ޚަބަރު

ޔަހޫދިންނާ ދެކޮޅަށް ބައިނަލްއަޤްވާމީ ކޯޓަށް ހުށައަޅަންޖެހޭ ލިޔުންތައް އަންނަ މަހު ރާއްޖެއިން ހުށައަޅަނީ


  • މިމައްސަލައަށް ތަދައްޚުލްވުމަށް ރާއްޖެއިން ލިއުންތައް ހުށަހަޅާނީ އަންނަ މަހު 1 ވަނަ ދުވަހު

  • މިމައްސަލައިގައި ރާއްޖެއިން އައިސީޖޭއަށް ކަނޑައަޅާފައިވާ އޭޖެންޓް އަކީ ބަންޑާރަ ނައިބު

ދުނިޔޭގެ ކޯޓުގެ ގޮތުގައި ބަލައިގަނެފައިވާ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ޔަހޫދީ ދައުލަތާއި ދެކޮޅަށް ދެކުނު އެފްރިކާއިން ހުށަހަޅާފައިވާ މައްސަލައަށް ތަދައްޚުލްވުމަށް ރާއްޖެއިން ލިޔެކިއުންތައް އަންނަ ހަފްތާގައި ހުށަހަޅާނެ ކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ. ރާއްޖެއިން މިމައްސަލައަށް ތަދައްޚުލްވުމަށް ނިންމާފައިވަނީ ވަޒީރުންގެ މަޖިލީހުގައި އެކަމަށް މަޝްވަރާކުރުމަށް ފަހުއެވެ.

ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް ޔަހޫދީން ހިންގާ ޤަތުލުޢާންމު ކުށްވެރިކޮށް ދެކުނު އެފްރިކާއިން އައިސީޖޭއަށް މައްސަލަ ހުށަހެޅީ 1948 ވަނަ އަހަރު އެކުލަވާލާފައިވާ ޤަތުލްޢާންމު މަނާކުރުމާއި އެކަން ކުށްވެރިކުރުމާ ބެހޭ ބައިނަލްއަގުވާމީ މުޢާހަދާއާ ޔަހޫދީން ޚިލާފުވެފައިވާ ކަމަށް ބުނެއެވެ. އެ މައްސަލަ އެ ޤައުމުން ބައިނަލްއައިސީޖޭއަށް ހުށަހެޅީ މިދިޔަ އަހަރުގެ ޑިސެމްބަރު 29ގައެވެ.

އދ.ގައި ރާއްޖޭގެ ދައުރާ ގުޅޭގގޮތުން ޕީއެސްއެމުން ގެނެސްދޭ "ދިވެހީންގެ އަޑު ދުނިޔެއަށް" ކަވަރޭޖުގައި ދިވެހި ޚާރިޖިއްޔާގެ ސެކްރެޓަރީ މަލްޓިލެޓެރަލް އަޙްމަދު ޝިޔާން ވިދާޅުވީ، ޔަހޫދީ ދައުލަތާއި ދެކޮޅަށް ދެކުނު އެފްރިކާއިން ހުށަހަޅާފައިވާ މައްސަލައަށް ރާއްޖެއިން ވަނުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

އެގޮތުން ޤަތުލްޢާންމު ހުއްޓުވުމުގެ މުޢާހަދާ ތެރެއިން ޔަހޫދީން ޖަވާބުދާރީ ކުރުވުމަށް ކުރެވޭނެ ކަންކަން ބަލައި ދިރާސާކޮށް ރާއްޖެއިން މިމައްސަލައަށް ލިިއުންތައް ހުށަހަޅާނެކަމަށް ޝިޔާން ވިދާޅުވިއެވެ. އެގޮތުން މިފެށޭ މަހު އެކަމުގެ ލިޔެކިޔުންތައް ނެދަލޭންޑްސްގެ ހޭގުގައި ހުންން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށައަޅާނެކަމަށް ޝިޔާން ވިދާޅުވިއެވެ.

"އެކެއް އޮކްޓޯބަރގަ އަޅުގަނޑުމެން ލިއެކިއުންތައް ހޭގަށް ސަބްމިޓް ކުރާނެ. މިވެސް ވަރަށް މަސައްކަތް މިކަހަލަ ބައިނަލްއަޤްވާމީ ކޯޓަކަށް ދާން ޖެހޭއިރު ވާން ޖެހޭ ތައްޔާރީތަކާއި، އިޒްރޭލު ޖަވާބުދާރީ ކުރުވުމުގެ ގޮތުން ކޮށްފައި ހުރި ކަންތައްތަކާއި ކުރެވޭނެ ކަންތައްތައް ބަލާއި، މުޠޯލިއާކޮށް އެއަށް ބަލައި ޖެނޮސައިޑް ކޮންވެންޝަންގެ ކޮން މާއްދާތަކެއްގެ ތެރެއިންތޯ ޖަވާބުދާރީ ކުރެވޭނީ. މިހުރިހާ ކަމެއް ބަލާފައި އެ ސަބްމިޓް ކުރަނީ " މަލްޓިލެޓެރަލް ސެކެރަޓަރީ އަޙްމަދު ޝިޔާން ވިދާޅުވިއެވެ.

މިމައްސަލައަށް ތަދައްޚުލްވުމަށް ދިވެހި ރާއްޖޭއިން މިއަހަރުގެ މާރިޗު މަހު ނިންމާފައިވާއިރު، އެ މައްސަލާގައި ދިވެހިރާއްޖޭގެ އޭޖެންޓެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ބަންޑާރަ ނައިބު އަހުމަދު އުޝާމެވެ.

ރާއްޖެއިން ފަލަސްޠީނުގެ ހައްޤުޤައި ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި، ޝިޔާން ވަނީ ރައީސުލްޖުމްހޫރިއްޔާ އދ.ގެ އާންމު މަޖިލީހުގައި ދެއްވި ބަޔާނުގައިވެސް ޤަތުލުޢާންމު ހުއްޓުވުމަށާއި، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމް ކުރުމަށް ގޮވާލައްވާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ޔަހޫދީން ޖަވާބުދާރީ ކުރުމަށް އެމަނިކުފާނުގެ ތަޤުރީރުގައި ދުނިޔެއަށް ގޮވާލައްވާފައިވާއިރު، މިމައްސަލާގައި ރާއްޖެއަށް ކުރެވެން ހުރިހާ ކަމެއް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ފަލަސްޠީނުގައި ހިންގަމުންދާ ޤަތުލްޢާމްތައް ހުއްޓުވުމަށް ދިވެހި ސަރުކާރުން އެކި މަންސަތަކުގައި ދަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ވަޒީރުންގެ ފެންވަރުގައި އަދި ޚާރިޖީއްޔާގެ މަސައްކަތުގައި ފަލަސްޠީނުގެ މައްސަލާގައި ވާހަކަ ދެކެވެމުންދާ ހުރިހާ މަންސައެއްގައި ދިވެހި ރާއްޖެ ބައިވެރިވާކަން ދިވެހި ޚާރިޖީއްޔާއިން ފާހަގަކުރެއެވެ. އަދި ދިވެހި ސަރުކާރުން މިމައްސަލާގައި އަބަދުވެސް ނަގަމުންދާ ސްޓޭންޑު ހިފަހައްޓަމުންދާކަން ދިވެހި ޚާރިޖިއްޔާއިން ވަނީ ފަހަގަކުރައްވާފައެވެ.