ޚަބަރު

ފިޔާ ލިބުމުގައި ކުރިމަތިވެފައިވާ ދަތިކަމަށް އަންނަ ހަފްތާގައި ހައްލެއް ލިބޭނެ: ސަރުކާރު


  • މިކަމަށް އެސްޓީއޯއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ދަނީ މަސައްކަތް ކުރަމުން

  • ފިޔާ ލިބުން ދަތިވީ އިންޑިއާގެ ދަނޑުތަކަށް ލިބުނު ގެއްލުމުން

ބާޒާރުގައި ފިޔާ ލިބުމުގައި ކުރިމަތިވެފައިވާ ދަތިކަމަށް އަންނަ ހަފްތާއިން ފެށިގެން ހައްލެއް އަންނާނެކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ފިޔާ ލިބުމުގައި ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން އަންނަކަމަށެވެ.

ޕީއެސްއެމް ނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ހީނާ ވިދާޅުވީ، ބާޒާރުގައި މިވަގުތު ފިޔާގެ ދަތިކަން ހުރިކަން ފާހަގަވެފައިވާކަމަށާއި، އެކަމުގެ ސަބަބުން އަގުވެސް އުފުލިފައިވާކަމަށެވެ.

ފިޔާ ލިބުމުގައި ކުރިމަތިވެފައިވާ ދަތިކަމަށް ހައްލެއް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި ހީނާ ވިދާޅުވީ، އެސްޓީއޯއާއި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ ގުޅިގެން އެކަން ހައްލު ކުރެއްވުމަށް މަސައްކަތް ކުރައްވަމުންދާކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަންނަ ހަފްތާގެ ހޮނިހިރު ނުވަތަ އާދިއްތަ ހިސާބުގައި އެސްޓީއޯ މެދުވެރިކޮށް ރާއްޖެއަށް އިތުރަށް ފިޔާ ގެނައުމުގެ މަސައްކަތް ކުރައްވަމުން އެބަ ގެންދަވާ. އެއާއެކީގައި މިހާރު ދިމާވެގެން މިއުޅޭ އިޝޫއަށް ހައްލު ލިބިގެންދާނެކަމަށް އުންމީދު މިކުރެވިގެންދަނީ". ހީނާ ވިދާޅުވިއެވެ.

ބާޒާރުގައި ފިޔާގެ ދަތިކަން ކުރިމަތިވެގެން އުޅޭ މައިގަނޑު އެއް ސަބަބަކީ، އިންޑިއާއަށް މޫސުން ގޯސްވުމުގެ ސަބަބުން ފިޔާ ދަނޑުތަކަށް ލިބުނު ގެއްލުންތަކާއެކު، އިންޑިއާއިން ފިޔާ އެކްސްޕޯޓު ކުރުމުގައި ކުރިމަތިވި މައްސަލަތަކެއްގެ ސަބަބުނެވެ. ރާއްޖޭގެ އިތުރުން އަވަށްޓެރި ސްރީލަންކާއަށްވެސް އިންޑިއާއިން ފިޔާ އެކްސްޕޯޓް ކުރުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ.