ޚަބަރު

20 އަހަރުން ދަށުގެ ކާވާ ވޮލީބޯޅަ މުބާރާތުގައި ވާދަކުރާ ޒުވާން ޓީމަށް ޖާޒީ ހަވާލުކޮށްފި


ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) 20 އަހަރުން ދަށުގެ ވޮލީބޯލް ޗެމްޕިއަންޝިޕް 2024 ގައި ވާދަކުރާ ރާއްޖޭގެ ޒުވާން ގައުމީ ފިރިހެން ވޮލީބޯޅަ ޓީމަށް ޖާޒީ ހަވާލުކޮށްފިއެވެ.

20 އަހަރުން ދަށުގެ ކާވާ ވޮލީބޯޅަ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ސްރީ ލަންކާގައެވެ. މުބާރާތުގައި ހަ ގައުމެއް ވާދަކުރާއިރު، އެ ގައުމުތަކަކީ ރާއްޖޭގެ އިތުރުން މުބާރާތް ބާއްވާ ލަންކާ އާއި، އުޒްބެކިސްތާނާއި، ކިރްގިސްތާނާއި، ނޭޕާލް އަދި ތުރުކުމެނިސްތާނެވެ. މުބާރާތް ކުރިއަށްދާނީ އަންނަ އޮކްޓޯބަރު މަހުގެ 6-12 އަށް ކޮލޮމްބޯގެ ސުގަތަދާސަ އިންޑޯ ސްޓޭޑިއަމުގައެވެ.

މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޒުވާން ގައުމީ ފިރިހެން ވޮލީބޯޅަ ޓީމަށް ޖާޒީ ހަވާލުކުރުމަށް ޒުވާނުންގެ މަރުކަޒުގެ ހަރުގޭގައި ރޭ ވަނީ ހާއްސަ ހަފުލާއެއް ބާއްވާފައެވެ. މި ހަފުލާގައި ޖާޒީ ހަވާލުކޮށްދެއްވީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އަދި ކާވާގެ ރައީސް މުޙައްމަދު ލަތީފް އާއި، ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ސަޢީދެވެ.

ހަ ގައުމު ވާދަކުރާ 20 އަހަރުން ދަށުގެ ކާވާ ވޮލީބޯޅަ މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުންނެވެ. އެގޮތުން ލީގު ބުރުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކުރާއިރު، އެއްވަނަ އާއި ދެވަނަ ހޯދާ ޓީމުތައް ފައިނަލަށް ދަތުރުކުރާނެއެވެ. އަދި ތިންވަނަ އާއި ހަތަރުވަނައިގެ މެދުގައި ލޯ މެޑެލް މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.