ޚަބަރު

ހޯރަފުށީ މަގުތަކުގައި ތާރުއެޅުން އަންނަ އަހަރު ކުރީކޮޅު ނިންމަނީ


  • މިހާރު 17 މަގެއް ތަރައްޤީ ކުރުމުގެ މަސައްކަތް ދަނީ ކުރަމުން

  • ފެން ބޮޑުވާ މައްސަލައަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރާނެ

ހއ. ހޯރަފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ މަސައްކަތް އަންނަ އަހަރުގެ ފުރަތަަމަ ކުއާޓަރުގައި ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން އަންނަނީ، ހޯރަފުށީގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ ހޯރަފުށީ ސައިޓުގެ ސީނިއަރ ޕްރޮޖެކްޓް ކޯޑިނޭޓަރ ހާމިދު ޢާދަމް ވިދާޅުވީ، އެރަށުގެ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ތާރު އެޅުމުގެ ކުރިން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އެގޮތުން ދުވާރުގެ މަސައްކަތް ނިމިފައި ހުރި މަގުތައް ލެވެލް ކުރުމުގެ މަސައްކަތްތަކާއި، ސްޓޯމް ވޯޓަރ ޕައިޕްލައިން އެޅުމަށް ތައްޔާރުވަމުންދާ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ރަށުގެ 2 ސަރަޙައްދެއްގައި ޕަމްޕް ސްޓޭޝަންތައް ބަހައްޓައި، ފެންބޮޑުވާ މައްސަލައަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރެވޭނެ ކަމަށާއި، މިފަހަރު މަގުތައް ތަރައްޤީ ކުރަމުންދަނީ ރައްޔިތުން ބޭނުންވާ ގޮތަށް ބަދަލުތައް ގެނެސްގެންކަން ހާމިދު ފާހަގަކުރެއްވިއެވެ.

"ރަށުގެ މަގުތައް ކަނޑައަޅާފައިވަނީ އެންމެ ބޮޑެތި މުހިއްމު މަގުތައް ބަލައިގެން. މި މަސައްކަތް ވަރަށް ބޮޑަށް ތަފާތުވެފައި ބުރަ. ސްޓޯމްވޯޓާގެ ޖަންކްޝަންތައް ކޮނުން ފަދަ ކަންކަމަކީ ވަގުތު ބޭނުންވާކަމެއް." އެމްޓީސީސީގެ ހޯރަފުށީ ސައިޓުގެ ސީނިއަރ ޕްރޮޖެކްޓް ކޯޑިނޭޓަރ ހާމިދު ޢާދަމް ވިދާޅުވިއެވެ.

އެމްޓީސީސީން މިހާރު އަމާޒު ހިފާފައިވަނީ، އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ތާރު އެޅުމުގެ މަސައްކަތްތައް ނިންމާލުމަށެވެ. ހޯރަފުށި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ދެވަނަ ފިޔަވައްސާއި، ތިންވަނަ ފިޔަވަހީގައި ޖުމުލަ 17 މަގެއް ތަރައްޤީކުރާނެވެ. މީގެކުރިން ފުރަތަމަ ފިޔަވަހީގައި އެރަށުން 11 މަގެއްގައި ވަނީ، ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައެވެ.

އެމްޓީސީސީން ފާހަގަކުރައްވާ ގޮތުގައި ފުރަތަމަ ފިޔަވަހީގައިވެސް ހުރި ބައެއް މަސައްކަތްތައް ނިންމާފައިވަނީ، މި ސަރުކާރުގެ މިދިޔަ ދުވަސްތަކުގައެވެ. އެގޮތުން މަގުމަތީގެ ނިޝާންތައް ފަދަ ކަންކަން ކޮށްފައިވަނީ، މި ސަރުކާރުންނެވެ.