ކުޅިވަރު

ބާސެލޯނާގެ އޯލްމޯއަށް އަނިޔާވެ، ފަސް ހަފުތާއަށް ކުޅުމާ ދުރަށް


ބާސެލޯނާއަށް ކުޅެމުން އަންނަ ސްޕެއިންގެ މިޑްފީލްޑަރު ޑަނީ އޯލްމޯއަށް އަނިޔާވެ، ފަސް ހަފުތާގެ މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަންޖެހިދާނެ ކަމަށް އެ ކުލަބުން ބުނެފިއެވެ.

އެންމެ ފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި ސްޕެއިން ޓީމުގައި ވިދާލި އޯލްމޯގެ ކަނާތުފައިގެ ފަލަމަސްގަނޑަށް އަނިޔާވީ، މި ހަފްތާގެ އާދީއްތަ ދުވަހު ރަށުން ބޭރުގައި ޖިރޯނާ އަތުން 1-4 އިން ބާސެލޯނާ މޮޅުވި މެޗުގައެވެ. މި އަނިޔާގެ ސަބަބުން އޭނާ ވަނީ 61 ވަނަ މިނެޓުގައި ބަދަލުކޮށްފައެވެ.

އުމުރުން 26 އަހަރުގެ އޯލްމޯއަށް އަނިޔާވުމަކީ، މިވަގުތު ރަނގަޅު ފޯމެއްގައި އޮތް ބާސެލޯނާގެ ކޯޗު، ހަންސީ ފްލިކް އަށް މި ދަނޑިވަޅުގައި ކުރިމަތިވީ ބޮޑު ގެއްލުމެކެވެ. އެ ޓީމުން މި ފަހަރުގެ ސީޒަނުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްފައިވާއިރު، ކުރިއަށް އޮތީ މުޅިން އައު ފޯމެޓަކަށް ކުޅުމަށް ހަމަޖެހިފައިވާ ޔުއެފާ ޗެމްޕިއަންސް ލީގުގައި ރަށުން ބޭރުގައި ފްރާންސްގެ އޭއެސް މޮނާކޯއާ ދެކޮޅަށް ކުޅޭ މެޗެވެ. އެއަށްފަހު، ލީގުގައި ބާސެލޯނާ އަށް ދެން އޮތީ މި މަހުގެ 22 ވާ އާދީއްތަ ދުވަހު ރަށުން ބޭރުގައި ވިޔަރެއާލްއާ ބައްދަލުކުރާ މެޗެވެ.

މިހާރު އޮތް ގޮތުން، އަނިޔާއާ ހެދި އޯލްމޯ ނުލައި ބާސެލޯނާ އިން ކުޅެން ޖެހޭނެ މެޗުތަކަށް ބަލާއިރު، ޗެމްޕިއަންސް ލީގުގައި މޮނާކޯ އާއި ޔަންގް ބޯއީސްއާ ދެކޮޅަށް ކުޅެން އޮތް މެޗާއި، ލީގުގައި ވިޔަރެއާލް، ގެޓަފޭ، އޮސަސޫނާ، ޑިޕޯޓިވޯ އަލަވޭސް އަދި ސެވިއްޔާ މެޗު ހިމެނެއެވެ. މީގެއިތުރުން، ސްޕެއިނާއެކު ކުރިއަށް އޮތް އޮކްޓޫބަރު މަހުގައި ކުޅުމަށް ހަމަޖެހިފައިވާ ޔުއެފާ ނޭޝަންސް ލީގުގެ މެޗުތައް ވެސް އޭނާ އަށް ގެއްލޭނެއެވެ.

މިފަހަރުގެ ސީޒަނަށް ޖަރުމަނު އާރްބީ ލީޕްޒިގަށް 55 މިލިއަން ޔޫރޯ ދިނުމަށްފަހު ބާސެލޯނާ އިން ގެނައި އޯލްމޯ ވަނީ ސްޕެނިޝް ލީގުގައި މިހާތަނަށް ބާސެލޯނާ އަށް ކުޅެދިން ތިން މެޗުގައި ލަނޑުޖަހައިފައެވެ. މިއާއެކު، އޭނާ ވަނީ 2011 ވަނަ އަހަރުގެ ފަހުން ލީގުގައި އެ ޓީމަށް ކުޅުނު ފުރަތަމަ ތިން މެޗުގައި ލަނޑުޖެހި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.