ޚަބަރު

ސަލާހުގެ އެހީއާއެކު ވުލްވްސް ބަލިކޮށް ލިވަޕޫލް އެއްވަނައަށް


އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ ރަށުން ބޭރުގައި ކުޅުނު މެޗުގައި ފޯވާޑް މުޙައްމަދު ސަލާހު ވައްދާލި ޕެނަލްޓީއާއެކު 1-2 ގެ ނަތީޖާއަކުން ވުލްވްސް ބަލިކޮށް، ތާވަލުގެ އެއްވަނައަށް ލިވަޕޫލް ޖެހިލައިފިއެވެ.

މި ނަތީޖާއާއެކު ލިވަޕޫލް އޮތީ މިހާތަނަށް ކުޅުނު ހަ މެޗުން ހޯދީ 15 ޕޮއިންޓާއެކު އެއްވަނައިގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި ތިނެއްގައި އޮތް އާސެނަލަށް ލިބިފައިވަނީ 14 ޕޮއިންޓެވެ. ސިޓީ އަށް ކުރިލިބެނީ ފައިދާގޯލްގެ ތަފާތުންނެވެ. އޭގެ އެއްޕޮއިންޓް ފަހަތުން ހަތަރުވަނައިގައި އޮތީ ޗެލްސީ އެވެ.

ވުލްވްސްގެ ދަނޑުގައި މިރޭ ކުޅުނު މެޗު އެ ޓީމުން ރަނގަޅަށް ފެށިއިރު، ލިވަޕޫލުން ވަނީ އެ ޓީމުގެ ޑިފެންސަށް އުނދަގޫތައް ކުރިމަތިކޮށްފައެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ވުލްވްސް އަށް ލަނޑެއްޖަހައިދޭން ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި އެ ޓީމުގެ ބްރެޒިލް ފޯވާޑް، މަތެއުސް ކޫންޔާ ފޮނުވާލި ބޯޅަ ލިވަޕޫލްގެ ގޯލްކީޕަރު، އެލިސަން ބެކާ ހުއްޓުވިއެވެ.

މި މެޗުގައި ލިވަޕޫލުން ލީޑްނެގީ ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ދެވަނަ މިނެޓުގެ ތެރޭގައި އެ ޓީމުގެ ޕޯޗުގީޒް ފޯވާޑް، ޑިއޯގޯ ޖޮޓާ ނަގައިދިން ހުރަހަކުން އިބްރާހިމާ ކޮނާޓޭ ބޮލުން ވައްދާލި ލަނޑުންނެވެ. އޭގެކުރީން، މެޗުގެ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް، ލިވަޕޫލްގެ ކެޕްޓަން، ވާޖިލް ވެން ޑައިކް ދިން ބޯޅައަކުން ޖޮޓާ ނަގައިދިން ހުރަހެއްގެ އެހީގައި ޑޮމިނިކް ސޮބޯޒްލާއީ ފޮނުވާލި ބޯޅަ ވުލްވްސްގެ ކީޕަރު، ސޭމް ޖޯންސްޓޯން މަތަކުރިއެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ އިރުކޮޅެއްގެ ތެރޭގައި ވުލްވްސްގެ މިޑްފީލްޑަރު، މާރިއޯ ލެމީނާ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ލިވަޕޫލްގެ ލީޑް ފުޅާކޮށްދޭން ސަލާހު އަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތްނުވިއިރު، މި ހާފުގެ ކުޅުން ފެށިގެން 11 ވަނަ މިނެޓުގައި ވުލްވްސް އިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އެ ޓީމަށް މިލަނޑުޖަހައިދިނީ ރަޔާން އައިޓް-ނޫރީ އެވެ.

އޭގެ ފަސް މިނެޓުފަހުން، ލިވަޕޫލްގެ މިސްރު ފޯވާޑް، ސަލާހު ވަނީ ލިބުނު ޕެނަލްޓީއަކުން އަލުން އެ ޓީމަށް ލީޑްނަގައިދީފައެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ލިވަޕޫލްގެ ފޯވާޑް، ޖޮޓާ އަށް ވުލްވްސްގެ ޑިފެންޑަރު، ނެލްސަން ސެމޭޑޯ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

މި ހާފުގައި ވުލްވްސް އަށް އެއްވަރުކޮށްދޭން ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި 72 ވަނަ މިނެޓުގައި ޒުވާން ފޯވާޑް، ކާލޯސް ފޯބްސް ފޮނުވާލަން މަސައްކަތްކުރި ބޯޅަ ލަސްކުރުމުގެ ސަބަބުން އޭގެ ބޭނުމެއްނުހިފުނެވެ. ފަހު ހާފުގައި ކުޅެން ނިކުތް ފޯބްސް އަށް އެ ބޯޅަ ވަން ހީ-ޗޭން އަށް ހުރަސްކޮށްލެވެން ވެސް އޮތެވެ. އެކަމަކު، އޭނާ އެ ބޯޅަ އަމިއްލަ އަށް ފޮނުވާލަން މަސައްކަތްކުރި ވަގުތު ލިވަޕޫލްގެ ޑިފެންޑަރު، ކޮނާޓޭ ވަނީ ބްލޮކްކޮށްފައެވެ.

ލީގުގައި ލިވަޕޫލް ދެން ކުޅޭ މެޗުގައި ރަށުން ބޭރުގައި އަންނަ ހޮނިހިރު ދުވަހު ނިކުންނާނީ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށެވެ.