ޚަބަރު

ސަރުކާރުގެ ވަޞީލަތްތައް އެންމެ ފުރިހަމައަށް ބޭނުން ކުރެވޭނީ ކައުންސިލްތަކާއި ގުޅިގެން: ލުބުނާ


  • ގދ. އަތޮޅުގެ 9 ކައުންސިލަކާއެކު ދާޚިލީ ވުޒާރާއިން ވަނީ އެމްއޯޔޫގައި ސޮއިކޮށްފައި

  • މި އެއްބަސްވުންތަކުގެ ދަށުން ކުށް މަދު ކުރުމަށް ވުޒާރާއަށް ލަފާއެރުވުމަށް ރަށުގެ ކޮމެޓީއުފައްދާނެ

ސަރުކާރުގެ ވަސީލަތްތައް އެންމެ ރަނގަޅު ގޮތުގައި ބޭނުންކޮށްގެން ކަންކަން ތަންފީޒު ކުރެވޭނީ، ކައުންސިލްތަކާއި ވުޒާރާތައް ގުޅިގެން މަސައްކަތްކޮށްގެން ކަމަށް ދާޚިލީ ސަލާމަތާއި ފަންނީއްޔާތާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ލުބުނާ މުޙައްމަދު ޒާހިރު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ރަށްރަށުގައި ކުށްމަދުކުރުމަށް ހިންގާ "ސޭފްޓީ އެންޑް ސެކިއުރިޓީ ކޮމެޓީ" އިފްތިތާޙް ކުރުމަށް ތިނަދޫ ސިޓީގައި ބޭއްވި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

"ސޭފްޓީ އެންޑް ސެކިއުރިޓީ ކޮމެޓީ" ފެށުމުގެ ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން ދާޚިލީ ސަލާމަތާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ލުބުނާ މުޙައްމަދު ޒާހިރު ވަނީ ސަރުކާރުގެ ވަސީލަތްތައް އެންމެ ފުރިހަމަގޮތުގައި ބޭނުން ކުރުމަށް ކައުންސިލްތަކާއި ސަރުކާރުގެ އިދާރާތައް ގުޅިގެން މަސައްކަތްކުރަންޖެހޭކަމަށް ވިދާޅުވެފައެވެ. ސަރުކާރަށް ލިބޭ ފުރުސަތުތައް ކައުންސިލްތަކަށް ފަހިކޮށްދިނުމުގެ އިތުރުން އިންސާނީ ވަސީލަތް ޤާއިމްކުރުމުގައި ވުޒާރާތަކުގެ މުހިންމު ދައުރެއް އޮންނަކަމަށް ލުބުނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް [ރައްޔިތުންނާއި] އެކުގައި މަސައްކަތް ކުރެވޭނީ ކައުންސިލް ކަހަލަ އިދާރާއަކާއި އަޅުގަނޑުމެންނާއި ގުޅިގެން. އެނގިވަޑައިގަންނަވާނެ ސަރުކާރުގެ ވަރަށް ގިނަ ވަސީލަތްތައް އެބަހުރި. އެ ވަސީލަތްތައް އެންމެ ރަނގަޅުގޮތުގައި ބޭނުންކުރެވޭނީ ކައުންސިލަކާއި ވުޒާރާއަކާއި ގުޅިގެން ތަންފީޒުކުރުމަށް މަސައްކަތް ކޮށްގެން " ސްޓޭޓް މިނިސްޓަރ ލުބުނާ ވިދާޅުވިއެވެ.

ދާޚިލީ ވުޒާރާއިން ގ.ދ އަތޮޅުގައި ހިމެނޭ 8 ރަށު ކައުންސިލާއި ތިނަދޫ ސިޓީ ކައުންސިލާއެކު ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ. މި އެމްއޯޔޫތަކުގެ މަޤްޞަދަކީ ކުށް މަދުކުރުމަށް ކުރަންޖެހޭ މަސައްކަތް ދެނެގަތުމަށާއި، ރަށުގެ ސަލާމަތާއި ރައްކާތެރިކަމުގެ ހާލަތާއި ގުޅޭގޮތުން ދާޚިލީ ވުޒާރާއަށް ލަފާ އަރުވައި، ރަށުގެ ކުށްމަދުކުރުމަށް އެ ރަށެއްގައި މާހައުލުގައި ހިމެނޭ ފަރާތްތަކާއި އެކު މަސައްކަތް ކުރުމަށް ކޮމެޓީތަކެއް އެކުލަވާލުމެވެ. މި ކޮމެޓީތައް ދާޚިލީ ވުޒާރާއެކު މަސައްކަތް ކުރަމުންދާއިރު ކޮމެޓީތަކުގެ މަސައްކަތް ވިލަސްރެސް ކުރާނީ ކައުންސިލްތަކުގެ ބެލުމުގެ ދަށުންނެވެ.

މިއީ ކުށްމަދު ކުރުމަށް ރަށު ރައްޔިތުންގެ އެކުލެވޭހެން އެއްބަސްވުންތަކެއްގެ ދަށުން މަސައްކަތް ކުރެވޭ ފުރަތަމަ ފަހަރުކަމަށް ދާޚިލީ ވުޒާރާއިން ވިދާޅުވެއެވެ. އަދި ހުވަދު އަތޮޅު ދެކުނުބުރީގައި މިމަސައްކަތް ފެށުނު ނަމަވެސް އަމާޒަކީ ރާއްޖޭގެ ހުރިހާ ކައުންސިލާއި އެކު އެއްބަސްވުންތަކަކަށް އައިސް ކޮމެޓީތައް ޤާއިމްކުރުން ކަމަށް އެވުޒާރައިން ވިދާޅުވެއެވެ.

އަދި މި އެއްބަސްވުންތަކާއެކު، ދާޚިލީ ވުޒާރާގެ ދަށުން ހިންގާ ހުރިޙާ އިދާރާއެއްގެ ޚިދުމަތްތައް ރަށްރަށުގައި ދިނުމަށް ކައުންސިލްތަކުގެ ޤަބިލީއްޔަތުކަން ހުރިމިންވަރަކުން މަސައްކަތް ކުރާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. މިއީ ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަޞައްވުރު ހާސިލުކުރުމަށް ކުރެވޭނެ މަސައްކަތެއްކަމަށް އެވުޒާރައިން ފާހަގަކުރެއެވެ.

މި ރަސްމިއްޔާތުގައި ތިނަދޫ ސިޓީ މޭޔަރ ސައުދު ޢަލީ ވަނީ މިފަދަ މަސައްކަތެއް ފެށުމަކީ މުހިންމުކަމެއްކަން ފާހަގަކޮށް ޒުވާނުން އަނބުރާ މުޖްތަމަޢުއަށް ގެނައުމަށް ގުޅުންހުރި ހުރިހާ އިދާރާއަކުން އެކުގައި މަސައްކަތް ކުރަން ޖެހޭކަން ފާހަގަކުރައްވާފައެވެ. އަދި އެ ސިޓީއަކީ ހުވަދުއަތޮޅުގެ ހުރިހާ ރައްޔިތުންވެސް ޚިދުމަތް ހޯދަން އަންނަ ތަނަކަށްވާއިރު ވަސީލަތްތައް ޤާއިމްވެ ފުރިހަމަކޮށްދިނުމަށް މޭޔަރ ވަނީ އެދިވަޑައިގެންފައެވެ.

ގދ. އަތޮޅަށް ނިސްބަތްވާ ހުރިހާ ކައުންސިލަކުންވެސް ވަނީ މި އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ.