ޚަބަރު

ތޫފާން ހެލީންގެ ސަބަބުން އެމެރިކާއިން 90 މީހުން މަރުވެއްޖެ


އެމެރިކާގެ އިރުދެކުނުގެ ސަރަޙައްދުތަކަށް އެރި ބާރުގަދަ ތޫފާނެއް ކަމުގައިވާ ހެލީންއާ ގުޅިގެން ހިނގި ނުރައްކާތެރި ހާދިސާތަކެއްގައި މަރުވި މީހުންގެ ޢަދަދު 90އަށް އުފުލިއްޖެއެވެ. ތޫފާނާ ގުޅިގެން ފްލޮރިޑާއިން ފެށިގެން ވަރޖިނިޔާއާ ދެމެދުގައިވާ ސްޓޭޓްތަކުގެ ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އެ ސަރަޙައްދުގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުން ކުރާ ވަސީލަތްތަކަށް ގެއްލުންވެ, އެތަކެއް މިލިޔަން ބަޔަކަށް ކަރަންޓުގެ ޚިދުމަތް ކެނޑުނެވެ. އަދި, މަގުތަކާއި ބުރިޖުތައް ހަލާކު, ބޮޑު ސަރަޙައްދުތަކެއްގައި ފެންބޮޑުވިއެވެ.

ހެލީންއާ ގުޅިގެން ގިނަ ޢަދަދެއްގެ ބަޔަކު މަރުވެފައި ވަނީ އުތުރާއި ދެކުނު ކޮރެލައިނާ, ފްލޮރިޑާ, ޓެނެސީ އަދި ވަރޖިނިޔާ ސްޓޭޓުންނެވެ. ތޫފާނާ ގުޅިގެން ހިނގި ހާދިސާތަކުގައި ގެއްލުން ލިބިފައިވާ އިމާރާތްތަކާއި ސަރަޙައްދުތައް ސާފު ކުރުމުގެ މަސައްކަތް ފަށާފައިވާއިރު, މަރުވެފައިވާ އިތުރު މީހުންގެ ހަށިތައް ފެންނާނެ ކަމަށް ބެލެވޭ ކަމަށާއި, މަރުވި މީހުންގެ ޢަދަދު އިތުރުވާނެ ކަމަށް އޮފިޝަލުން ލަފާ ކުރެއެވެ.

ތޫފާނާ ގުޅިގެން ފެނުގެ ނިޒާމާއި, މުއާޞަލާތީ ނިޒާމުގެ އިތުރުން ޢާންމު ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު, ގެއްލުންތަކުގެ އަގު 15 ބިލިޔަން އެމެރިކާ ޑޮލަރާއި 100 ބިލިޔަން އެމެރިކާ ޑޮލަރާ ދެމެދު އަގަކަށް އަރާނެ ކަމަށް އިންޝުއަރެންސް ކުންފުނިތަކުން އަންދާޒާ ކުރެއެވެ. ހެލީންއާ ގުޅިގެން ޢާންމުންގެ ގެދޮރާއި ޢުމްރާނީ ވަސީލަތްތަކަށް ލިބިފައިވާ ގެއްލުން ދެނެގަތުމަށް ކަމާ ގުޅޭ އިދާރާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

