ޚަބަރު

ޔަހޫދީންގެ ޙަމަލާތަކުގައި ޙިޒްބުاللهގެ ހިންގުމަށް, ޤާބިލުކަމަށް އުނިކަމެއް ނުލިބޭ


ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުالله ނައްތައިލުމުގެ ނަމުގައި އެ ޤައުމުގެ ޢާންމު ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިން ފަށާފައިވާ ލާއިންސާނީ ޢުދުވާނުގެ ސަބަބުން އެ ޖަމާޢަތުގެ ހިންގުމަށް, އަދި ޤާބިލުކަމަށް ހީނަރުކަމެއް ލިބިފައި ނުވާ ކަމުގައި އެ ޤައުމުގެ ސަލާމަތީ މަސްދަރުތަކުން ހާމަކޮށްފިއެވެ. ލުބްނާންގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ފަށާފައިވާ ވަނީ ސެޕްޓެންބަރު 23ވަނަ ދުވަހުއެވެ.

ޙިޒްބުاللهގެ މުޖާހިދުންގެ އަމާޒުތަކަށް ކަމަށް ބުނެ ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ދެމުންދާ ރަޙުމު ކުޑަ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 620އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ ކުޑަކުދިން ހިމެނެއެވެ. ޔަހޫދީ ފައުޖުން އެންމެ ފަހުން ދިން ޙަމަލާތަކުގައި 72 މީހުން ޝަހީދު ކޮށްލާފައިވާއިރު, އޭގެ ތެރޭގައި ސޫރިޔާގެ 23 ރެފިއުޖީންގެ ތެރެއިން އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ.

ސެޕްޓެންބަރު 20ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ ލުބްނާންގެ ވެރިރަށް ބައިރޫތަށް ރަޙުމު ކުޑަ ވައިގެ ޙަމަލާތަކެއްދީ, ގިނަ ޢަދަދެއްގެ ބަޔަކު ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި ޙިޒްބުاللهގެ ކޮމާންޑަރެއް ކަމުގައިވާ އިބްރާހީމް ޢަޤީލް ހިމެނެއެވެ. އެއީ, ޙިޒްބުاللهގެ ބާރުގަދަ ރިޟްވާން ލަޝްކަރުގެ ކޮމާންޑަރު އަދި ބާނީއެވެ. އެއަށްފަހު, ސެޕްޓެންބަރު 23ވަނަ ދުވަހު ލުބްނާންގެ ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ބޮންއަޅައި 560 މީހުން ޝަހީދު ކޮށްލިއެވެ. އޭގެ ތެރޭގައި 50އެއްހާ މައުސޫމު ކުޑަކުދިން ވެސް ހިމެނެއެވެ.

ޔަހޫދީ ފައުޖުގެ ވެރިޔާ ހެރްޓްޒީ ހަލަވީ ބުނީ, ޢަޤީލު ޝަހީދު ކޮށްލުމުން ޙިޒްބުاللهއަށް ބޮޑު ސިހުމެއް ލިބިފައިވާ ކަމުގައެވެ. އަދި, އެ ޖަމާޢަތުގެ ހިންގުމާއި, ޤާބިލުކަމަށް ބޮޑު ހީނަރުކަމެއް ލިބިފައިވާ ކަމުގައެވެ. ލުބްނާންގެ އަމާޒުތަކަށް ދެމުންދާ ޙަމަލާތަކުގައި ޙިޒްބުاللهން ރައްކާ ކޮށްފައިވާ ގިނަ ޢަދަދެއްގެ ރޮކެޓުތަކާއި އެހެނިހެން ހަތިޔާރުތައް ނައްތައިލައި, އެ ޖަމާޢަތް ބަލިކަށި ކޮށްލާފައިވާނެ ކަމުގައި ވެސް އޭނާ ބުންޏެވެ.

ނަމަވެސް, ނަން ހާމަ ކޮށްފައި ނުވާ ލުބްނާންގެ ސަލާމަތީ މަސްދަރުތަކުން ވަނީ އެ ކަން ދޮގު ކޮށްފައެވެ. އެ ފަރާތްތަކުން ބުނީ, ޙިޒްބުالله ނައްތައިލުމުގެ ނަމުގައި ޔަހޫދީ ފައުޖުން އެ ޤައުމުގެ ޢާންމު ރައްޔިތުންނަށް ދެމުންދާ ޙަމަލާތަކާ ގުޅިގެން އެ ޖަމާޢަތަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން ނުދާ ކަމުގައެވެ. އަދި, އެ ޖަމާޢަތުން ބޭނުން ކުރާ ބިންގަރާސްތަކުގެ ބިޔަ ވިއުގައާއި, ގުދަންތަކުގައި ރައްކާ ކޮށްފައިވާ ހަތިޔާރުތަކަށް ގެއްލުން ލިބިފައި ނުވާ ކަމުގައެވެ.

