ޓެކްސްގެ އަދަދު އެޕީލްކުރުމުގެ ކުރިން، އިއުތިރާޒުކުރާ އަަދަދުގެ %100 ދައްކަންޖެހޭ ހާލަތު ކަނޑައެޅުމަށް ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު އިސްލާޙުގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން، ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ހުށަހަޅުއްވާފައިވާ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން މިއަދު ވަނީ އިއްވައިފިއެވެ.
މި ބިލަކީ ޓޭކްސް ދައްކާ ފަރާތްތަކުން ދައްކާ ޓެކްސްގެ އަދަދު މީރާއިން ކަނޑައެޅުމުން، އެ އަދަދާމެދު އިއުތިރާޒުކޮށް މީރާގެ ނިންމުން އެޕީލް ޓްރަބިއުނަލްގައި އިސްތިޢުނާފުކުރާ ހާލަތުގައި، އެފަދަ މައްސަލަތައް ހުށަހެޅުމުގެ ކުރިން، މީރާއިން ކަނޑައެޅި ޢަދަދުގެ ތެރެއިން އިއުތިރާޒުކުރާ އަދަދުގެ %100 ދައްކަންޖެހޭ ޙާލަތުތައް ކަނޑައެޅުމަށްޓަކައި ޓެކްސް ނެގުމާބެހޭ ޤާނޫނަށް އިސްލާޙުގެނައުމުގެ މަގުސަތުފގައި ހުށަހަޅާފައިވާ ބިލެކެވެ.
ބިލުގައި ބުނެފައި ވަނީ، ޓެކްސް ދައްކާ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅަނީ އެ ޤާނޫނުގެ 39ވަނަ މާއްދާގެ ދަށުން މީރާއިން ކަަނޑައަޅާ ޓެކްސްގެ އަދަދާ ގުޅިގެން ނަމަ، އެ މައްސަލަ އިސްތިޢުނާފުކުރެވޭނީ، އިސްތިޢުނާފުކުރާ އަދަދުގެ %50 އާއެއްވަރުގެ އަދަދެއް ދައްކާ ނިންމުމަށް ފަހުގައިކަމަށެވެ. އަދި އިއުތިރާޒުކުރާ އަދަދުގެ %100 ދައްކަންޖެހޭ ޙާލަތުތައް ބިލުގައި ތަފްސީލުކޮށްދީފައިވެއެވެ.
މީރާއިން ކަނޑައަޅާ އަދދުގެ ނަތީޖާއަކީ އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ކުރިއަށް ހުރި ހިސާބުކުރާ މުއްދަތެއްގައި އުނިކުރެވޭނެ ގެއްލުމުގެ އަދަދު ކުޑަވުން ކަމަށް ވާނަމަ، އެ ގެއްލުން ކުޑަވި މިންވަރާއި ގުޅިގެން އެ މައްސަލަ ހައްލުކުރުމަށް މީރާއަށް އަދަދެއް ދައްކަން ނުޖެހޭނެކަމަށްވެސް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
ބިލު ޤާނޫނަކަށް ވުމުން އެކުލަވާލާންޖެހޭ ޤަވާއިދުތަކާއި، ގެންނަން ޖެހޭ އިސްލާހުތައް ގެނެސް 90 ދުވަހުގެ ތެރޭގައި އެ ބަދަލުތައް ގެޒެޓުގައި ހިމަނަންވާނެކަމަށެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ ޤާނޫނު ތަންފީޒުކޮށް ގެޒެޓުގައި ޝާއިޢުކުރާ ހިސާބުންނެވެ.