ޚަބަރު

ޔަހޫދީން ލުބްނާނަށް ދެމުންދާ ޙަމަލާތައް 21 ދުވަހަށް މެދުކަނޑައިލަން ހުޅަނގާއި ބައެއް ޢަރަބި ޤައުމުތަކުން ގޮވައިލައިފި


ޒަޔަނިސްޓު ދައުލަތުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށް ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން ލުބްނާންގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާން ވަގުތީ ގޮތުން މެދުކަނޑައިލަން އެމެރިކާއާއި އެ ޤައުމުގެ ވެރިންގެ އިތުރުން ބައެއް ޢަރަބި ޤައުމުތަކުން ގޮވައިލައިފިއެވެ. އދގެ ޢާންމު މަޖިލީހުގެ 79ވަނަ ޢާންމު ޖަލްސާގެ ހަވާސާގައި ބޭއްވި މަޝްވަރާތަކަކަށް ފަހު އެމެރިކާއާއި ފަރަންސޭސިވިލާތުގެ އިތުރުން އެމެރިކާގެ އެހެން އެކުވެރިންނާއި ބައެއް ޢަރަބި ޤައުމުތަކުން ވަނީ 21 ދުވަހުގެ މުއްދަތަކަށް ޙަމަލާ ބަދަލުކުރުން މެދުކަނޑައިލަން ގޮވައިލާފައެވެ.

ލުބްނާނާއި ޒަޔަނިސްޓުންނާ ދެމެދު އޮތް ސަރަޙައްދީ ރޮނގަށް ދީފައިވާ ޢާންމު ނަމަކީ ބްލޫ ލައިން ނުވަތަ ނޫ ރޮނގެވެ. 1978ވަނަ އަހަރުން ފެށިގެން ލުބްނާންގެ ދެކުނުގައިވާ ސަރަޙައްދުތަކަށް އަތްގަދަ ކުރަމުން ގޮސްފައިވާ ޔަހޫދީން އެ ސަރަޙައްދުތަކުން ފައިބަން ފެށުމާ އެކު, ދެ ޤައުމު ގުޅޭ ސަރަޙައްދީ ރޮނގުގެ ވަކި ސަރަޙައްދަކީ ނޫ ރޮނގުގެ ގޮތުގައި އދން ކަނޑައަޅާފައި ވަނީ 2000ވަނަ އަހަރުގެ މޭ މަހުއެވެ. މި ވަގުތު, އެ ސަރަޙައްދު ބަލަހައްޓަމުން ދަނީ އދގެ ސުލްޙަ ބަލަހައްޓާ ފައުޖަކުންނެވެ.

ނަން ހާމަކޮށްފައި ނުވާ އެމެރިކާ ސަރުކާރުގެ އޮފިޝަލަކު ބުނީ, ނޫ ރޮނގުގައި ބަދަލު ކުރަމުންދާ ޙަމަލާތައް ވަގުތީ ގޮތުން މެދުކަނޑައިލުމަށް ބާރު އަޅާފައި ވަނީ, ލުބްނާނާއި ޔަހޫދީންނާ ދެމެދު އުފެދިފައިވާ ދެބަސްވުންތަކަށް ސުލްޙަވެރި ޙައްލެއް ހޯދުމަށް މަޝްވަރާތައް ބޭއްވުމުގެ ފުރުޞަތު ދިނުމުގެ ގޮތުން ކަމުގައެވެ. ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން މެދުކަނޑައިލުމަށް ވެސް އެމެރިކާއާއި އެ ޤައުމުގެ އެކުވެރިން ގޮވައިލާފައިވެއެވެ. ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهން ޒަޔަނިސްޓުންނަށް ޙަމަލާ ދޭން ފަށާފައި ވަނީ ޣައްޒާ ޢުދުވާން ހުއްޓައިލަން ބާރު އެޅުމުގެ ގޮތުންނެވެ.

ސެޕްޓެންބަރު 23ވަނަ ދުވަހުން ފެށިގެން ލުބްނާންގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 620އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ ކުޑަކުދިން ހިމެނެއެވެ. ލުބްނާންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ, ޔަހޫދީ ފައުޖުން އެންމެ ފަހުން ދިން ޙަމަލާތަކުގައި އިތުރު 72 މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. އަދި, އިތުރު 223 މީހުން ޒަޚަމު ކޮށްލާފައެވެ.