ލުބްނާންގެ މަސްދަރުތަކުން ބުނީ, ޢަޤީލު ޝަހީދު ކޮށްލުމުން, އޭނާގެ ޒިންމާތަކާ އެހެން ކޮމާންޑަރެއް ވަގުތުން ހަވާލުވެފައިވާ ކަމުގައެވެ. އަދި, ޔަހޫދީ ފައުޖުގެ ޙަމަލާތަކުގައި ޝަހީދު ކުރަމުންދާ އެ ޖަމާޢަތުގެ އެހެން ކޮމާންޑަރުންނާ މެދު ވެސް އެ ގޮތަށް އަމަލު ކުރަމުންދާ ކަމުގައެވެ. އޮގަސްޓު 1ވަނަ ދުވަހު ވާހަކަ ދައްކަވަމުން ޙިޒްބުاللهގެ ވެރިޔާ އަލް-ސައްޔިދް ޙަސަން ނަޞްރުالله ވެސް ވަނީ އެ ޖަމާޢަތުގެ ކޮމާންޑަރުންނާއި މުޖާހިދުން ޝަހީދުކޮށްގެން އެ ޖަމާޢަތް ބަލިކަށިކޮށް ނުލެވޭނެ ކަމަށް ވިދާޅުވެފައެވެ.

ޔަހޫދީ ފައުޖުން ހުސްވި ހަފުތާގައި ދިން ނިރުބަވެރި ޙަމަލާތަކެއްގައި ޙިޒްބުاللهގެ 1,500އެއްހާ މުޖާހިދުން ޒަޚަމު ކޮށްލާފައިވެއެވެ. ލުބްނާންގެ ޢާންމު ރައްޔިތުންނާއި ޙިޒްބުاللهގެ މުޖާހިދުން މުއާޞަލާތު ކުރަން ބޭނުން ކުރާ ޕޭޖަރުތަކާއި ވޯކީޓޯކީތަކުގައި ގޮވައިތަކެތި ހަރުކޮށް, އެ ތަކެތި ގޮއްވައިލައިގެން ދިން ޙަމަލާތަކުގައި 3,000އެއްހާ މީހުން ޒަޚަމު ކޮށްލިއެވެ. ލުބްނާންގެ ސަލާމަތީ މަސްދަރުތަކުން ބުނީ, އޭގެ ތެރެެއިން ގިނަ ޢަދަދެއްގެ މީހުންގެ އަތަށް ބޮޑެތި ޒަޚަމުތަކެއް ލިބި ގިނަ ޢަދަދެއްގެ ބަޔަކު ކަނުވެފައިވާ ކަމުގައެވެ.

އެއީ ޙިޒްބުاللهގެ މުޖާހިދުންގެ ތެރެއިން ވަރަށް މަދު ޢަދަދެއް ކަން ފާހަގަ ކޮށްލަން ޖެހެއެވެ. އެމެރިކާގެ ޖާސޫސީ އިދާރާއިން ހަދާފައިވާ އަންދާޒާތަކަށް ބަލާއިރު ޙިޒްބުاللهގައި 40,000އާއި 50,000އާ ދެމެދު ޢަދަދަކަށް މުޖާހިދުން ތިބެއެވެ. ނަމަވެސް, ނަޞްރުالله ވިދާޅުވީ, އެ ޖަމާޢަތުގެ މުޖާހިދުންގެ ޢަދަދު 100,000އަކަށްވުރެ ގިނަވާނެ ކަމުގައެވެ.