ތޫފާން ހެލީންއާ ގުޅިގެން ނުރައްކާތެރި ހާދިސާތަކެއް ހިނގައި, އެންމެ ގިނަ ޢަދަދެއްގެ ބަޔަކު މަރުވެފައި ވަނީ އުތުރު ކޮރެލައިނާ ސްޓޭޓުންނެވެ. އެ ސްޓޭޓްގެ ބަންކޯމް ކައުންޓީގެ ފުލުހުންގެ ވެރިޔާ ކުއެންޓިން މިލަރ ވިދާޅުވީ, އެ ރަށުން އެކަނި ވެސް 30 މީހުން މަރުވި ކަމުގައެވެ. އެ ރަށުގައި ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެއްޗާއި ސާފު ބޯފެން ފޯރުކޮށްދިނުމަށް ސްޓޭޓްގެ ސަރުކާރުގައި އެހީއަށް އެދިފައިވާ ކަމުގައި އެ ކައުންޓީގެ މެނޭޖަރު އެވްރިލް ޕިންޑަރ ވިދާޅުވިއެވެ. ދެކުނު ކެރޮލައިނާއިން ވެސް އިތުރު 25 މީހުން މަރުވެފައިވާއިރު, ޖޯޖިޔާއިން 17 މީހުން އަދި ފްލޮރިޑާއިން 11 މީހުން މަރުވެފައިވާ ކަމުގައި އެ ސްޓޭޓްތަކުގެ ގަވަރުނަރުން ހާމަކުރިއެވެ.

"މިއީ ތާރީޚީ ގޮތުން ބަލާއިރު, ފަނާކުރަނިވި ގެއްލުން ބޮޑު ކާރިސާއެއް. އަޅުގަނޑާ ވާހަކަ ދެއްކި އެންމެން ވެސް ބުނީ, މި ފަދަ ހާލަތެއް މީގެ ކުރިން ދުވަހަކު ވެސް ފެނިފައި ނުވާ ކަމުގައި،" އުތުރު ކޮރެލައިނާގެ ގަވަރުނަރު ރޯއި ކުޕަރ ވިދާޅުވިއެވެ. ތޫފާނާ ގުޅިގެން ގެއްލުންވެފައިވާ އިމާރާތްތަކާއި ޢުމްރަނީ ވަސީލަތްތައް މަރާމާތު ކުރަން އެތަކެއް މަސްތަކެއް ހޭދަވާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. އެ ސްޓޭޓްގައި ގެދޮރުގައި ތާށިވެ, ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ސްޓޭޓްގެ ކަމާ ގުޅޭ އިދާރާތަކުގެ އިތުރުން މައި ސަރުކާރުގެ އިދާރާތަކުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

އެމެރިކާގެ ހަކަތައާ ބެހޭ އިދާރާއިން ބުނީ, އެ ޤައުމުގެ ދެކުނުގެ ސަރަޙައްދުގައި ދިރިއުޅޭ 2.7 މިލިޔަން ކަސްޓަމަރުންނަށް ކަރަންޓުގެ ޚިދުމަތް ކެނޑިފައިވާ ކަމުގައެވެ. ރިޔާސީ ގަނޑުވަރު, ވައިޓް ހައުސުން ބުނީ, ތޫފާނާ ގުޅިގެން ގެއްލުން ލިބިފައިވާ ސަރަޙައްދުތަކަށް ރައީސް ޖޯ ބައިޑަން ދަތުރު ކުރައްވައި, ހާލުގައި ޖެހިފައިވާ މީހުންގެ ހާލަތު ބައްލަވާނެ ކަމުގައެވެ. "މިއީ ބޮޑު ހިތާމައެއް. ތި ބޭފުޅުންނަށް ވެސް ފޮޓޯތަކުން [ލިބިފައިވާ ގެއްލުމުގެ މަންޒަރުތައް] ފެނުނު. އެއީ, އާދަޔާ ޚިލާފު ގެއްލުމެއް،" ބައިޑަން ވިދާޅުވިއެވެ.

ނޮވެންބަރު މަހު އެމެރިކާގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާ ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓު, ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ތޫފާން ހެލީންގެ ސަބަބުން ގެއްލުން ލިބިފައިވާ ސަރަޙައްދުތަކަށް ޒިޔާރަތް ކުރައްވަން ނިންމަވާފައެވެ. މި ގޮތުން, ތޫފާންގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ޖޯޖިޔާގެ ވެލްޑޯސްޓާއަށް އޭނާ ޒިޔާރަތް ކުރައްވާނެ ކަން އޭނާގެ ކެމްޕޭނުން ވަނީ ހާމަކޮށްފައެވެ.