އެ ޢުދުވާންތައް ވަގުތީ ގޮތުން މެދުކަނޑައިލަން ގޮވައިލާފައިވާ ޤައުމުތަކުގެ ތެރޭގައި އެމެރިކާ, ފަރަންސޭސިވިލާތް, އޮސްޓްރޭލިޔާ, ޤަޠަރު, އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ) ސަޢޫދީ ޢަރަބިއްޔާ އަދި ވިލާތުގެ އިއްތިހާދު (އީޔޫ) ހިމެނެއެވެ. "ޙަމަލާ ބަދަލު ކުރުން ވަގުތީ ގޮތުން މެދުކަނޑައިލަން ގޮވައިލައި އަޅުގަނޑުމެން އެކުލަވައިލާފައިވާ ހުށަހެޅުން ބަލައިގަތުމަށް ހުރިހާ ފަރާތަކަށް, ޚާއްޞަކޮށް އިސްރާއީލާއި ލުބްނާންގެ ސަރުކާރަށް ގޮވައިލަން،" އެމެރިކާގެ ރިޔާސީ ގަނޑުވަރު, ވައިޓް ހައުސުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ޢުދުވާން ހުއްޓައިލައި, ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލަން ގޮވައިލާފައިވާ ގޮވައިލުމަށް ލުބްނާންގެ ބޮޑުވަޒީރު ނަޖީބު މީކާތީ ވަނީ މަރުޙަބާ ދަންނަވާފައެވެ. އޭނާ ވިދާޅުވީ, އެ ކަން ކުރެވޭނީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އދގެ ޤާރާރުތަކަށް ޔަހޫދީން އިޙުތިރާމުކޮށް, ތަބާވާން ފެށުމުން ކަމުގައެވެ. އަދި, ވަރަށް އަވަހަށް ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލެވޭނެ ކަމުގެ އުންމީދު އޮތް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ލުބްނާންގެ ޢާންމު ރައްޔިތުންނަށް ދެމުންދާ ޙަމަލާތައް މެދުކަނޑައިލަން ބައިނަލްއަޤުވާމީ މުޖުތަމަޢުން ގޮވައިލަމުން ދިޔަ ނަމަވެސް, ޔަހޫދީ ފައުޖުން އަމަލު ކުރަމުން ދަނީ އެ ގޮވައިލުމާ ދިމާ އިދިކޮޅަށެވެ. ހައްދުފަހަނަ އެޅި ނަތަންޔާހޫގެ އަމުރަށް ޔަހޫދީ ފައުޖުން ދަނީ އެތަކެއް ސަތޭކަ ހާސް ސިފައިންނާއި ބަރުހަތިޔާރު ލުބްނާންގެ ނޫ ރޮނގު ކައިރިއަށް ޖަމާ ކުރަމުންނެވެ. ޔަހޫދީ ފައުޖުގެ އިސް ކޮމާންޑަރު ބުނީ, ޔަހޫދީންގެ ނިރުބަވެރި ސިފައިން އެއްގަމު މަގުން ލުބްނާނަށް އަރައި ލާއިންސާނީ ޢުދުވާން އިތުރު ހަރުފަތަކަށް ފުޅާ ކުރުމުގެ ފުރުޞަތު ބޮޑު ކަމުގައެވެ. ޔަހޫދީންގެ ލާއިންސާނީ ޖަރީމާތަކާ އެކު މެދުރިއުމަތީގައި ލޭއޮހޮރުވުން ބޮޑު ނުރައްކާތެރި ހަނގުރާމައެއް ފެށުމުގެ ބިރު ވެސް ވަނީ އެތަކެއް ގުނައަކަށް ބޮޑުވެފައެވެ.

ވައިޓް ހައުސުން ބުނީ, އެ ކަމުގެ ފުރުޞަތު ހަނި ކުރުމަށް ލުބްނާނާއި ޔަހޫދީ ދައުލަތާ އެކު މަޝްވަރާ ކުރަމުންދާ ކަމުގައެވެ. "އެ ކަމާ މެދު އަޅުގަނޑުމެން މަޝްވަރާ ކުރަމުންދާތާ މިިހާރު މަސްތަކެއް ފާއިތުވެއްޖެ،" އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުގެ އިސް އޮފިޝަލަކު ބުންޏެވެ. އަދި, މިހާރު މަސައްކަތް ކުރަމުން ދަނީ, ދެ ފަރާތުގެ މެދުގައި އެއްބަސްވުމެއް އެކުލަވައިލައި, 21 ދުވަހުގެ މުއްދަތަކަށް ޙަމަލާ ބަދަލު ކުރުން ވަގުތީ ގޮތުން މެދުކަނޑައިލުމަށް ކަމުގައި ވެސް އެ އޮފިޝަލު ބުންޏެވެ.

ލުބްނާންގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް މެދުކަނޑައިނުލައިފި ނަމަ, ދުރުގައި ބަލަން ތިބުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ އީރާނުން ވަނީ ޔަހޫދީންނަށް އިންޒާރު ދީފައެވެ. އދގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމަކަށް ފަހު ވާހަކަފުޅު ދައްކަވަމުން އީރާނުން އދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޢައްބާސް ޢަރާޤީޝީ ވިދާޅުވީ ޙިޒްބުاللهއަށް ވާގިވެރިވުމުގައި އީރާނުން ދެމި އޮންނާނެ ކަމުގައެވެ. އަދި, ލުބްނާންގެ މަސްރަޙު އިތުރަށް ގޯސްވަމުންދާ ނަމަ, އެ ކަމާ މެދު ފިޔަވަޅުތަކެއް ނާޅައި ބަލަން ނުތިބޭނެ ކަމުގައެވެ.

ޔަހޫދީ ފައުޖުން ލުބްނާންގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް ލާއިންސާނީ ޢުދުވާނެއް ފަށާފައި މި ވަނީ, ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ފެށި ލާއިންސާނީ ޢުދުވާންތަކަށް އަހަރެއް ފުރުމާ ގާތްވެފައިވާ ދަނޑިވަޅެއްގައެވެ. 2023 އޮކްޓޫބަރު 7ގައި ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 41,495އަށް އުފުލިފައެވެ. އޭގެ ތެރޭގައި 17,000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 96,006އަށް އުފުލިފައެވެ.