ޚަބަރު

ނުރައްކާތެރި ނިޕާ ވައިރަސް ޖެހިގެން ކެރެލާއިން އިތުރު މީހަކު މަރުވެއްޖެ


ނުރައްކާތެރި ނިޕާ ވައިރަސްގެ ސަބަބުން އިންޑިޔާގެ ދެކުނުގައި އޮތް ކެރެލާ ސްޓޭޓުން އިތުރު މީހަކު މަރުވެއްޖެއެވެ. އެއީ, ޖުލައި މަހަށް ފަހު އެ ބަލީގައި ކެރަލާއިން މަރުވެފައިވާ ދެވަނަ މީހާއެވެ. ކެރެލާގެ ޞިއްޙީ ޚިދުމަތްތެރިން ބުނީ, މި ފަހަރު މަރުވެފައި ވަނީ 24 އަހަރުގެ މީހެއް ކަމުގައެވެ. އޭނާއާ އެއްތަންވެފައިވާ އިތުރު 151 މީހުން ދެނެގަނެވިފައިވާއިރު, ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކެރެލާގެ ޞިއްޙީ އިދާރާތަކުން ވަނީ ފިޔަވަޅުތައް އަޅަން ފަށާފައެވެ.

ނިޕާ ވައިރަހަކީ ވައު އަދި އޫރު ފަދަ ބައެއް ޖަނަވާރުގެ ފުށުން އިންސާނުންގެ ހަށިގަނޑަށް އަރާ ނުރައްކާތެރި ބައްޔެކެވެ. އެ ބަލީގެ ބައެއް އަލާމާތްތަކުގެ ތެރޭގައި ގަދައަށް ހުންއައުމާއި ސިކުނޑި ދުޅަވުން ހިމެނެއެވެ. ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)ން ޤަބޫލު ކުރާ ގޮތުގައި ނިޕާ ވައިރަހަކީ ވަރަށް ފަސޭހައިން ގައިން ގަޔަށް އަރާ ނުރައްކާތެރި ބައްޔެކެވެ. އަދި, އެ ވައިރަސް ފެތުރުން ކޮންޓްރޯލް ނުކުރެވިއްޖެ ނަމަ ޢާންމު ބަލިމަޑުކަމެއް ފެށުމުގެ ފުރުޞަތު ބޮޑު ކަމުގައި ވެސް ޑަބްލިޔުއެޗްއޯން އިންޒާރު ކުރެއެވެ. އެ ބައްޔާ ދެކޮޅަށް ވެކްސިނެއް އުފެއްދިފައި ނުވާއިރު, ބައްޔަށް ފަރުވާއެއް ވެސް ހޯދިފައެއް ނެތެވެ.

ނިޕާ ވައިރަސްގެ ސަބަބުން މީހަކު މަރުވެފައި ވަނީ ކެރެލާގެ އުތުރުގައި އޮތް މަލައްޕުރަމުންނެވެ. އެ ރަށުގެ މެޑިކަލް އޮފިސަރ އާރް ރޭނޫކާ ވިދާޅުވީ, މަރުވި މީހާގެ ހަށިގަނޑުން ބަލީގެ އަލާމާތްތައް ފެންނަން ފަށާފައި ވަނީ ސެޕްޓެންބަރު 4ވަނަ ދުވަހު ކަމުގައެވެ. އަދި, އޭގެ ފަސް ދުވަސް ފަހުން އޭނާ މަރުވެފައިވާ ކަމުގައެވެ. ޕުނޭގައި ހުންނަ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީއަށް އޭނާގެ ލޭ ފޮނުވައިގެން ހެދި ތަހުލީލުތަކުން, އޭނާއަށް ނިޕާ ވައިރަސްގެ ސަބަބުން ބަލި ޖެހިފައިވާ ކަން ދެނެގަނެވިފައި ވަނީ ސެޕްޓެންބަރު 9ވަނަ ދުވަހު ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

އޭނާއާ އެއްތަންވެފައިވާ ކަމަށް ބެލެވޭ 151 މީހުންގެ ހަށިގަނޑުން ބަލީގެ ވައިރަސް ފެނޭތޯ ބެލުމަށް މިިހާރު ދަނީ ތަހުލީލު ކުރަމުންނެވެ. އަދި, ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެ އެންމެންގެ ޞިއްޙީ ހާލު ވަރަށް ގާތުން ބަލަމުންދާ ކަމުގައި ރޭނޫކާ ވިދާޅުވިއެވެ. ފަސް މީހެއްގެ ހަށިގަނޑުން ބަލީގެ އަލާމާތްތައް ފެނިފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް, އެއީ މަރުވި މީހާއާ އެއްތަންވި މީހުންކަން ސާފު ކޮށްދީފައެއް ނެތެވެ.

ޖުލައި މަހު ވެސް ކެރެލާއިން ނިޕާ ވައިރަސްގެ ސަބަބުން 14 އަހަރުގެ ކުއްޖަކު މަރުވިއެވެ. އެއީ, ކެރެލާގެ ވެރިރަށް ތިރުވަނަންތަޕޫރަމްގެ މަލައްޕުރަމް އަވަށުގެ މަދަރުސާއެއްގައި ތަޢުލީމު ހާސިލު ކުރާ ދަރިވަރެެކެވެ. އެ ކުއްޖާއާ އެއްތަންވެ, ނިޕާ ވައިރަހަށް ހުށަހެޅުނު 60އެއްހާ މީހުން އެއިރު ދެނެގަނެވުނެވެ. ތިރުވަނަންތަޕޫރަމަކީ ގިނަ ޢަދަދެއްގެ ދިވެހިން ބޭސްފަރުވާއަށް ދަތުރުކޮށް އުޅޭ, އަދި ގިނަ ޢަދަދެއްގެ ދިވެހިން ހިޖުރަ ކޮށްގެން ދިރިއުޅޭ ރަށެކެވެ.

ނުރައްކާތެރި ނިޕާ ވައިރަސް ކެރަލާއިން ފުރަތަމަ ދެނެގަނެވިފައި ވަނީ 2018ވަނަ އަހަރުއެވެ. އޭގެ ފަހުން މި ބަލީގައި ދޮޅަހަކަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ. ނިޕާ އެންމެ ފުރަތަމަ ދެނެގަނެވިފައި ވަނީ މީގެ 25 އަހަރު ކުރިން މެލޭޝިޔާއިންނެވެ. އެއަށްފަހު, ބަންގްލަދޭޝާއި އިންޑިޔާގެ އިތުރުން ސިންގަޕޫރުން ވެސް މި ބަލި ޖެހިފައިވާ މީހުން ފެނިފައިވެއެވެ.