ޓުއަރިޒަމް

ޗައިނާއިން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރަނީ


ޗައިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިިއްމު މާރކެޓެކެވެ. ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމަކީ ޗައިނާއެވެ. ނަމަވެސް މިފަހަކަށް އައިސް ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަނީ ދަށްވަމުންނެވެ.

ޗައިނާގައި ރާއްޖެ އިތުރަށް އިޝްތިހާރުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ ހާރިސް މުޙައްމަދު ވިދާޅުވީ މިދިޔަ މަހުވެސް ޗައިނާގައި އޮތް ޓޫރިޒަމް ކޮންފަރެންސެއްގައި ރާއްޖެއިން ބައިވެރިވެފައިވާކަމަށާއި އަދި މިމަހު ޗައިނާގައި ބާއްވާ ކުންމިންގ ފެެއަރގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކޮށް އިޝްތިހާރުކުރުމަަށްޓަކައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ކަމަށެވެ. ހާރިސް ވިދާޅުވީ ކުންމިންގ ފެއަރގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށްޓަކައި އެމްއެމްޕީއާރުސީއާއި އެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 12 ފަރާތަކުން ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި ކުންމިންގ ފެއަރގެ ތެރެއިން މޯލްޑިވިއަން ނައިޓެއް ބޭއްވުމަށްވެސް ހަމަޖެހިފައިވާކަމަށެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާ ފަތުރުވެރިންގެ އަދަދު ދަށްވަމުންދާ ވަރަށް ގިނަ ސަބަބުތައް އެބަހުރި ކަމަށާއި އޭގެ ތެރޭގައި ޗުއްޓީ ހޭދަކުރުމަށް ޗައިނާ ފަތުރުވެރިން ޤައުމުން ބޭރަށް ދަތުރުކުރުމުގެ ބަދަލުގައި ޤައުމުގެ އެހެން ހިސާބުތަކަށް ދިޔުން ހިމެނޭކަމަށެވެ. އަދި ރާއްޖެފަދަ އެހެން މަންޒިލުތަކުގެ އަގުތައް ދަށްކުރުމުންވެސް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދަށް އަސަރުކުރާ ކަމަށް ހާރިސް ވިދާޅުވިއެވެ.

މި އަހަރުތެރޭ ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒު ހިފާފައިވާ އިރު ދާދި ފަހުން ވަނީ މިއަހަރު ޒިޔާރަތްކުރި ފަސްސަތޭކަ ހާސް ވަނަ ފަތުރުވެރިޔާ ރާއްޖެއައުން ފާހަގަކޮށްފައެވެ.