ޚަބަރު

ޔަހޫދީންގެ އިސްތިޢުމާރީ ވެރިކަން ނިމުމަކަށް ގެންނަން އދން މުހުލަތެއް ދީފި


ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ޔަހޫދީން ވެރިވެގަނެފައިވާ ފަލަސްޠީނުގެ ބިންތަކުގައި ހިންގަމުންދާ ޣައިރު ޤާނޫނީ އިސްތިޢުމާރީ ވެރިކަން ނިމުމަކަށް ގެންނަން އދގެ ޢާންމު މަޖިލީހުން ޔަހޫދީންނަށް 12 މަސް ދުވަހުގެ މުހުލަތެއް ކަނޑައަޅައި, ޤަރާރެއް ފާސް ކޮށްފިއެވެ. ފަލަސްޠީނުން ތައްޔާރުކޮށް އދގެ ޢާންމު މަޖިލީހަށް ހުށަހަޅާފައިވާ ޤަރާރު ފާސްވީ, އެ މަޖިލީހުގެ 124 މެންބަރުންގެ ތާޢީދާ އެކުގަައެވެ. 43 ޤައުމަކުން ވޯޓުގައި ބައިވެރިވެފައި ނުވާއިރު, ޒަޔަނިސްޓު ދައުލަތާއި, ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު, އެމެރިކާއިން ވޯޓުލާފައި ވަނީ ޤަރާރާ ދެކޮޅަށެވެ.

ޔަހޫދީންގެ ޣައިރު ޤާނޫނީ ވެރިކަމާ ދެކޮޅަށް އދގެ ޢާންމު މަޖިލީހުން ޤަރާރެއް ފާސްކޮށްފައި ވަނީ, އދގެ ޢާންމު މަޖިލީހުގެ އަހަރީ ޢާންމު ބައްދަލުވުން ފެށުމަށް ތައްޔާރުވެފައިވާ ދަނޑިވަޅެއްގައެވެ. އެ މަޖިލީހުގެ 193 މެންބަރު ޤައުމުގެ ވެރިންގެ ބައްދަލުވުން ސެޕްޓެންބަރު 26ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު, އެ މަޖިލީހުގައި ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ތަޤުރީރު ކުރައްވާނެއެވެ. އަދި, ޒަޔަނިސްޓު ދައުލަތުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް އެ ބައްދަލުވުމުގައި ވާހަކަ ދައްކާނެއެވެ.

ޔަހޫދީންނާ ދެކޮޅަށް އދގެ ޢާންމު މަޖިލީހުން ޤަރާރެއް ފާސްކޮށްފައި ވަނީ, ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެ, އެ ޤައުމުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުން ދަނީ ޣައިރު ޤާނޫނީ އިސްތިޢުމާރީ ވެރިކަމެއް ކަމަށް ދުނިޔޭގެ ކޯޓުގެ ގޮތުގައި ބެލެވޭ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ން އިރުޝާދީ ލަފައެއް ނެރެފައިވާ ދަނޑިވަޅެއްގައެވެ. ފަލަސްޠީނުގެ ބިންތަކުން ޔަހޫދީންގެ އިސްތިޢުމާރީ ބާރުން ވަގުތުން ފައިބަން ޖެހޭނެ ކަމަށް ކަނޑައަޅައި އައިސީޖޭން ނެރުނު ލަފައަށް ޢާންމު މަޖިލީހުގެ ޤަރާރުގައި މަރުޙަބާ ކިޔާފައިވީ ނަމަވެސް, އެ ކަން ކުރުމަށް އެ މަޖިލީހުން ވަނީ ޔަހޫދީންނަށް 12 މަސް ދުވަހުގެ މުހުލަތެއް ކަނޑައަޅާފައެވެ.

އޭގެ އިތުރުން, ޔަހޫދީން ވެރިވެގަނެފައިވާ ބިންތަކުގައި އުފައްދާ މުދާ އިމްޕޯޓު ކުރުން ހުއްޓައިލައި, އެ ބިންތަކުގައި ދިރިއުޅޭ މީހުންނާ ދެކޮޅަށް ބޭނުން ކޮށްފާނެ ކަމަށް ބެލެވޭ އެއްވެސް ހަތިޔާރެއް ޔަހޫދީންނަށް ވިއްކުން ހުއްޓައިލުމަށް ވެސް އދގެ ޢާންމު މަޖިލީހުގެ ޤަރާރުގައި ގޮވައިލާފައިވެއެވެ. އެއީ, އދގެ ޢާންމު މަޖިލީހުގެ ފުރިހަމަ މެންބަރުކަން އަރުވާފައި ނުވާ އޮބްޒަރވަރެއްގެ ދަރަޖަ ފަލަސްޠީނަށް އެރުވި ފަހުން އެ ޤައުމުގެ ފަރާތުން އެ މަޖިލީހަށް ހުށަހެޅި ފުރަތަމަ ޤަރާރެވެ.

