ޚަބަރު

ޕީޖީއަކަށް އައްބާސް އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފި


  • ޢައްބާސް އައްޔަން ކުރެއްވުމަށް 85 މެންބަރުން ވޯޓު ދެއްވި

  • ޢައްބާސްއަކީ ޤާނޫނީ ދާއިރާގައި 23 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެއް

ހުސްވެފައިވާ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛް ޢައްބާސް ޝަރީފު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

ރައްޔިތުންގެ މަޖިލީހުން ޢައްބާސް ޝަރީފަށް ރުހުން ދިނުމަށް ފާސްކޮށްފައިވަނީ ޖަލްސާގައި ހާޒިރުވެވަޑައިގެން ތިއްބެވި 85 މެންބަރުންގެ އިއްތިފާގުންނެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް އައްޔަންކުރުމަށް މަޖިލީހުން ރުހުން ދެއްވާފައިވާ ހ. ޔެލޯ ރޯސް އަލްއުސްތާޛް ޢައްބާސް ޝަރީފަކީ ޤާނޫނީ ދާއިރާގައި 23 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. 1995ވަނަ އަހަރުން ފެށިގެން 1996 އާ ހަމައަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެސިސްޓެންޓް ސެކްރެޓަރީ ޓްރެއިނީގެ މަގާމުގައި ހުންނެވުމަށްފަހު މަތީ ތަޢުލީމު ހާސިލް ކުރެއްވުމަށް ބޭރަށް ވަޑައިގެންނެވިއެވެ. ޢައްބާސްވަނީ ޤާނޫނީ ދާއިރާއިން މެލޭޝިއާގައި ޑިޕްލޮމާ ހާސިލްކުރެެއްވުމަށްފަހު އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ޓެސްމޭނިއާއިން ބެޗެލަރސް ހާސިލްކުރައްވާފައެވެ.

މަތީ ތަޢުލީމު ހާސިލްކުރެއްވުމަށްފަހު 2000ވަނަ އަހަރު ޢައްބާސް ޤާނޫނީ ކެރިއަރ ފެއްޓެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެސިސްޓެންޓް ލީގަލް އޮފިސަރުގެ ގޮތުގައެވެ. ރައީސް އޮފީހުގައި 8 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވިއިރު 2008ވަނަ އަހަރު އުފެދިގެން އައި ފެހި ޤާނޫނު އަސާސީ ތައްޔާރުކުރެއްވުމުގައި އޭރުގެ ބަންޑަރަނައިބާ ގުޅިގެން މުހިންމު މަސައްކަތްތަކެއް ޢައްބާސް ވަނީ ކުރައްވާފައެވެ.

2008 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ ލީގަލް ކޮންސުލްގެ މަގާމުން އިސްތިއުފާ ދެއްވުމުގެ ކުރިން ޢައްބާސް ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެންބަރުގެ މަގާމާއި ނައިބު ރައީސްގެ މަގާމު އަދާކުރައްވާފައެވެ. އަދި ޤައުމުގެ މުހިންމު ކަންކަން ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ކޮމިޝަންތަކުގައިވެސް ޢައްބާސްވަނީ ސީނިއަރ މަގާމުތައް އަދާކުރައްވާފައެވެ.

ރައީސް އޮފީހުގެ ވަޒީފާއިން ވަކިވެވަޑައިގެންނެވުމަށްފަހު 2011ވަނަ އަހަރު ހައި ކޯޓުގެ ބެންޗަށް އައްޔަންކުރެއްވުމާ ހަމައަށް ޢައްބާސް ވަނީ ޤާނޫނީ ދާއިރާގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ލޯ ފާމްތަކާއެކު މަސައްކަތް ކުރައްވާފައެވެ. ހައި ކޯޓުގެ ފަނޑިޔާރަކަށް ހުންނެވިއިރު ކުރީގެ ބައެއް ރައީސުންނާ ގުޅުންހުރި މައްސަލަތަކާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މައްސަލަތައްވެސް އެމަނިކުފާނު ވަނީ ބައްލަވާފައެވެ. ހައި ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ހުންނެވުމަށްފަހު 2015ވަނަ އަހަރު އެ މަގާމުން ރިޓަޔަރ ކުރެއްވީ އޭރުގެ ސިއްޙީ ހާލަތުގެ ސަަބަބުންނެވެ.

ހައި ކޯޓުގެ ފަނޑިޔާރުކަމުން ރިޓަޔަރ ކުރެއްވިނަމަވެސް ޢައްބާސް ގެންދެވީ ޤާނޫނީ ދާއިރާގައި އެކި ގޮތްގޮތުން ޚިދުމަތް ކުރައްވަމުންނެވެ.

ޤާނޫނީ ދާއިރާގައި އެތައް އަހަރުތަކެއްގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ޢައްބާސް އެނބުރި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ގުޅިވަޑައިގެންނެވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާގެ ލީގަލް އެފެއަރސް ސެކްރެޓަރީގެ ގޮތުގައެވެ. އެމަނިކުފާނަކީ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ (މިފްސާ)ގެ ބޯޑު މެންބަރެއްވެސްމެއެވެ.

ޕީޖީގެ މަގާމަށް އައްޔަންކުރުމަށް މަޖިލީހުން ރުހުން ދެއްވާފައިވާ އަލްއުސްތާޛް ޢައްބާސް ޝަރީފަކީ ބާ ކައުންސިލްގެ ލައިސަންސާއި، ހައި ކޯޓާއި ސުޕްރީމް ކޯޓުފަދަ މަތީ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ލައިސަންސްވެސް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.