ޚަބަރު

އަތޮޅުތަކުގެ ޔޫތު ހަބުތަކުގައި ނަފްސާނީ އެހީތެރިކަން ލިބޭނެ އިންތިޒާމް ހަމަޖައްސަނީ


  • ސިޓީތަކުގައި ޔޫތު ހަބުތައް ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރަމުން

  • ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް "1456" ހޮޓްލައިން ނަންބަރެއް ވަނީ ޤާއިމްކޮށްފައި

ސިޓީ ތަކުގައި ތަރައްޤީކުރާ ޔޫތު ހަބުތަކުގައި ޒުވާނުންނަށް ނަފުސާނީ އެހީތެރިކަން ލިބޭނެ އިންތިޒާމް ހަމަޖައްސާނެކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

މިހާރު ރާއްޖޭގެ ހުރިހާ ސިޓީއެއްގައި ޔޫތު ހަބު ޤާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އަހާ ފޯރަމްގައި ވާހަކަދައްކަވަމުން ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވީ ހުރިހާ ސިޓީތަކެއްގައި ޔޫތު ހަބްތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށެވެ.

އެތަންތަން ހުޅުވިގެން ދިޔުމުން ފަންނިއްޔާތާ ގުޅުން ހުރި ޕްރޮގްރާމްތައް ހިންގުމާއި ޒުވާނުން ބާރުވެރިކުރުވުމާއި ގުޅޭ ޕްރޮގްރާމްތައް ކުރިއަށްގެންދާނެކަމަށެވެ. އަދި އަތޮޅުތަކުން އެ ހަބްތަކަށް މީހުން ގެނެސް އެކި ކަންކަމާއި ގުޅޭގޮތުން ސައްލާކުރުމުގެ ފުރުޞަތުތައް އޮންނާނެކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ އެތަންތަން ތަރައްޤީ ކުރަނީ ސްޓަޑީ ރޫމްތަކާއި މުނިފޫހިފިލުވާލާނެ ހަބެއްގެ ގޮތުގައި އެތަން ބޭނުން ކުރެވޭނެ ގޮތަށް ކަމަށެވެ.

"އެހެން ފަރާތްތަކުން އެތަނުގައި ކުރިއަަށްގެންދާ ޕްރޮގްރާމްތައްވެސް ކުރިއަށްގެންދެވޭގޮތަށް. އެކި އެކި ކުންފުނިތަކާއި މުއައްސަސާތަކުން ޕްރޮގްރާމްތައް ހިންގުން. އެއީ މި ހަބްތަކުގެ މައިގަނޑު ބޭނުމަކީ ޒުވާނުންނަށް ތާޑް ސްޕޭސްއެއް ފޯރުކޮށްދިނުން."ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހެ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މާލެއާ އެއްގޮތަށް ސިޓީތަކުގެ ޔޫތު ހަބްތަކުންވެސް ޒުވާނުންނަށް ބޭނުންވާ ނަފުސާނީ އެހީތެރިކަން ފޯރުކޮށްދޭނެކަމަށެވެ. ޒުވާނުންގެ ނަފުސާނީ ދުޅަހެޔޮކަން އިތުރުކުރުމަށާއި، އެކި ކަހަލަ ނަފުސާނީ އެހީތެރިކަން ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ މަޤްޞަދުގައި "1456" ހޮޓްލައިން ނަންބަރެއް ވަނީ ޤާއިމްކޮށްފައެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ތަޢާރަފުކުރި މި ހިލޭ ގުޅޭ ހޮޓްލައިންގެ މައިގަނޑު ބޭނުމަކީ ކޮންމެ ޒުވާނަކަށްވެސް އެމީހެއްގެ ބޭނުންތަކާ އެއްގޮތަށް، އެއް ފުރާޅެއްގެ ދަށުން ކައުންސެލިންގއާއި، ނަފްސާނީ ޞިއްޙަތުގެ އެހީތެރިކަން އަދި ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ އިރުޝާދު ފޯރުކޮށްދިނުމެވެ.

މި ހޮޓްލައިން މެދުވެރިކޮށް ވަކިވަކި ފަރުދުންނަށާއި ޢާއިލާތަކަށް ބޭނުންވާ ކައުންސެލިންގ ޚިދުމަތުގެ އިތުރުން ނަފްސާނީ ޞިއްޙަތުގެ އެހީތެރިކަމާއި، ނަފްސާނީ ކުއްލި އެހީތެރިކަން އަދި ޞިއްޙީ ސްކްރީނިންގ ޚިދުމަތްތައް ލިބިގެންދާނެއެވެ. މީގެ އިތުރުން ދިރިއުޅުމުގެ ހުނަރުތަކާއި ނަފްސާނީ ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތަކާއި، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމާ ގުޅުންހުރި އެހެނިހެން އެހީތެރިކަންވެސް ފޯރުކޮށްދެއެވެ.

މި ޚިދުމަތް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު، އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 8:00 އިން މެންދުރުފަހު 2:00 އާ ދެމެދު 1456 އަށް ގުޅައިގެން ހިލޭ ހޯދޭނެއެވެ.