ޚަބަރު

އޮސަސޫނާ އަތުން ބަލިވެ ބާސެލޯނާގެ ރެކޯޑް ނިމުމަކަށް


ސްޕެނިޝް ލަލީގާގައި ރޭ އޮސަސޫނާ އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުން 4-2 ގެ ނަތީޖާއަކުން ބާސެލޯނާ ބަލިވެ, މެޗަކުން ބަލިނުވެ ލީގުގައި މި ސީޒަނުގައި ބާސެލޯނާ އިން ދަމަހައްޓަމުން އަންނަ ރެކޯޑް ނިމުމަކަށް އަތުވެއްޖެ އެވެ.

މި މެޗުން ބާސެލޯނާ ބަލިވި ނަމަވެސް ލީގުގައި މިހާތަނަށް ކުޅުނު 8 މެޗުން އެ ޓީމަށް ލިބިފައިވާ 21 ޕޮއިންޓާއެކު އަދިވެސް އޮތީ ތާވަލުގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑަށް 7 މެޗުގައި ލިބިފައިވަނީ 17 ޕޮއިންޓެވެ.

ރަށުން ބޭރުގައި ބާސެލޯނާ ކުޅުނު މި މެޗުގެ 18 ވަނަ މިނިޓުގައި އޮސަސޫނާއިން ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ކްރޮއޭޝިއާގެ ފޯވަޑް އެންޓޭ ބުޑިމިރް އެވެ.

އަދި އޭގެ ދިހަ މިނިޓް ފަހުން ބްރަޔަން ޒަރަގޯޒާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ. މެޗުގެ ފުރަތަމަ ލަނޑުވެސް ޖަހާފައިވަނީ ބްރަޔަން ޒަރަގޯޒާ ދިން ޕާހަކުންނެވެ.

މި މެޗުގެ ފުރަތަމާ ހާފް 2-0 ގެނަތީޖާއަކުން ކުރީގައި އޮވެ އޮސަސޫނާއިން ނިންމާލާފައިވާއިރު, ދެވަނަ ހާފްގެ ކުޅުން ފެށުނުތާ ހަތަރުވަނަ މިނިޓުގައި ބާސެލޯނާގެ ކޯޗް ވަނީ ބެންޗުގައި ތިބި ރަފީނިއާ އާއި ލަމީން ޔަމާލް ކުޅެން އަރުވާ އެ ޓީމުގެ އެޓޭކް ވަރުގަދަ ކޮށްފަ އެވެ.

މެޗުގެ 53 ވަނަ މިނިޓުގައި ބާސެލޯނާގެ ޕޯ ވިކްޓަރ ލަނޑެއް ޖަހާ އެ ޓީމަށް އުންމީދު އާ ކޮށްދިން ނަމަވެސް މެޗުގެ 72 ވަނަ މިނިޓްގައި އެންޓޭ ބުޑިމީރް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފަ އެވެ.

އަދި މި މެޗުގައި އޮސަސޫނާ އިން ޖެހި ހަތަރުވަނަ ލަނޑު މެޗުގެ 85 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އަބެލް ބްރެޓޯންސް އެވެ.

ބާސެލޯނާއިން މި މެޗުގައި ޖެހި ދެވަނަ ލަނޑު މެޗުގެ 89 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ލަމީން ޔަމާލް އެވެ.