ޚަބަރު

ދިގުރަށުގައި މަރުވެފައި އޮއްވާ ފެނުނު ކުއްޖާގެ މައްސަލަ ކުރިއަށް ގެންދެވޭނެކަމަށް ކޯޓުން ނިންމައިފި


  • ހިރަންޏާ ކުމުދުމާލި ޑިއަލްވިސްގެ މައްޗަށް ދައުލަތުން ވަނީ 3 ދައުވާއެއް އުފުލާފައި

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އދ. ދިގުރަށުގެ ކުނިގޮނޑުން މަރުވެފައި އޮއްވާ ފެނުނު ތުއްތު ކުއްޖާގެ މަރުގެ މައްސަލަ ކުރިއަށްގެންދެވޭނެކަމަށް ކްރިމިނަލް ކޯޓުން ނިންވަފައިފިއެވެ.

ވިހެއުމަށްފަހު ކުއްޖާ ކުނިގޮނޑަށް އެއްލާލި މައްސަލައިގައި ދައުލަތުން ދައުވާ ކުރަނީ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ހިރަންޏާ ކުމުދުމާލި ޑިއަލްވިސްގެ މައްޗަށެވެ. މި މައްސަލައިގެ އަޑުއެހުމެއް އާދީއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ވަނީ ކުރިއަށްގެންގޮސްފައެވެ.

މި މައްސަލައިގައި ހިރަންޏާ ކުމުދުމާލި ޑިއަލްވިސްގެ މައްޗަށް ދައުލަތުން ވަނީ 3 ދައުވާއެއް އުފުލާފައެވެ. އެއީ އެނގިހުރެ މީހަކު މެރުމުގެ ދައުވާއާއި، ކުޑަކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ފަރާތެއް ކަމުގައިވެހުރެ، އެ ކުއްޖާގެ ސިއްޙަތަށް އުނިކަން އަތުވެދާނެ ފަދަ އަމަލެއް ގަސްދުގައި ހިންގުމުގެ ދައުވާއާއި އެނގިހުރެ މަރެއް ފޮރުވުމުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ހުށަހަޅުއްވާފައިވާ ހެކިތަކަށް މަދަނީ މިންގަނޑުން ބަލާއިރު ކުއްޖާގެ މަރުގެ މައްސަލަ ކުރިއަށްގެންދެވޭނެކަމަށް އެ ކޯޓުން ވަނީ ނިންމަވާފައެވެ.

މި މައްސަލާގައި ދައުލަތުން ވަނީ ކުއްޖާއާއި އަންހެން މީހާގެ ޑީއެންއޭ ރިޕޯޓް ކޯޓަށް ހުށަހަޅުއްވާފައެވެ.

މި އަޑުއެހުމުގައި ޝަރީޢަތުގެ ކުރީގެ އެއްވެސް ހުށަހެޅުމެއް ނެތްކަން ދައުލަތުން ވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް ހިރަންޏާގެ ދިފާއީ ވަކީލް ވަނީ އެ ހުށަހެޅުންތައް ހުށަހަޅަން އިތުރު މުއްދަތެއް ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. މި ހުށަހެޅުންތައް އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ކުރިން ހުށަހަޅަންތައް ހުށަހަޅަން ޖެހޭނެކަމަށް ގާޒީ އިބްރާހިމް އިހުސާން ވަނީ ވިދާޅުވެފައެވެ.

އަޑުއެހުމުގައި ހިރަންޏާއަށް ދިން ފުރުޞަތުގައި އޭނާ ވަނީ ބަންދުގައި 10 މަސްދުވަސްވެފައިވާކަމަށާއި ރާއްޖޭގައި އެހީތެރިކަން ފޯރުކޮށްދޭނެ މީހަކުނެތްކަމަށް ބުނެފައެވެ. އެހެންކަމުން މައްސަލަ ވީހާވެސް އަވަހަށް ނިންމައިދިނުމަށް އޭނާ ވަނީ އެދިފައެވެ.

ގާޒީ ވިދާޅުވީ މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް އަންނަ ނޮވެމްބަރު މަހު ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި މައްސަލަ ވީހާވެސް އަވަހަށް ނިންމުމަށް އަޑުއެހުންތައް ކުރިއަށް ގެންދާނީ މެދުކެނޑުމެއް ނެތި ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.

ދިގުރަށުގެ ކުނިގޮނޑުން މަރުވެފައި އޮއްވާ ކުޑަކުއްޖަކު ފެނުނު މައްސަލައިގައި ހިރަންޏާ ހައްޔަރުކޮށްފައިވަނީ އެނބުރި ޤައުމަށް ދިއުމަށް ފުރަން ގޮސް ހުއްޓާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުންނެވެ.