ޚަބަރު

ފީފާއިން އާޖެންޓީނާގެ ކީޕަރު މާޓިނޭޒް ދެ މެޗަށް ސަސްޕެންޑްކޮށްފި


އާޖެންޓީނާގެ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް، އަދަބާ ޚިލާފު އަމަލު ހިންގުމުގެ ސަބަބުން ދެ މެޗަށް ސަސްޕެންޑް ކޮށްފައިވާކަމަށް އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފިއެވެ.

އެސްޓަން ވިލާ އަށް ކުޅެމުންއަންނަ، އުމުރުން 32 އަހަރުގެ މާޓިނޭޒް ސަސްޕެންޑްކޮށްފައިމިވަނީ މި މަހުގެ ކުރީކޮޅު ޗިލީ އާއި ކޮލަމްބިއާއާ ދެކޮޅަށް އާޖެންޓީނާ ކުޅުނު ފީފާ ވޯލްޑް ކަޕްގެ ކޮލިފައިން މެޗުތަކުގައި އޭނާގެ ފަރާތުން ފެނިގެންދިޔަ އަޚުލާޤީ މައްސަލަތަކާ ގުޅިގެންނެވެ.

މިއާއެކު، އަންނަ އޮކްޓޫބަރު މަހުގައި އާޖެންޓީނާ އިން ކުޅުމަށް ހަމަޖެހިފައިވާ ކޮލިފައިން ދެ މެޗުގައި އޭނާ އަށް ނުކުޅެވޭނެ އެވެ. އާޖެންޓީނާ އިން އެ ދެ މެޗުގައި ނިކުންނާނީ ވެނެޒުއެލާ އާއި ބޮލީވިއާ އާ ދެކޮޅަށެވެ.

އެންމެ ފަހުން ޗިލީއާ ދެކޮޅަށް ކުޅުނު މެޗަކީ މިދިޔަ ޖޫން މަހުން ޖުލައި މަހުގެ ނިޔަލަށް އެމެރިކާގައި ބޭއްވުނު ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރުމަށްފަހު މާޓިނޭޒް ކުޅުނު ފުރަތަމަ މެޗެވެ. އެ މެޗުގައި މާޓިނޭޒް ކާމިޔާބީ ފާހަގަކުރީ 2022 ވަނަ އަހަރު ގަތަރުގައި ބޭއްވުނު ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރުމަށްފަހު ޓްރޮފީއާއެކު ހިންގި އަދަބާ ޚިލާފު ޢަމަލު ތަކުރާރުކޮށްގެންނެވެ.

އަދި އެއަށްފަހު، ކޮލިފައިންގައި ދެން ކުޅުނު މެޗުގައި ކޮލަމްބިއާ އަތުން އާޖެންޓީނާ ބަލިވިއިރު އެ މެޗަށްފަހު މާޓިނޭޒް ވަނީ ކޮލަމްބިއާގެ ނޫސްވެރިއެއް ގެންގުޅުނު ކެމެރާއަކަށް ގެއްލުން ދީފައެވެ.

އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ފީފާގެ ޑިސިޕްލިނަރީ ކޮމިޓީގެ މި ނިންމުމާމެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.