ފަލަސްޠީނުގެ ޤަރާރާ އެންމެ ހަރުއަޑުން ދެކޮޅު ހަދާފައި ވަނީ, ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނާއި ޤަތުލުޢާންމުތަކުގެ އެންމެ ބޮޑު މަދަދުގާރު, އެމެރިކާއެވެ. އދއަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު, ލިންޑާ ތޮމަސް-ގްރީންފީލްޑް ވަނީ, ފަލަސްޠީނުގެ ޤަރާރާ ދެކޮޅަށް ވޯޓު ދިނުމަށް އދގެ މެންބަރު ޤައުމުތަކަށް ހަރުއަޑުން ގޮވައިލައްވާފައެވެ. އެއިން ދޭހަވަނީ, ފަލަސްޠީނުގެ މުސްލިމުންގެ މައްޗަށް ޔަހޫދީން ޣައިރު ޤާނޫނީ އިސްތިޢުމާރީ ވެރިކަމެއް ހިންގަމުން ދަނީ އެމެރިކާގެ ރުހުމާ އެކުގައި ކަމެވެ. އަދި, އެ ވެރިކަމަށް ނިމުމެއް ގެންނަން އެމެރިކާއިން ބޭނުން ނުވާ ކަމެވެ.

އައިސީޖޭގެ އިރުޝާދީ ލަފައެކޭ އެއް ގޮތަށް އދގެ ޢާންމު މަޖިލީހުގެ ޤަރާރުތަކަކީ އަމަލު ކުރުން ލާޒިމު ޤަރާރުތަކަކަށް ނުވި ނަމަވެސް, އެއީ ސިޔާސީ ގޮތުން ބުރަދަނެއް ހުރި ނިންމުންތަކެކެވެ. "އެ ޤައުމަކުން ބޭނުން ގޮތަކަށް ވޯޓު ދިނުމަކީ, ކޮންމެ ޤައުމަކަށް ލިބިގެންވާ ޙައްޤެއް. މުޅި ދުނިޔެ އެ އޮތީ ބަލަން. ތާރީޚުގެ ރަނގަޅު ފުށުގައި ސާބިތުވެ ތިއްބަވާ. ބައިނަލްއަޤުވާމީ ޤާނޫނުތަކާ އެކު. މިނިވަން ކަމާ އެކު. ސުލްޙައާ އެކު،" އދއަށް ފަލަސްޠީނުން ކަނޑައަޅާފައި ހުންނަވާ ސަފީރު ރިޔާޟު މަންޞޫރު ވިދާޅުވިއެވެ.

ޔަހޫދީން ވެސް ވަނީ ފަލަސްޠީނުން ހުށަހެޅި ޤަރާރާ މެދު ހިތްހަމަނުޖެހުން ފާޅު ކޮށްފައެވެ. ޔަހޫދީންގެ ސަފީރު އެންމެ ބޮޑަށް ހިތްހަމަނުޖެހުން ފާޅު ކޮށްފައި ވަނީ, 2023 އޮކްޓޫބަރު 7ގައި ޣައްޒާގައި ވެރިކަން ކުރާ ޙަމާސްގެ މުޖާހިދުން ޒަޔަނިސްޓު ދަޢުލަތަށް ދީފައިވާ ޖިހާދީ ޙަމަލާތައް ޤަރާރުގައި ކުށްވެރި ކޮށްފައި ނެތުމުންނެވެ. ޙަމާސުން ޔަހޫދީންނަށް ޙަމަލާ ދީފައި ވަނީ އަޅުވެތިކަމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ. އިސްތިޢުމާރީ ވެރިކަމަށް ކެތް ނުކުރެވިގެންނެވެ.

ޔަހޫދީންނާ ދެކޮޅަށް އދގެ ޢާންމު މަޖިލީހުން ޤަރާރެއް ފާސްކޮށްފައި މި ވަނީ, ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން 12ވަނަ މަހަކަށް ދިގުދަންމައިލާފައިވާ ދަނޑިވަޅެއްގައެވެ. ޢުދުވާންތައް ހުއްޓައިލައި, ޣައްޒާގައި ހައިހޫނުގައި ޖައްސައި ނިކަމެތި ކޮށްލާފައިވާ 2.3 މިލިޔަން މީހުންނަށް އިންސާނީ އެހީތެރިކަން ފޯރު ކޮށްދެވޭނެ މަގުފަހި ކޮށްދޭން ނިރުބަވެރި ނަތަންޔާހޫ ދަނީ ދެކޮޅު ހަދަމުންނެވެ.

2023 އޮކްޓޫބަރު 23ގައި ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 41,272އަށް އުފުލިފައެވެ. އޭގެ ތެރޭގައި 17,000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 95,551އަށް އުފުލިފައެވެ.