ޚަބަރު

ނީޜޭގައި ތިބި އެމެރިކާގެ އިސްތިޢުމާރީ ސިފައިން ފައިބައިފި


ހުޅަނގު އެފްރިކާގެ ޤައުމެއް ކަމުގައިވާ ނީޜޭގައި ތިބި އެމެރިކާގެ އިސްތިޢުމާރީ ސިފައިން އެ ޤައުމުން ފައިބައިފިއެވެ. ނީޜޭގައި ވެރިކަން ކުރާ އަސްކަރީ ސަރުކާރުން, އެ ޤައުމުގައި ތިބި އެމެރިކާގެ އިސްތިޢުމާރީ ސިފައިން ފޭބުމަށް އަމުރު ކޮށްފައި ވަނީ އޭޕްރިލް މަހުއެވެ. އެ ޤައުމުގައި އެމެރިކާގެ 1,000އަށްވުރެ ގިނަ ސިފައިން, ދެ އަސްކަރީ މަރުކަޒެއްގައި ބައިތިއްބާފައި ތިއްބެވެ.

ނީޜޭގައި ތިބި އެމެރިކާގެ އިސްތިޢުމާރީ ސިފައިން އެ ޤައުމުން ފައިބަން ޖެހުމަކީ ވޮޝިންގޓަނަށް ލިބުނު ބޮޑު ލަދުވެތިކަމެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ސިފަ ކުރެއެވެ. 27 މިލިޔަން މީހުންގެ އާބާދީއެއް އޮތް ނީޜޭގެ ވެރިކަމާ އެ ޤައުމުގެ އަސްކަރިއްޔާއިން ހަވާލުވީ, ހުސްވި އަހަރު ހިންގި އަސްކަރީ ބަޣާވާތަކަށް ފަހުއެވެ.

އެ ބަޣާވާތުގެ ކުރިން, ނީޜޭގެ ސަރުކާރުން ދިޔައީ އެމެރިކާއާ އެކު ގާތް ގުޅުމެއް ބާއްވަމުންނެވެ. އަދި, އެފްރިކާ ބައްރުގެ ސާޙިލް ސަރަޙައްދުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކާ ދެކޮޅަށް އެމެރިކާ ސިފައިން ހިންގަމުން ދިޔަ އަސްކަރީ އޮޕަރޭޝަންތަކުގައި ނީޜޭން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. ސާޙިލް ސަރަޙައްދުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުން ދެމުންދާ ޙަމަލާތަކާ ގުޅިގެން އެތަކެއް ހާސް ބަޔަކު މަރުވެ, އެތަކެއް މިލިޔަން މީހުންގެ ގެދޮރު ގެއްލިފައިވެއެވެ.

ނީޜޭގައި ތިބި އެމެރިކާ ސިފައިން އެ ޤައުމުން ފައިބާފައި ވަނީ ދެ މަރުޙަލާއަކަށް ބަހައިލައިގެންނެވެ. މި ގޮތުން, ވެރިރަށް ނިޔާމީގެ އަސްކަރީ ވައިގެ ބަނދަރުގައި ތިބި ސިފައިން ޖުލައި 7ވަނަ ދުވަހު އެ ޤައުމު ދޫކޮށް ގޮސްފައިވާއިރު, އަޣާދީޛް ވައިގެ ބަނދަރުގައި ބާކީ ތިބި ސިފައިން ފައިބާފައި ވަނީ އޮގަސްޓު 5ވަނަ ދުވަހުއެވެ. އަދި, ޔޫއެސް އެފްރިކާ ކޮމާންޑުގައި ތިބި ސިފައިން ވަނީ ސެޕްޓެންބަރު 15ވަނަ ދުވަހު އެ ޤައުމު ދޫކޮށް ގޮސްފައެވެ.

ނީޜޭގައި ތިބި އެމެރިކާގެ އިސްތިޢުމާރީ ސިފައިން ފައިބަން ޖެހުމުން ވޮޝިންގޓަނުން ވަނީ އެފްރިކާ ބައްރުގައި ހުޅަނގުގެ ސަރަޙައްދުތަކުގައި އެ ޤައުމުގެ އިސްތިޢުމާރީ ސިފައިން ހަރަކާތްތެރިވާނެ އިތުރު ގޮތްތަކެއް ހޯދުމަށް މަސައްކަތް ފަށާފައެވެ. ނަމަވެސް, އެ ކަމުގައި ކުރިއެރުންތަކެއް ހޯދިފައި ނެތް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ބުނީ, ފާއިތުވި ދަހަރެއްހާ ދުވަހުގެ ތެރޭގައި އެމެރިކާގެ ސިފައިން ނީޜޭގެ ސިފައިންނާ އެކު ވަރަށް ގާތުން މަސައްކަތް ކޮށްފައިވާނެ ކަމުގައެވެ. އަދި, ނީޜޭގެ އަސްކަރިއްޔާގެ ސިފައިންނަށް ތަމްރީނު ދިނުމުގައި އެމެރިކާއިން އިސް ދައުރެއް އަދާކޮށްފައިވާނެ ކަމަށާއި, އެފްރިކާ ބައްރުގައި ހަރަކާތްތެރިވާ ނިރުބަވެރި ޖަމާޢަތްތައް ކަމުގައިވާ އައިއެސާއި އަލް ޤަޢިދާއާ ދެކޮޅަށް ގިނަ ޢަދަދެއްގެ ކާމިޔާބު އޮޕަރޭޝަންތަކެއް ހިންގާފައިވާނެ ކަމުގައެވެ.

ނީޜޭގައި ތިބި އެމެރިކާ ސިފައިން އެ ޤައުމު ދޫކޮށް ފޭބުމާ އެކު, ހުޅަނގު އެފްރިކާ ސަރަޙައްދުގައި އެމެރިކާގެ އަސްކަރިއްޔާއިން ހިންގާ އަސްކަރީ އަދި ޖާސޫސީ ހަރަކާތްތައް ވެސް މި ވަނީ ފަނޑުވެފައެވެ. އަދި, ސާޙިލް ސަރަޙައްދުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުން ދަނީ އެ ސަރަޙައްދުގައި ބާރުވެރިކަން އިތުރު ކުރަމުންނެވެ.