ޚަބަރު

އެތުލެޓިކޯ އާއި ރަޔޯ ވަޔެކާނޯގެ ކުރިމަތިލުން އެއްވަރު


ސްޕެނިޝް ލީގުގައި ރޭ ރަށުން ބޭރުގައި ރަޔޯ ވަޔެކާނޯއާ ދެކޮޅަށް އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.

މިއީ ލީގުގައި އެތުލެޓިކޯ އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން އެއްވަރުވެގެން ނިންމާލަން ޖެހުނު ދެވަނަ މެޗެވެ. އެކަމަކު އަނެއް ތިން މެޗުން އެ ޓީމު ވަނީ މޮޅުވެފައެވެ. މި ނަތީޖާއާއެކު އެތުލެޓިކޯއަށް މިހާތަނަށް ކުޅުނު ހަ މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ. އެ ޓީމާއި ތާވަލުގެ އެންމެ ކުރީގައި އޮތް ބާސެލޯނާއާ ދެމެދު ހަ ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

ވަޔެކާނޯގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ އެ ޓީމުންނެވެ. ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި މި ލަނޑު ޖަހައިދިނީ އިސީ ޕަލާޒޯންއެވެ. އެންމެ ފުރަތަމަ އޮފްސައިޑް ލަނޑެއް ކަމަށް ނިންމުމަށްފަހު، ރެފުރީ މި ލަނޑު ގަބޫލުކުރަން ނިންމީ ވީއޭއާރް ބެލުމަށްފަހުއެވެ.

އެކަމަކު މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިގެން ހަތަރުވަނަ މިނެޓުގައި އެތުލެޓިކޯއަށް ނަތީޖާ އެއްވަރުކޮށްދިނީ އިންގްލަންޑުގެ މިޑްފީލްޑަރު، ކޮނޯ ގެލަގާއެވެ. އޭނާ މި ލަނޑުޖެހީ އެ ޓީމުގެ އެންހެލް ކޮރެއާ އާއި އަލެކްޒެންޑާ ސޯލޯތު ގުޅިގެން އުފެއްދި އެޓޭކެއްގެ އެހީގައެވެ. މިއީ މި ފަހަރުގެ ސީޒަނުގެ ލީގުގައި ގެލަގާ ޖެހި ދެވަނަ ލަނޑެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، އެތުލެޓިކް ބިލްބާއޯއިން ވަނީ އަމިއްލަ ދަނޑުގައި 3-1 ގެ ނަތީޖާއަކުން ސެލްޓަ ވިގޯ ބަލިކޮށްފައެވެ. މި މެޗުގައި ބިލްބާއޯއިން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދިނީ ގޯކާ ގުރުޒޭޓާއެވެ. އަދު އެ ޓީމުގެ އަނެއް ލަނޑު ޖަހައިދިނީ އަލްވާރޯ ޖާލޯއެވެ. ސެލްޓާގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އިއާގޯ އަސްޕާސްއެވެ.

މީގެ އިތުރުން ގެޓާފޭގެ ދަނޑުގައި 1-1 ގެ ނަތީޖާއަކުން ލެގަނޭސްއާ އެއްވަރުވި މެޗުގައި ދެ ޓީމުގެ ފަރާތުން ފެނިގެންދިޔަ ހުރިހާ ލަނޑެއްވެސް ކާމިޔާބުކުރީ ފަހު ހާފުގައެވެ. ޖޯޖް ސާއެންޒްގެ ލަނޑުން ލެގަނޭސް ލީޑު ނަގާފައިވަނިކޮށް، ގެޓާފޭއަށް އެއްވަރުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ބޯރްހާ މަޔޮރާލެވެ.