ޚަބަރު

ފިޔަވަތީގެ ކުދިންނަށް ޚާއްސަކޮށްގެން "ރޮބޯ މޭން" ފިލްމުގެ ޝޯވއެއް


  • ފިޔަވަތީގެ ކުދިންނާއި މުވައްޒަފުން ހިމެނޭހެން 150 އަށްވުރެ ގިނަ ފަރާތް ޝޯވ ބަލަންދިޔަ

ކުޑަކުދިންނަށް ޚާއްސަކޮށްގެން އޮލިމްޕަހުގައި މިހާރު އަޅުވަމުންދާ "ރޮބޯ މޭން އިން ދަ މޫވީ" ބަލާލުމުގެ ފުރުޞަތު ހުޅުމާލޭގެ "ފިޔަވަތި"ގައި އުޅޭ ކުދިންނަށް ދީފިއެވެ.

މިއީ ރޮބޯ މޭންގެ ޓީމުންނާއި އޯކޭޒިން އަދި ޑައިނަމިކްއިން ނެޝެނަލް ސެންޓަރ ފޯރ ދި އާޓްސް، އެންސީއޭގެ އެހީތެރިކަމާއެކު ފަހިކޮށްދިން ފުރުޞަތެކެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި ފިޔަވަތީގައި އުޅޭ ކުދިންނަށް މި ފިލްމު ދައްކާލުމަށް ބޭއްވި ހަރަކާތުގައި ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު ބައިވެރިވެވަޑައިގެންނެވިއެވެ.

ރޮބޯމޭން ފިލްމު ބަލާލުމަށް ފިޔަވަތީގެ ކުދިންނާއި މުވައްޒަފުން ހިމެނޭހެން 150 އަށް ވުރެ ގިނަ ފަރާތް ވަނީ ބައިވެރިވެފައެވެ.

މި ހަރަކާތާއި ގުޅޭގޮތުން ޑައިނަމިކްގެ މޭނޭޖިން ޑިރެކްޓަރ އީސާ ޒުހައިރް ވިދާޅުވީ، މި ފިލްމަކީ ކުޑަކުދިންނާއި އަދި އާއިލާތަކަށް ގުޅުން ހުރި ފިލްމަކަށްވުމުން، ފިޔަވަތި ފަދަ ފިލްމު ބަލާލަން ސިނަމާތަކަށް އާއްމުކޮށް ނާދެވޭ ކުދިންނަށް މި ފިލްމު ދައްކާލުން ނުވަތަ ހަދިޔާކުރުމަކީ ވަރަށް ބޭނުންވި ކަމެއްކަމަށެވެ. އަދި އެކަން ހާސިލުވުމުން އުފާކުރާކަމަށް އޭނާ ވިދާޅުވިއެވެ.

އީސާ ޒުހައިރް ވިދާޅުވީ، މި ފިލްމުން ވަރަށް ބައިވަރު އިބުރަތްތަކެއް ހާސިލުވެގެން ދާނެކަމަށެވެ. އެގޮތުން ގަދައަޅައި މަސައްކަތް ކުރުމާއި، އެއްކުއްޖަކު އަނެއްކުއްޖަކާއި ގުޅިގެން މަސައްކަތް ކުރުމާއި، ދަރިންނާއި މައިންފައިންނާ ދެމެދު ދިމާވާކަންކަމާއި ކުރިމަތިލާނެ ގޮތް ވަރަށް ރަނގަޅަށް ފެނިގެން ދާނެކަމަށް އޭނާ ވިދާޅުވިއެވެ.

"ފިލްމް ހަދަން އައިޑިއާ އައީ ވަރަށް ކުރިން. ފިލްމުގެ ނަމަށް ބަލާލިނަމަވެސް އެނގޭނެ ރޮބޯ މޭން އިން ދަ މޫވީ މިކިޔަނީ. ރޮބޯ މޭން މިއީ ވަރަށް ކުރިންވެސް އަޅުގަނޑުމެންގެ ތެރޭގައި ވަރަށް މަޤުބޫލު ފަރާތެއް. ރޮބޯމޭންނާއި ކުދިންނާއި މިއޮތް ގުޅުން ވަރަށް ދަސްކޮށްގެން ރޮބޯ މޭން ފަރާތުން ކުދިންނަށް ދޭ މެސެޖްތަކާއި ލިބޭ މެސެޖްތަކަށް ބަލާގެން ފިލްމް ހެދި." އީސާ ވިދާޅުވިއެވެ.

"ރޮބޯމޭން ދަ މޫވީ" އަކީ އެހެން ފިލްމްތަކާ ތަފާތު ފިލްމެއްކަމަށް މި ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެއެވެ. މި ފިލްމަކީ ކުދި ބޮޑު އެންމެނަށްވެސް ޚާއްސަ ފިލްމެކެވެ. މިއީ މިހާތަނަށް އެންމެގިނަ ކުޑަކުދިންގެ ބައިވެރިވުމާއެކު އުފެއްދި އެއް ފިލްމުކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.

މި ފިލްމު ގެނެސްދީފައިވަނީ "ދަ ރޮބޯ ޖޫނިއާ ޗެލެންޖު" ނަމުގައި ބާއްވާ ކުޑަކުދިންގެ ނެށުމުގެ މުބާރާތެއްގެ ތެރެއިން ކުރިމަތިވާ އެކި ކަހަލަ ކަންތައްތަކެވެ. މި ފިލްމުގެ ވާހަކަ ބިނާކޮށްފައިވަނީ ކުޑަކުދިންގެ އިތުރުން ބޮޑެތިމީހުންވެސް ވަރަށް ޝައުގުވެރިކުރުވާނެ ގޮތަކަށެވެ.

ރޮބޯމޭންގެ ވާހަކަ ލިޔުނީ، ކުޅަދާނަ ވާހަކަލިޔުންތެރިޔާ މަހުދީ އިމާދެވެ. އަދި ޑައިރެކްޓު ކޮށްފައިވަނީ މަޝްހޫރު ޑައިރެކްޓަރ އިބްރާހިމް ވިސާން (ކަޑި)އެވެ. މިއީ ދިވެހި ސިނަމާއަށް އައި މިފަދަ ފުރަތަމަ ދުވަހެވެ.