ޔަހޫދީންގެ ޙަމަލާތަކުގައި ޙިޒްބުاللهގެ ޤާބިލުކަމަށް ހީނަރުކަމެއް ލިބިފައި ނުވާ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ވެސް އެއްބަސްވެއެވެ. އިނގިރޭސިވިލާތުގެ ކިންގްސް ކޮލެޖު ލަންޑަންގެ ސްކޫލް އޮފް ސެކިޔުރިޓީ ސްޓަޑީޒްގެ ލެކްޗަރަރއެއް ކަމުގައިވާ އަންދްރިޔާސް ކްރީގް ވިދާޅުވީ, ޔަހޫދީންގެ ޙަމަލާތަކުގައި ޙިޒްބުاللهއަށް ކޮންމެ ވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައިވީ ނަމަވެސް, އެ ޖަމާޢަތުގެ އަސްކަރީ ޤާބިލުކަން ހީނަރުވެފައިވާ ކަމަށް ޤަބޫލު ނުކުރައްވާ ކަމުގައެވެ. "އެއީ [ޙިޒްބުاللهއަކީ] އިސްރާއީލުން މިހާތަނަށް ހަނގުރާމައިގެ މައިދާނުގައި ކުރިމަތިލާފައިވާ އެންމެ ވަރުގަދަ ލަޝްކަރު, [މުޖާހިދުންގެ] ޢަދަދުގެ ގޮތުން އެކަންޏެއް ނޫން, ވިލުންތެރި ކަމުގެ ގޮތުން ބެލި ކަމުގައިވީ ނަމަވެސް [އެއީ ބާރުގަދަ ލަޝްކަރެއް]،" އޭނާ ވިދާޅުވިއެވެ.

ޔަހޫދީންގެ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ޙިޒްބުاللهގެ މުޖާހިދުން ވެސް ދަނީ ޔަހޫދީންނާ ދެކޮޅަށް ޖިހާދު ކުރަމުންނެވެ. އަދި, ނުރައްކާތެރި ރޮކެޓުތަކާއި ބާރުގަދަ މިސައިލާއި އަސްކަރީ ޑްރޯން ފަދަ ހަތިޔާރު ބޭނުން ކޮށްގެން މެދުކެނޑުމެއް ނެތި ޔަހޫދީންގެ އަމާޒުތަކަށް ޙަމަލާ ދެމުންނެވެ. ސެޕްޓެންބަރު 25ވަނަ ދުވަހު ޙިޒްބުاللهން ވަނީ ޒަޔަނިސްޓު ދަޢުލަތުގެ ވެރިރަށް ތެލް އަވީވުގެ ރަށްބޭރުގައި އޮންނަ ޔަހޫދީންގެ ޖާސޫސީ އިދާރާ, މޮސާދުގެ މައި މަރުކަޒަށް އަމާޒުކޮށް ނުރައްކާތެރި މިސައިލް ޙަމަލާއެއް ވެސް ދީފައެވެ.

އެއީ, ފާއިތުވި އަހަރެއްހާ ދުވަހުުގެ ތެރޭގައި ބަދަލު ކުރަމުން ގޮސްފައިވާ ޙަމަލާތަކުގައި ޙިޒްބުاللهން އެ ފަދަ މިސައިލެއް ބޭނުން ކޮށްފައިވާ ފުރަތަމަ ފަހަރެވެ. އެ ޙަމަލާ އަމާޒު ކޮށްފައި ވަނީ, ލުބްނާންގެ ސަރަޙައްދީ ރޮނގާ 100 ކިލޯމީޓަރު ދުރުގައި އޮތް ހިސާބަކަށެވެ. އެ ރަށުގައި އިންޒާރުގެ ރަނގަބީލު އަޅައި, ޔަހޫދީ ފައުޖުން ވަނީ ވައިގެ ދިފާޢީ ނިޒާމު ބޭނުން ކޮށްގެން އެ މިސައިލް ދިފާޢު ކޮށްފައެވެ.

މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ, ޙިޒްބުاللهން ބޭނުން ކުރާ އެންމެ ބާރުގަދަ އަދި އެންމެ ނުރައްކާތެރި ހަތިޔާރުތައް ބޭނުން ކުރަން ފަށާފައި ނުވާ ކަމުގައެވެ. އޭގެ ތެރޭގައި ފާތިޙު-110 މަރުކާގެ ޕްރިސިޝަން-ގައިޑެޑް ރޮކެޓާއި, އީރާނުގައި އުފައްދާ 300 ކިލޯމީޓަރުގެ ރާސްތާއަކަށް ޙަމަލާ ދިނުމުގެ ޤާބިލުކަން ލިބިފައިވާ ބެލިސްޓިކް މިސައިލްތައް ހިމެނޭ ކަން އެ ފަރާތްތަކުން ފާހަގަ ކުރެއެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ, ފާތިޙު-110 މަރުކާގެ ރޮކެޓަކީ 450އާއި 500 ކިލޯގެ ގޮވާތަކެއްޗާ އެކު ޙަމަލާ ދިނުމުގެ ޤާބިލު ކަން ލިބިފައިވާ ބާރުގަދަ އަދި ނުރައްކާތެރި ހަތިޔާރެއް ކަމުގައެވެ.