ޚަބަރު

އިންގްލަންޑް ބަލިކޮށް އޮސްޓްރޭލިއާއިން ސީރީޒް ކާމިޔާބުކޮށްފި


އިންގްލަންޑާ ދެކޮޅަށް ކުޅުނު އެއް ދުވަހުގެ ބައިނަލްއަގުވާމީ ކްރިކެޓް ސީރީޒްގެ ފަހު މެޗުގައި ޑަކްވޯތު ލުވިސް މެތަޑުން 49 ލަނޑުގެ ތަފާތަކުން މޮޅުވެ، އޮސްޓްރޭލިއާއިން 2-3 ގެ ނަތީޖާއަކުން ސީރީޒް ކާމިޔާބުކޮށްފިއެވެ.

އިންގްލެންޑްގެ ބްރިސްޓޯލްގައި ހުންނަ ކައުންޓީ ގްރައުންޑްގައި ކުޅުނު މި މެޗުގެ ޓޮސް ދިމާވުމުން އޮސްޓްރޭލިއާ އިން ގަސްދުކުރީ ހޮވަން އަރާށެވެ. މިއާއެކު، އިންގްލެންޑުން ވަނީ ކުޅެން އަރައި، 49.2 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން 309 ލަނޑުހަދައިފައެވެ.

އިންގްލެންޑުން އެންމެ ރަނގަޅު ކުޅުނު އޯޕަނިންގ ބެޓްސްމަން، ބެން ޑަކެޓް ވަނީ ސައްތައެއް ހަދާފައެވެ. އޭނާ ވަނީ 91 ބޯޅައިން 107 ލަނޑުހަދައިފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނީ އެ ޓީމުގެ ކެޕްޓަން، ހެރީ ބްރޫކް އެވެ. ބްރޫކް ވަނީ 52 ބޯޅައިން 72 ލަނޑުހަދައިފައެވެ. އޭނާގެ މި އިނިންގްސްގައި ހަތް ފަހަރު ހަޔަކަށް ޖަހައި، ތިން ފަހަރު ހަތަރަކަށް ޖަހައިފައިވެއެވެ.

މި އިނިންގްސްގައި އޮސްޓްރޭލިއާ އިން އެންމެ ރަނގަޅަށް އުކީ ޓްރޭވިސް ހެޑް އެވެ. އޭނާ ވަނީ ހަތަރު ވިކެޓްނަގައިފައެވެ. އެ ޓީމުގެ ގްލެން މެކްސްވެލް އާއި އެޑަމް ޒަމްޕާ އަދި އާރޮން ހާޑީ ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓްނެގިއެވެ. އެ ޓީމުގެ އިތުބާރު އުކުންތެރިޔާ މިޗޭލް ސްޓާކް އަށް ވިކެޓެއް ނުނެގުނެވެ.

ވިއްސާރައިގެ ސަބަބުން ކުރުކޮށްލަން ޖެހުނު މި މެޗުގެ ދެވަނަ އިނިންގްސްގައި ކުޅެން އަރައި، އޮސްޓްރޭލިއާ އިން ވަނީ 20.4 އޯވަރުގެ ތެރޭގައި ދެ ވިކެޓަށް 165 ލަނޑުހަދައިފައެވެ.

އޮސްޓްރޭލިއާގެ އިނިންގްސްގައި އެންމެ ރަނގަޅަށް ކުޅުނީ އޯޕަނިންގ ބެޓްސްމަން، މެތިއު ޝޯޓް އެވެ. އޭނާ ވަނީ 30 ބޯޅައިން 58 ލަނޑުހަދައިފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ކެޕްޓަން، ސްޓީވެން ސްމިތު ނުބައިނުވެ 36 ލަނޑުހެދިއިރު، ޓްރޭވިސް ހެޑް ނުބައިވީ 31 ލަނޑަށެވެ. މީގެއިތުރުން، ނުބައިނުވެ 20 ބޯޅައިން 28 ލަނޑުހެދި އެ ޓީމުގެ ވިކެޓްކީޕަރު ބެޓްސްމަން، ޖޯޝް އިންގްލިސްގެ ކުޅުން ފާހަގަކޮށްލެވުނެވެ.

މި އިނިންގްސްގައި އިންގްލެންޑުން އެންމެ ރަނގަޅަށް އުކީ މެތިއު ޕޮޓްސް އާއި ބްރައިޑަން ކާސް ކުރެން ކޮންމެ ކުޅުންތެރިއަކު ވިކެޓެއްނެގިއެވެ.

މެޗަށްފަހު ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް އިނާމު ދިންއިރު، ވަންޑޭ ސީރީޒްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި، ފަސްވަނަ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޮސްޓްރޭލިއާގެ އޯލްރައުންޑަރު، ޓްރޭވިސް ހެޑް އެވެ. އޭނާ ވަނީ މި ވަންޑޭ ސީރީޒްގައި ކުޅުނު ހުރިހާ މެޗެއްގައި މުޅިއެކު 246 ލަނޑުހަދައި، ހަ ވިކެޓްނަގައިފައެވެ.