ޚަބަރު

މާކަނޑުގެ ދިރުންތައް ހިމާޔަތްކުރުން ހިމެނޭހެން 2 މުއާހަދާއެއްގައި ރާއްޖެއިން ބައިވެރިވެއްޖެ


  • ބީ.ބީ.އެން.ޖޭ މުޢާހަދާގައި ދިވެހިރާއްޖެއިން ސޮއިކޮށްފައިވަނީ މިމަހުގެ 3 ވަނަ ދުވަހު

  • ރާއްޖެއަކީ ބީ.ބީ.އެން.ޖޭ މުޢާހަދާ ތަޞްދީޤުކުރި 9 ވަނަ ޤައުމު

މާކަނޑުގެ ދިރުންތަކާއި ސަރަޙައްދުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމާއި، ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމާގުޅޭ މުއާހަދާ (ބީ.ބީ.އެން.ޖޭ) މުޢާހަދާ ރާއްޖެއިން ތަސްދީޤުކުރުމަށް ބޭނުންވާ "އިންސްޓްރޫމަންޓް އޮފް ރެޓިފިކޭޝަން" އދ. އަށް ހުށައަޅާފިއެވެ.

މި ހުށައެޅުން ހުށައަޅާފައިވަނީ އ.ދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޚާރިޖީ ވުޒާރާ މޫސާ ޒަމީރެވެ. ރާއްޖޭގެ ފަރާތުން ވަނީ މާކަނޑުގެ ދިރުންތަކާއި ސަރަޙައްދުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމާއި ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމާގުޅޭ މުޢާހަދާ، ބީ.ބީ.އެން.ޖޭ. މުޢާހަދާ ދިވެހިރާއްޖެއިން ތަސްދީޤުކުރުމަށް ބޭނުންވާ "އިންސްޓްރޫމަންޓް އޮފް ރެޓިފިކޭޝަން" އާއި "މިނަމާޓާ ކޮންވެންޝަން އޮން މަރކިއުރީ" ދިވެހިރާއްޖެއިން ތަސްދީޤުކުރުމަށް ބޭނުންވާ "އިންސްޓްރޫމަންޓް އޮފް އެކްސެޝަން" އ.ދ. އަށް ވަނީ ހުށައަޅާފައެވެ.

މި ދެ އެއްބަސްވުންތައް ދިވެހިރާއްޖެއިން ތަސްދީޤުކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވާފައިވަނީ މިއަހަރުގެ މެއި މަހުގެ 13 ވަނަ ދުވަހުގައެވެ. އަދި ބީ.ބީ.އެން.ޖޭ މުޢާހަދާގައި ދިވެހިރާއްޖެއިން ސޮއިކޮށްފައިވަނީ މިމަހުގެ 3 ވަނަ ދުވަހުގައެވެ. މިއާއެކު ރާއްޖެއަކީ ބީ.ބީ.އެން.ޖޭ މުޢާހަދާ ތަޞްދީޤުކުރި 9 ވަނަ ޤައުމެވެ. އަދި މިނަމާޓާ ކޮންވެންޝަން އޮން މަރކިއުރީ ތަސްދީޤުކުރި 150 ވަނަ ޤައުމެވެ.


ޚާރިޖީ ވުޒާރާއިން ވިދާޅުވީ ދިވެހިރާއްޖެއަކީ ކަނޑުތައް ރައްކާތެރިކޮށް، އެ ސަރަޙައްދު ޙިމާޔަތްކޮށް އަދި ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ކަށަވަރުކުރުމަށް ބާރުއަޅައި، ދިރޭރަހަ ނުވަތަ މަރކިއުރީ އެކުލެވޭ އުފެއްދުންތަކުން ބޭރުވާ ނުރައްކާތެރި ވިހަ މާއްދާތަކުން ޞިއްޙަތަށާއި ތިމާވެށި ރައްކާތެރިކުރުމަށްވެސް އަހަންމިއްޔަތުކަން ދޭ ޤައުމެއްގެ ގޮތުގައި ސާބިތުކަމާއެކު ދެމިއޮންނާނެކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ.

2023 ވަނަ އަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހު އ.ދ. ގެ އާންމު މަޖިލީހުގައި ފާސްކުރި ބީ.ބީ.އެން.ޖޭ މުޢާހަދާގައި ޤައުމުތަކަށް ސޮއިކުރެއްވުމަށް ހުޅުވާލައްވާފައިވަނީ 20 ސެޕްޓެމްބަރ 2025 ގެ ނިޔަލަށެވެ. އަދި މިނަމާޓާ ކޮންވެންޝަން އޮން މަރކިއުރީ އަކީ ޔުނައިޓެޑް ނޭޝަންސް ގެ އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގެ ފަރާތުން 2013 ވަނަ އަހަރު އެކުލަވާލާފައިވާ ބައިނަލްއަޤްވާމީ މުއާހަދާއެކެވެ.