ޚަބަރު

ގަލެގާގެ ފުރަތަމަ ލަނޑާއެކު އެތުލެޓިކޯ މޮޅުވެއްޖެ


ސްޕެނިޝް ލީގުގައި ރޭ ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ކޮނޯ ގަލެގާ ކާމިޔާބުކުރި ލަނޑާއެކު، 3-0 ގެ ނަތީޖާއަކުން އެތުލެޓިކޯ މެޑްރިޑް މޮޅުވެއްޖެއެވެ.

އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މި މެޗުގެ 39 ވަނަ މިނިޓުގައި ގަލެގާ ވަނީ ލަނޑެއް ޖަހާ އެތުލެޓިކޯއަށް ކުރި ހޯދަދީފައެވެ. މިއީ 33 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއަކަށް އޭނާ ޗެލްސީ ދޫކޮށް އެތުލެޓިކޯއާ ގުޅުނު ފަހުން އެ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

މި މެޗުގެ ފުރަތަމަ ހާފް 1-0 ގެ ނަތީޖާއަކުން ކުރީގައި އޮވެ އެތުލެޓިކޯއިން ނިންމާލި ނަމަވެސް، ދެވަނަ ހާފްގެ ކުޅުން ފެށުނުތާ ނުވަވަނަ މިނިޓުގައި އެންޓޮއިން ގްރީޒްމަން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ.

މި މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފައިވަނީ މެޗުގެ އިތުރު ވަގުތުގައި އާޖެންޓީނާގެ ފޯވަޑް ހޫލިއަން އަލްވަރޭޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ ޕްރިމިއާ ލީގުގެ ކްލަބް މެންޗެސްޓަރ ސިޓީން އޭނާ އެތުލެޓިކޯ އާއި ގުޅުނު ފަހުން އެ ކްލަބަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

މި މެޗުން މޮޅުވުމާއެކު އެތުލެޓިކޯ މެޑްރިޑަށް ވަނީ މިހާތަނަށް ކުޅުނު ފަސް މެޗުން 11 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ މަގާމް ލިބިފައެވެ. އެއްވަނައިގައި އޮތް ބާސެލޯނާއަށް 15 ޕޮއިންޓް ލިބިފައިވާއިރު ވާދަވެރި ރެއާލް މެޑްރިޑަށްވެސް ލިބިފައިވަނީ 11 ޕޮއިންޓެވެ.