ޚަބަރު

އިލާން މާޒިޔާގެ ފަރިތަކުންތަކުގައި ބައިވެރިވާން ފަށައިފި


  • އަނިޔާގެ ސަބަބުން އިލާން ކުޅުމާ ދުރުގައި ހުންނަތާ މަހަކަށްވުރެ ދުވަސްވެއްޖެ

  • އިލާން ކުރިއަށްގެންދަނީ ލުއި ފަރިތަކުރުންތަކެއް

އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުންނަން ޖެހިފައިވާ ރާއްޖޭގެ އުއްމީދީ ފޯވާޑް މުޙައްމަދު އިލާން އިމްރާން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފިއެވެ.

މިކަން ހާމަކޮށް މާޒިޔާގެ ކޯޗު ތޯމަސް ޓްރުޗާ ބުނީ، އަނިޔާއިން ރަނގަޅުވެ، ރިކަވަރީ މުއްދަތުގެ ތެރޭގައި އިލާން މާޒިޔާގެ ފަރިތަކުރުންތަކާ ގުޅިފައި ކަމަށެވެ.

އިލާންގެ ރިކަވަރީއާ ގުޅޭ މާބޮޑު ތަފްސީލެއް ހިއްސާނުކުރި ނަމަވެސް "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން މާޒިޔާގެ ޓީމް ޑޮކްޓަރ ހިޝާމް އަލީ ޒަކީ ބުނީ، މާޒިޔާގެ ފަރިތަކުރުންތަކުގައި އިލާން ބައިވެރިވި ނަމަވެސް ބޮޑަށް އޭނާ ކުރިއަށް ގެންދަނީ އިންޑިވިޖުއަލް ފަރިތަކުރުންތައް ކަމަށެވެ. އެހެންނަމަވެސް ކޮންމެވެސް ވަރަކަށް ޓީމާއެކު، ލުއި ޓްރެއިނިން ތަކެއްވެސް އިލާން ކުރަމުންދާކަން އޭނާ ހާމަކުރިއެވެ.

ރާއްޖޭގެ ޒުވާން ޤައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކުރަމުންދާ ރާއްޖޭގެ ސީނިއަރ ޤައުމީ ޓީމުގެ ފޯވާޑް އިލާނަށް އަނިޔާވީ، މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ދިވެހި ލީގުގައި މާޒިޔާއިން އޮޑި ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިންނެވެ.

ސެޕްޓެމްބަރު 11 ވަނަ ދުވަހު އޮޑި ސްޕޯޓްސް ކުލަބާ ދެކޮޅަށް މާޒިޔާއިން ކުޅުނު އެ މެޗުގައި ފުރަތަމަ 11 ގައި ހިމެނިގެން އިލާން ނުކުތް ނަމަވެސް، މެޗުގެ 10ވަނަ މިނެޓުގެ ތެރޭގައި ލިބުނު އަނިޔާއަކާ ގުޅިގެން ކޯޗު ޓްރުޗާ ވަނީ އިލާންގެ ބަދަލުގައި ބިދޭސީ ފޯވާޑް، ބެންޖަމިން ތޯމަސް ކުކޫ ކުޅެން އަރުވާފައެވެ.

ލިބިފައިވާ އަނިޔާގެ ސަބަބުން އިލާނަށް، މިފަހަރުގެ ފީފާ ވިންޑޯގައި ރާއްޖޭގެ ސީނިއަ ޤައުމީ ޓީމުން ކުޅުނު އެކުވެރިކަމުގެ ތިން މެޗަށް އެކުލަވާލި ސްކޮޑުން ވެސް ވަނީ ފުރުސަތު ގެއްލިފައެވެ.

އެހެންނަމަވެސް ޤައުމީ ޓީމުގެ ކޯޗު، ހަންގޭރީގެ އިސްޓަވާން އުރުބާނީގެ އުއްމީދަކީ، މި މަހު ފަހުކޮޅު ގައުމީ ޓީމުން ކުރިއަށް ގެންދާ ތަމްރީން ކޭމްޕުގައި އަދި ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް އެކުލަވާލާ ސްކޮޑުގައި އިލާން ހިމެނުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

އިލާން ވަނީ ފާއިތުވީ ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކައި، އެފްއޭއެމް އިން ހޮވި އަހަރުގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ އެވޯޑު، އެފްއޭއެމް އެވޯޑްސް 2026ގައި ޙާސިލްކޮށްފައެވެ.