ޚަބަރު

އޮޕަރޭޝަން ހިރާސްގެ ދަށުން 285 ކެމިކަލް ގުދަނެއް ބަލައި ފާސްކުރެވޭނެ: ދިފާޢީ ވުޒާރާ


  • އޮޕަރޭޝަން ހިރާސް ކުރިއަށްގެންދަނީ މުޖުތަމަޢުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް

  • އޮޕަރޭޝަން ހިރާސް ކުރިއަށްދާނީ އަންނަ މަހު 1 އިން 15 އަށް

ކެމިކަލް ރައްކާކުރާ ތަންތަން ބަލައި ފާސްކުރުމަށް ހިންގާ އޮޕަރޭޝަން "ހިރާސް ފާސް"ގެ ދަށުން، މާލެ ސަރަހައްދުގައި ހުރި 285 ކެމިކަލް ގުދަނެއް ބަލައި ފާސްކުރެވޭނެކަމަށް ދިފާޢީ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މި އޮޕަރޭޝަން ކުރިއަށްދާނީ އޮކްޓޫބަރު 1 އިން 15 އަށެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި އޮޕަރޭޝަން ހިރާސްއާ ބެހޭގޮތުން މަޢުލޫމާތު ދެއްވަމުން ދިފާޢީ ވަޒީރުގެ ނައިބު ފާޠިމަތު މިޒްނާ ޢަލީ ވިދާޅުވީ މި އޮޕަރޭޝަނަކީ ދިވެހި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ކަށަަވަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ކުރިއަށްގެންދާ ޕްރޮގުރާމެއް ކަމަށެވެ.

މިޒްނާ ވިދާޅުވީ ކެމިކަލްގެ ވިޔަފާރިކުރުމަށާއި ރައްކާކުރުމަށް ހުއްދަ ދީފައިވާ ތަންތަނުން، ގަވާއިދާ ޚިލާފަށް ކެމިކަލްގެ ވިޔަފާރިކުރަމުންދާކަމަށް މަޢުލޫމާތު ލިބޭ ކަމަށެވެ. އެގޮތުން ގަވައިދުގައި ތަފާތު ބާވަތްތަކުގެ ކެމިކަލް ވިއްކޭނެކަމަށް ބަޔާންކޮށްފައިވާ އަދަދަށްވުރެ އިތުރަށް ވިއްކާކަމުގެ ޝަކުވާ ދިފާޢީ ވުޒާރާއަށް ލިބޭކަން އޭނާ ފާހަގަކުރެއްވިއެވެ.

"ނުރައްކާތެރި ކެމިކަލް ރައްކާކޮށްފައި ހުންނަ ތަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގަައިފިނަމަ، އަލިފާނުގެ އަސަރު ވަރަށް ބޮޑު ވޭ. އަދި ކައިރީގައި ހުންނަ ތަންތަންވެސް ނުރައްކަލަށް ހުށައެޅޭ. އެހެންކަމުން ގަވައިދުތަކާއި އުޞޫލުތަކާ އެއްގޮތަށް ކެމިކަލް ރައްކާކޮށް، އޭގެ ވިޔަފާރިކުރުން މުހިންމު." މިޒްނާ ވިދާޅުވިއެވެ.

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސަސްގެ ފަރާތުން ވާހަކަދައްކަވަމުން ލެފްޓިނެންޓް ކާނަލް ފާއިޒް ރަޝާދު ވިދާޅުވީ ޢާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން މަސައްކަތްތަކެއް ކުރުމަށް ދިފާޢީ ވުޒާރާއިން ނިންމަވާފައިވާ ކަމަށެވެ. އަދި އޮޕަރޭޝަން ހިރާސް ފާސްއަކީ މިގޮތުން ކުރެވޭ މަސައްކަތުގެ އެންމެ ފުރަތަމަ ފިޔަވަހިކަމަށް އޭނާ ވިދާޅުވިއެވެ.

