ޚަބަރު

ބާންސްގެ ލަނޑުން ނިއުކާސަލް މޮޅުވެ ރިކޯޑު ދަމަހައްޓައިފި


އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތު ހާވޭ ބާންސް ކާމިޔާބުކޮށްދިން ލަނޑާއެކު 2-1 ގެ ނަތީޖާއަކުން މޮޅުވެ, މި ސީޒަނުގައި ނިއުކާސަލް ޔުނައިޓެޑުން މެޗަކުން ބަލިނުވެ ހިފަހައްޓަމުން އަންނަ ރިކޯޑު ދަމަހައްޓައިފިއެވެ.

ވުލްވްސްގެ ދަނޑުގައި ކުޅުނު މި މެޗުގެ 35 ވަނަ މިނިޓުގައި މާރިއޯ ލެމީނާ ވަނީ ލަނޑެއް ޖަހާ ވުލްވްސްއަށް ކުރި ހޯދަދީފަ އެވެ.

ނިއުކާސަލްއިން ރަގަޅު ކުޅުމެއް ދައްކާފައިވާ މި މެޗުގައި ވުލްވްސްއިން ލަނޑު ޖެހުމުގެ ކުރިން ނިއުކާސަލަށް ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. އެގޮތުން އެ ޓީމުގެ އެންތޮނީ ގޯޑޮން ފޮނުވާލި ހަމަލައެއް ގޯލުގެ ދަނޑިއަށް އަމާޒުވެފައިވާއުރު, ކީޕަރު ސެމް ޖޯންސްޓޯން ވަނީ މޮޅު ކުޅުމެއް ދައްކާ ނިއުކާސަލްގެ ހަމަލަތަކެއް ހުއްޓުވާފަ އެވެ.

ނިއުކާސަލް އިން މި މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 75 ވަނަ މިނިޓުގައި ސްވިޒަލޭންޑްގެ ފަބިއަން ޝާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

އަދި އޭގެ ފަސް މިނިޓް ފަހުން ހާވޭ ބާންސް ވަނީ 20 ޔާޑު ދުރުން ފޮނުވާލި ބާރު ހަމަލާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން، އެ ޓީމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.

މި މެޗުން މޮޅުވުމާއެކު ނިއުކާސަލްއިން މި ސީޒަނުގައި މެޗަކުން ބަލިނުވެ ހިފަހައްޓަމުން އަންނަ ރެކޯޑް ވަނީ ދަމަހައްޓާފައެވެ. އެގޮތުން ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން އެ ޓީމު ވަނީ 10 ޕޮއިންޓް ހޯދާ ތާވަލުގެ ތިންވަނަ މަގާމް ހޯދާފައެވެ.