ޚަބަރު

ދީނާ ގުޅުންހުރި ދާއިރާތަކުން ތަޢުލީމް ޙާސިލްކުރުމަށް ދެވޭ އެހީތެރިކަން ފުޅާކުރާނަން: ވަޒީރު ޑރ. ޝަހީމް


  • އެކި ދާއިރާތަކުން އެހީދިނުމުގެ ފަހުމުނާމާއެއްގައި ވުޒާރާއާއި އެމްއެންޔޫއާދެމެދު ވަނީ ސޮއިކޮށްފައި

  • ޢިލްމީ ދިރާސާއާއި ޢިލްމީ ޕްރޮގުރާމްތައް ހިންގުމުގެ މަސައްކަތް ދެ ފަރާތުން ގުޅިގެން ކުރެވޭނެ

އިސްލާމް ދީނާ ގުޅުންހުރި ދާއިރާތަކުން ތަޢުލީމް ޙާސިލްކުރުމަށް ދެވޭ އެހީތެރިކަން ފުޅާކުރައްވާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އެކި ދާއިރާތަކުން އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމާ ބެހޭގޮތުން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޤައުމީ ޔުނިވަރސިޓީއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މިހާރުވެސް ޤައުމީ ޔުނިވަރސިޓީއާއި އެ ވުޒާރާއާ ގުޅިގެން ގިނަ ކަންތައްތަކެއް ކުރަމުންދާ ކަމަށެވެ. ނަމަވެސް ދެ ފަރާތާމެދު ކުރެވޭ ޢިލްމީ މަސައްކަތްތައް މި އެއްބަސްވުމާއެކު ފުޅާވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެެވެ.

ވަޒީރު ވިދާޅުވީ އިސްލާމް ދިނާއި ތަޢުލީމް ޙާސިލްކުރުމާ ގުޅުންހުރި ކަންކަމުގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އަބަދުވެސް އެހީތެރިވެ، އެއްބާރުލުންދެއްވާ ކަމަށެވެ. އެގޮތުން ދީނާ ގުޅުންހުރި ދާއިރާތަކުން ސްކޮލަރޝިޕް އިތުރުކުރުން އަދި އެހެނިހެން ގޮތްގޮތުންވެސް އުނގެނުމަށްދޭ އެހީތެރިކަން އިތުރަށް ފުޅާކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"ޤައުމީ ޔުނިވަރސިޓީން ދީނީ އެކި ރޮނގުތަކުން ތަޢުލީމް ޙާސިލްކޮށްފައިވާ ގިނަ ދަރިވަރުންތަކެއް އެބައުޅޭ. ފަހުމުނާމާއާއެކީގައި ދީނީ ތަޢުލީމު ދެވޭ ފެންވަރު އިތުރުވާނެކަމަށް ޔަޤީންކުރަނީ." ވަޒީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ، މި އެއްބަސްވުމާއެކު އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާ ގުޅިގެން ތަޢުލީމު ފެތުރުމަށާއި ދިރާސާތައް ކުރުމަށާއި ދީނީ ހޭލުންތެރިކުރުމުގެ ޕްރޮގުރާތައް ހިންގުމަށް މަގު ފަހިވާނެ ކަމަށެވެ.

ވައިސް ޗާންސެލަރ ވިދާޅުވީ، މި އެއްބަސްވުމުގެ މައިގަނޑު މަޤުޞަދަކީ ދެ ފަރާތުން ގުޅިގެން ޢިލްމީ ދިރާސާތައް ހެދުމާއި އިސްލާމް ދިނާ ގުޅުންހުރި ދާއިރާތަކުން މަތީ ތަޢުލީމަށް ކިޔެވޭނެ ގޮތް ހަމަޖެއްސުން ކަމަށެވެ. އަދި ދަރިވަރުންނަށް ބޭރުގެ ޤައުމުތަކަށް ތަޖުރިބާ ދަތުރުތައް ހަމަޖެއްސުމާއި ފަންނީ މާހިރުން އުފެއްދުމާއި ދީނީ ވަހުދަތު ހިމާޔަތްކޮށް ދީނުގެ މެދުމިނުގެ ސިޔާސަތު ދެމެހެއްޓުމަށް އެއްބާރުލުން އެހީތެރިކަން ދިނުން މަޤުޞަދުތަކުގެ ތެރޭގައި ހިމެނޭކމަަށް ޑރ. ޝެހެނާޒް ވިދާޅުވިއެވެ.

މީގެ އިތުރުން ދިވެހި ޒުވާނުންގެ ކިބައިގައި ދީނީ އަދި ޤައުމީ ލޯބި އާލާކުރުމުގައި އެއްބާރުލުންދިނުމާއި ޢިލްމުވެރިންގެ މެދުގައި ދެނެގަތުމާއި ގާތްކަން ދެމެހެއްޓުމަށްޓަކައި ސެމިނަރތަކާއި ފޯރަމްތަކާއި މަހާސިންތާތައް ރާވާ ހިންގުމުގައި އެހީތެރިވުމާއި ޖަމާޢަތްތެރިން އުފައްދާ ތަމްރީންކުރުމުގައި ފަހުމުނާމާގެ ދަށުން ޤައުމީ ޔުނިވަރސިޓީން އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ޑރ. ޝެހެނާޒް ވިދާޅުވިއެވެ.

"އުންމީދުކުރަނީ މި ފަހުމުނާމާގެ ދަށުން ދަރިވަރުންނަށާއި ޢިލްމުވެރިންނަށް އައު ދޮރުތަކެއް ހުޅުވި، އަޅުގަނޑުމެންގެ މުޖުތަމަަޢަށް މާނަ ހުރި ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގު ތަނަވަސްވެގެންދާނެކަމަށް." ވައިސް ޗާންސެލަރ ވިދާޅުވިއެވެ.

އެކި ދާއިރާތަކުން އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމާ ބެހޭގޮތުން ސޮއިކުރި މި އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. ޢައިޝަތު ޝެހެނާޒް އާދަމެވެ.

މިހާރުވެސް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި އިސްލާމް ދިނާ ގުޅުންހުރި ތަފާތު އެކެޑެމިކް ޕްރޮގުރާމްތައް ހިންގައެވެ. އެގޮތުން އިސްލާމިކް ސްޓަޑީސްއާއި އިމާމުންނާއި ޚަޠީބުންނަށް ޙާއްސަކޮށްގެން ޕްރޮގުރާމްތައް ހިންގައެވެ.