ސިފައިންނާ ދެކޮޅަށް ރަޝިޔާއިން ދަނީ ވަރުގަދަ ހަނގުރާމައެއް ކުރަމުންނެވެ.