ޚަބަރު

ގެޓާފޭ ބަލިކޮށް ބާސެލޯނާ މޮޅުވުމުގެ ރިކޯޑު ދަމަހައްޓައިފި


ސްޕެނިޝް ލީގުގައި ރޭ ގެޓާފޭއާ ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ލީގުގައި މެޗަކުން ބަލިނުވެ ބާސެލޯނާއިން ދަމަހައްޓަމުން އަންނަ ރިކޯޑު އިތުރުކޮށްފިއެވެ.

މި މެޗު ކާމިޔާބު ކުރުމާއެކު ބާސެލޯނާއިން ވަނީ ލީގުގައި މިހާތަނަށް ކުޅުނު 7 މެޗުން މޮޅުވެ 21 ޕޮއިންޓާއެކު ލީގުގެ އެއްވަނަ މަގާމް ހޯދާފަ އެވެ. ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް 7 މެޗުން ލިބިފައިވަނީ 17 ޕޮއިންޓެވެ.

ލުއިސް ކޮމްޕެނީސް އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ބާސެލޯނާ އަށް ކާމިޔާބު ކޮށްދީފައިވަނީ މެޗުގެ 19 ވަނަ މިނިޓުގައި ރޮބަޓް ލެވަންޑޯސްކީ އެވެ. މިއީ އޭނާ ލީގުގައި މިހާތަނަށް ޖެހި ހަތްވަނަ ލަނޑެވެ.

ބާސެލޯނާއިން ލަނޑު ޖެހިތާ ގިނައިރުތަކެއް ނުވަނީސް ގެޓާފޭއަށް ވަނީ މެޗުގެ ނަތީޖާ އެއްވަރު ކުރުމަށް ރަގަޅު ފުރުސަތެއް ލިބިފައެވެ. ނަމަވެސް އޭރިޔާ ތެރޭގައި ހުރެ ކާލެސް ޕެރޭޒް ބޮލުން ފޮނުވާލި ބޯޅަ ބާސެލޯނާގެ ކީޕަރު އިނާކީ ޕެނާ ވަނީ މަތަކޮށްފަ އެވެ. މިއީ އަނިޔާގެ ސަބަބުން ބާސެލޯނާގެ އެއް ނަންމަބު ކީޕަރު މާކް އެންޑްރޭ ޓާސްޓެގަން ކުޅުމާއި ދުރަށް ދިއުމުން ޕެނާ ބާސެލޯނާގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ފެށި ފުރަތަމަ މެޗެވެ.

އަނިޔާގެ ސަބަބުން މި ސީޒަނުގައި ދެން ޓާސްޓެގަން އަށް ނުކުޅެވޭނެތީ ބާސެލޯނާއިން އިތުރު ކީޕަރެއް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ރިޕޯޓްތައް ވަނީ ބުނެފަ އެވެ. އެގޮތުން އެ ޓީމަށް ގެނައުމަށް މަސައްކަތް ކުރަނީ ކުރިން އާސެނަލްއަށް ކުޅުނު ސެޒްނީ އެވެ.

މި މެޗުގައި ބާސެލޯނާ އިން ވަނީ ގެޓާފޭގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ. އެގޮތުން ލަމީން ޔަމާލް އާއި ރަފީނިއާ ފޮނުވާލި ހަމަލަތައް ފާހަގަކޮށްލެވެ އެވެ.