ފާއިޒް ވިދާޅުވީ އޮޕަރޭޝަން ހިރާސްގެ ދަށުން މައިގަނޑު 2 ކަމެއް ކުރެވޭނެ ކަމަށެވެ. މީގެ ތެރެއިން އެއް ކަމަކީ ޢާންމުންނަށް ނުރައްކާވާގޮތަށް ކެމިކަލް ރައްކާކޮށް، ގަވާއިދާ ޚިލާފަށް ކެމިކަލްގެ ވިޔަފާރި ކުރަމުންދާ ތަންތަނަކީ ކޮބައިކަން ދެނެގަތުންކަމަށް އޭނާ ވިދާޅުވިއެވެ. އަދި 2 ވަނަ ކަމެއްގެ ގޮތުން މާލެ ސަރަހައްދުގައި އަލިފާނުގެ ހާދިސާތަކަށް ނާޒުކުކޮށްހުރި ޢިމާރާތްތަކަކީ ކޮބައިކަން ދެނެގަނެވޭނެކަމަށް ފާއިޒް ވިދާޅުވިއެވެ.

ދިފާޢީ ވުޒާރާއިން މަޢުލޫމާތު ދޭ ގޮތުގައި މާލެ ސަރަހައްދުގައި ކެމިކަލް ރައްކާކުރުމަށް ހުއްދަ ދީފައިވާ 285 ގުދަނެއް އެބަހުއްޓެވެ. އަދި މިތަންތަން އޮޕަރޭޝަން ހިރާސްގެ ދަށުން ބަލައި ފާސްކުރެވޭނެކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ.

"އަޅުގަނޑުމެންގެ އަމާޒެއް އެއީ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައިވެސް މި އިންސްޕެކްޝަންތައް ކުރިއަށް ގެންދިޔުމަކީ. މިފަހަރުގެ އޮޕަރޭޝަންގައި މާލެއާއި ތިލަފުށްޓާއި ހުޅުމާލޭގައިހުރި ގުދަންތައް ބެލޭނެ. އެންމެ ގިނަ ގުދަންތައް ހުންނަނީ ތިލަފުށީގައި." ފާއިޒް ވިދާޅުވިއެވެ.

އޮޕަރޭޝަން ހިރާސް ކުރިއަށްދާނީ މި ފެށޭ އޮކްޓޫބަރު މަހުގެ 1 އިން 15 އާއި ހަމައަށެވެ. އަދި އޮޕަރޭޝަން ކުރިއަށްދާ ދުވަސްތަކުގައި ހެނދުނު 9:00 އިން ހަވީރު 4:00 އަށް ގުދަންތަކަށް ޒިޔާރަތްކުރަމުންދާނެކަމަށް ފާއިޒް ވިދާޅުވިއެވެ.

ފާއިޒް ވިދާޅުވީ މި އޮޕަރޭޝަނުގައި ފަޔަރ އެންޑް ރެސްކިޔު ސަރވިސަސްގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތާއި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑާއި ދައުލަތުގެ 6 މުއައްސަސާއެއް ބައިވެރިވާނެ ކަމަށެވެ.

އޮޕަރޭޝަން ހިރާސް ކުރިގެންދަނީ މާލެ ސަރަހައްދު 10 ޒޯނަކަށް ބަހާލައިގެންނެވެ. މި އޮޕަރޭޝަންގެ ދަށުން އެކުލަވާލެވޭ ޑޭޓާބޭސްއަށްފަހު، އޭގައި ހިމެނޭ މަޢުލޫމާތުތައް ކަމާބެހޭ މުއައްސަސާތަކަށް ޙިއްސާކުރެވޭނެކަމަށް ދިފާޢީ ވުޒާރާއިން ވިދާޅުވެއެވެ. އަދި ގަވާއިދާ ޚިލާފަށް ކެމިކަލްގެ ވިޔަފާރިކުރަމުންދާ ތަންތަނާމެދު ފިޔަވަޅު އެޅޭނެކަމަށްވެސް ވުޒާރާއިން ވިދާޅުވެއެވެ.