ޚަބަރު

އިސްދޫ އައު މިސްކިތް ޑިސެންބަރު މަހު ނިންމަނީ


  • މިސްކިތުގެ %70 މަސައްކަތް ވަނީ ނިމިފައި

  • މި މަޝްރޫޢަށް 19 މިލިޔަން ރުފިޔާ ޚަރަދުވޭ

ލ. އިސްދޫގައި އަލަށް އިމާރާތްކުރާ 500 މީހުންގެ ޖާގައިގެ މިސްކިތުގެ މަސައްކަތް އަންނަ ޑިސެންބަރު މަހުގެތެރޭގައި ނިމޭނެކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މި މަޝްރޫޢުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ފެޑޯ ޕްރައިވެޓް ލިމިޓެޑާއެވެ. މިކަމުގެ އެއްބަސްވުމުގައި ކުންފުންޏާއެކު ސޮއިކޮށްފައިވަނީ 2023 ވަނަ އަހަރުގެ ތެރޭގައެވެ. އިސްލާމީ ވުޒާރާއިން ވިދާޅުވީ، މިހާރު މި މަޝްރޫޢުގެ %70 މަސައްކަތް ނިމިފައިވާކަމަށެވެ. މިއީ 19 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.


ޒަމާނީ ފަރުމާއަކަށް ބިނާކުރާ މި މިސްކިތަށް ބޭނުންވާ ކަރަންޓު އުފެއްދުމަށްޓަކައި ސޯލާ ސިސްޓަމް ހަރުކުރުމަށް ވަނީ ރޭވިފައެވެ. މީގެ އިތުރުން، މި މިސްކިތުގައި އަންހެނުން ނަމާދުކުރުމަށް ޚާއްޞަ ވަކި ސަރަޙައްދެއް ހިމެނޭނެއެވެ.

މި މަޝްރޫޢު ނިމުމުން އިސްދޫގެ ރައްޔިތުންނަށް ނަމާދުކުރުމުގައި ދިމާވާ ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތްތައް ބިނާކުރުމުގެ 35 މަޝްރޫޢު މިއަހަރު ކުރިއަށްގެންދަވާނެކަމަށް މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.