26، ޖުލައި 1966 ވަނަ އަހަރު ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވާއިރު، ޕާކިސްތާނަކީ އެކި ދާއިރާތަކުން ރާއްޖެއަށް މަދަދުވެރިކަން ފޯރުކޮށްދެމުން އަންނަ، ރާއްޖެއާ އަޙުވަންތަ ގުޅުމެއް ބާއްވަމުން އަންނަ ގާތް ޤައުމެކެވެ. އެކުވެރިކަމާއި، އެއް ދީނަކަށް ތަބާވުމާއި، މަސްލަހަތު ހިމެނޭ ކަންކަމުގައި އެއްގޮތް ވިސްނުންތަކެއް ގެންގުޅުމުގެ މަތީގައި ދެ ޤައުމުގެ ގުޅުން ދެމި އޮތް އިރު، ދެ ޤައުމުގެ ޒަމާންވީ ގުޅުން ރަމްޒުކޮށްދޭ އެއްކަމަކީ ރާއްޖޭގައި ހުރި މުހިންމު ބައެއް ޢިމާރާތްތައް ޤާއިމްކުރުމުގައި އެ ޤައުމުން ފޯރުކޮށްދީފައިވާ ދީލަތި އެހީތެރިކަމެވެ.
އެގޮތުން، ޕާކިސްތާނުގެ އެހީތެރިކަމާއި އެކު ޤާއިމްކޮށްފައިވާ ރައްޔިތުންގެ މަޖިލިސް ކުރާ އިދާރާގެ ބިނާއަކީ ދިވެހިރާއްޖޭގެ ސިޔާސީ އަދި ބިނާވެށީގެ ތާރީޚުގައި ވަރަށް މުހިންމު ބިނާއެކެވެ. ރާއްޖެއަށް ޕާކިސްތާނުން ފޯރުކޮށްދިން 45 މިލިއަން ރުޕީސް، (ގާތްގަނޑަކަށް 4.25 މިލިއަން އެމެރިކާ ޑޮލަރު)ގެ ހިލޭ އެހީގައި ޤާއިމްކުރި މި އިމާރާތަކީ، ގައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރިކަމުގެ ދިރިހުރި ނިޝާނެކެވެ.
1 އޮގަސްޓް 1998ގައި، ރާއްޖޭގެ މަޖިލިސްކުރާ ގޭގެ އިދާރާ އިފްތިތާޙުކޮށްދެއްވުމަށް، ޕާކިސްތާނުގެ އޭރުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ރާއްޖެއަށް ވަޑައިގެންނެވުމަކީ، ރާއްޖެ އާއި މެދު ޕާކިސްތާނުން ޒަމާނުއްސުރެ ބެހެއްޓި އުޙުވަތްތެރިކަމުގެ ރަމްޒެކެވެ.
މި އިމާރާތް ބިނާކުރިތާ އެތައް އަހަރެއް ވެފައިވީނަމަވެސް، ދެ ގައުމުގެ ދެމެދުގައި އޮތް އަޚުވަންތަ ގުޅުން ރަމްޒުކޮށްދޭ އެންމެ މުހިންމު ބިނާގެ ގޮތުގައި ދެ ގައުމުގެ އިސްވެރިން މިއަދުވެސް މި އިމާރާތް ފާހަގަކުރައްވާ ސަބަބަކީ މިއެވެ.
2023 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ޒަމާނީ ފެންވަރުގެ ޖިމެއް ހުޅުވުމުގައިވެސް ޕާކިސްތާނުން ވަނީ އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ. ޕާކިސްތާނު ސަރުކާރުގެ ހިލޭ އެހީގައި، އެންމެ ފަހުގެ ސާމާނާއެކު ހުޅުވި މި ޖިމަކީ، ޕާކިސްތާނުން ރާއްޖެއާ މެދު ބަހައްޓަމުން އައި ގާތްކަމަށް ބަދަލެއް ނާންނަކަމުގެ މިސާލެކެވެ. އޭގެ ފަހުން މަޖިލީހުގެ މި ދައުރު ވެފައިވަނީ ދެ ޤައުމުގެ ދެމެދުގައި ޕާލިމަންޓްރީ ގުޅުން އިހަށް ވުރެ ބަދަހިކޮށްދިން ދައުރަކަށެވެ. އެގޮތުން ބަލާނަމަ، މިދިޔަ އަހަރަކީ ދެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމުގައި މުހިންމު އަހަރެކެވެ.
2025ވަނަ އަހަރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ވިސްނުންފުޅާއެކު، ދެ ޤައުމުގެ ދެމެދުގައި ޕާލަމެންޓްރީ އެކްސްޗޭންޖް ޕްރޮގްރާމް އަލުން ފެއްޓެވުން ވެގެން ދިޔައީ ޕާލިމަންޓްރީ ދާއިރާއިން ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކޮށްދިން ކަމަކަށެވެ. އެ ޕްރޮގްރާމްގެ ދަށުން، 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު އަދި ނޮވެމްބަރުމަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް ހިމެނިވަޑައިގަންވާގޮތަށް މެމްބަރުންގެ ވަފުދެއް ޕާކިސްތާނަށް ވަޑައިގަންނަވާފައިވެއެވެ. އަދި ހަމަ އެ އަހަރުގެ ޑިސެމްބަރު މަހުގެ 16-20އަށް ޕާކިސްތާނުގެ މަޖިލީހުގެ ޑެލިގޭޝަނުން ރާއްޖެއަށް ދަތުރުފުޅެއް ކުރައްވާފައިވެއެވެ.
ޕާކިސްތާނުގެ ނޭޝަނަލް އެސެމްބްލީގެ ސްޕީކަރ ސަރުދާރު އަޔާޒް ސާދިގު އިސްކޮށް ހުންނަވައިގެން ކުރައްވާފައިވާ މި ދަތުރުފުޅުގެ ތެރެއިން ރާއްޖޭގެ ރައްޔިތުންގެ މަޖިލީހާއި، ޕާކިސްތާނުގެ ނޭޝަނަލް އެސެމްބްލީއާ ދެމެދު މުޢައްސަސީ ގޮތުން އެއްބާރުލުން ދިނުމުގެ ތާރީޚީ ފަހުމުނާމާގައި ސޮއިކުރެއްވިއެވެ. މި އެއްބަސްވުން ވެގެންދިޔައީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ހުޅުވުނު ދޮރަކަށެވެ.
ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ރާއްޖޭގެ މަތީ ފެންވަރުގެ ވަފުދަކާއެކު ޕާކިސްތާނަށް ރަސްމީ ދަތުރުފުޅެއް ވެސް ކުރައްވާފައިވެއެވެ.
މިއިން ކޮންމެ ދަތުރަކާއެކު، ޤާނޫނުހަދާ މަޖިލީހުގެ ތަޖުރިބާތައް ޚިއްސާކުރުމުގެ އިތުރުން އެކި ދާއިރާތަކުން ޚިޔާލު ބަދަލުކުރެވި، ދެ ޤައުމުން އެކުގައި މަސައްކަތްކުރުމުގެ ތަރަހަ ފުޅާކުރުމަށް އިތުރަށް ފުރުސަތު ލިބިގެންދެއެވެ. ދެ ޤައުމުގެ ޤާނޫނުހަދާ މަޖިލީސް ވެފައިވަނީ، ރާއްޖެ އާއި ޕާކިސްތާނުގެ ޒަމާންވީ ގުޅުން އިތުރަށް ލާމެހި، ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކޮށްދޭ މަންސައަކަށެވެ.