ޚަބަރު

ހެރީ ކޭންއަށް އަނިޔާވެ, ލެވަކޫސަން އާއި ބަޔާން މިއުނިކް އެއްވަރު


ޖަރުމަނުގެ ބުންޑެސްލީގާގައި ރޭ ބަޔާން މިއުނިކް އާއި ބަޔާ ލެވަކޫސަން ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު, ބަޔާންގެ ފޯވަޑް ހެރީ ކޭންއަށް އަނިޔާވެއްޖެ އެވެ.

ހެރީ ކޭންގެ ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއެއްގެ ސަބަބުން މެޗުގެ 86 ވަނަ މިނިޓުގައި އޭނާ ބަދަލުކޮށްފައިވަނީ ބަޔާ ލެވަކޫސަންގެ އަމީން އަދްލީ ކުރި ޓެކްލްއެއްގެ ސަބަބުންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ބަޔާންގެ ކޯޗް ވިންސެންޓް ކޮމްޕެނީ ބުނެފައިވަނީ ކޭންއަށް ލިބިފައިވާ އަނިޔާގެ ފުރިހަމަ މައުލޫމާތު އަދި ނޭނގޭ ކަމަށާއި ނަމަވެސް އުންމީދުކުރަނީ އެއީ އެހާ ސީރިއަސް އަނިޔާއަކަށް ނުވާނެ ކަމަށެވެ.

ހެރީ ކޭންއަށް އަނިޔާ ވެފައިވާއިރު ޔޫއެފާ ޗެމްޕިއަންސް ލީގުގައި އަންނަ ބުދަ ދުވަހުގެ ރޭ ބަޔާން މިއުނިކް ނިކުންނާނީ އެސްޓަން ވިލާ އާއި ދެކޮޅަށެވެ.

ބަޔާން މިއުނިކްގެ އެލިއަންޒް އެރީނާގައި ކުޅުނު މި މެޗުގެ 31 ވަނަ މިނިޓުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީވެސް ބަޔާ ލެވަކޫސަން އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ގްރަނިޓް ޝަކާގެ އެސިސްޓަކުން ރޮބަޓް އެންޑްރިކް އެވެ.

ނަމަވެސް އޭގެ އަށް މިނިޓް ފަހުން އެލެކްޒެންޑަރ ޕަވްލޮވިޗް ވަނީ 25 ޔާޑު ދުރުން ފޮނުވާލި ބާރު ހަމަލާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މި ލަނޑަށްފަހުވެސް ބަޔާން މިއުނިކަށް ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ އެ ޓީމު ކޮޅަށް އަނބުރާލަން ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. އެގޮތުން އަލްފޮންސޯ ޑޭވިސް އާއި ނަބްރީ އަށް ލިބުނު ފުރުސަތުތައް ފާހަގަ ކޮށްލެވެއެވެ.

މި މެޗު އެއްވަރުވިނަމަވެސް ލީގުގައި މިހާތަނަށް ކުޅުނު 5 މެޗުން ލިބުނު 13 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އަދިވެސް އޮތީ ބަޔާން މިއުނިކް އެވެ. ދެވަނައިގައި އޮތް ލެއިޕްޒިގް އަށް 5 މެޗުން 11 ޕޮއިންޓް ލިބިފައިވާއިރު ތިންވަނައިގައި އޮތް ލެވަކޫސަން އަށް ފަސް މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ.