ޚަބަރު

ބޭންކް ފަންޑުން ބ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ޑިޖިޓަލް ސްޓޫޑިއޯއެއް


  • މިތަން ތަރައްޤީ ކުރީ ބޭންކް ފަންޑް ކާމިޔާބުކުރި "ފޭލި" ޖަމިއްޔާއިން

  • ސްޓޫޑިއޯ ފަރުމާކޮށްފައިވަނީ ޑިޖިޓަލް ކެމެރާތަކާއެކު

ބޭންކް ފަންޑް ކާމިޔާބުކުރި "ފޭލި" ޖަމިއްޔާއިން ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ވޮކޭޝަނަލް އެޑިއުކޭޝަން ލެބް ތަރައްޤީކޮށް، ޑިޖިޓަލް ސްޓޫޑިއޯއެއް ހުޅުވައިފިއެވެ.

ބީއެ،މްއެލުން ވިދާޅުވީ، މިދިޔަ އަހަރު ބޭންކް ފަންޑް ކާމިޔާބުކުރި ފައުންޑޭޝަން އޮފް އޭދަފުށި ޔޫތު ލިންކޭޖް (ފޭލި) ޖަމްޢިއްޔާއިން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ވޮކޭޝަނަލް ޓްރެއިނިންގ ލެބް ތަރައްޤީ ކޮށްފައިވަނީ 2 ކްލާސްރޫމެއް ހިމެނޭ ގޮތަށް ކަމަށެވެ. އަދި މި ދެ ކްލާސްރޫމް ފަރުމާކޮށްފައިވަނީ، ދަރިވަރުންގެ ޕްރެކްޓިކަލް ސްކިލްސްއާއި އުފެއްދުންތެރިކަން ކުރިއަރުވައި، ޒަމާނީ ވަސީލަތްތަކާއެކު ޓްރެއިނިންގ ފޯރުކޮށްދީ ދަރިވަރުންގެ މަސައްކަތްތެރިކަން ހަރުދަނާ ކުރުމަށް އެންމެ އެކަށީގެންވާ ގޮތަށް ކަމަށެވެ.

މީގެއިތުރުން މި ސްކޫލުގައި ޤާއިމުކުރި ޑިޖިޓަލް ސްޓޫޑިއޯ ފަރުމާކޮށްފައިވަނީ، ޑިޖިޓަލް ކެމެރާތަކާއެކު ފުރިހަމަ ޕްރޮޑަކްޝަން ސެޓަޕެއްގެ ގޮތުގައި ކަމަށާއި މި ސްޓޫޑިއޯގައި ސްކޫލުގެ ދަރިވަރުންނަށް ފޮޓޯގްރަފީ، ވީޑިއޯގްރަފީ އަދި ޑިޖިޓަލް ކޮންޓެންޓް ކްރިއޭޝަންއާ ގުޅޭ ޓްރެއިނިންގ ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ ކަމަށެވެ.

ބީއެމްއެލުން އިތުރަށް ވިދާޅުވީ، މި ޕްރޮޖެކްޓްގެ ދަށުން ފޭލި ޖަމިއްޔާއިން މި ސްކޫލުގައި ކުރިން ހިންގި ވޮކޭޝަނަލް ޓްރެއިނިންގ ލެބް އިތުރަށް ތަރައްޤީކޮށް ކާޕެންޓްރީ ބައެއް ހިމަނައިފައިވާ ކަމަށެވެ. އަދި މިތަން ފަރުމާ ކޮށްފައިވަނީ، ބޭނުންވާ ވަޑާން ސާމާނާއި، ބެޓެރީ ޕަވާޑް އިލެކްޓްރިކް ޓޫލްތަކާއި، ސަލާމަތީ ގޮތުން ބޭނުންކުރާ ވަސީލަތްތައް ހިމަނައިގެން ކަމަށެވެ. މީގެ އިތުރުން ފެހުމުގެ ބައެއް ތަރައްޤީކޮށް، ފަހާފޮށިތަކާއި ފެހުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދީފައިވާ ކަމަށްވެސް ބީއެމްއެލުން ފާހަގަކުރައްވައެވެ.

ބީއެމްއެލުން މައުލޫމާތު ދެއްވާ ގޮތުގައި ވޮކޭޝަނަލް ލެބްގެ ހަރަކާތްތަކަށް ދަރިވަރުންނަށް ބޭނުންވާ ޓްރެއިނިންގ ޕްރޮގްރާމްތައްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ބޭންކް ފަންޑަކީ، ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ޖަމިއްޔާ ޖަމާއަތްތަކަށް މުޖުތަމަޢުގެ ކުރިއެރުމަށް އެކިއެކި ޕްރޮޖެކްޓްތައް ހިންގުމަށް ކޮންމެ އަހަރަކު ހުޅުވާލާ ގްރާންޓެކެވެ. މި ގްރާންޓުން ހޮވޭ 5 ޖަމިއްޔާއަކަށް ޕްރޮޖެކްޓްތައް ހިންގުމަށް ބީއެމްއެލުން 200،000 ރުފިޔާގެ އެހީ ފޯރުކޮށްދެއެވެ.